ރޯދަމަހުގައި ކުރެވޭ ޢަމަލުތަކާމެދު ޢަޖައިބު ނުވާށެވެ. އޭގެ ބަދަލުގައި އަމިއްލަ ނަފްސުގެ އުނިކަމުގެ މައްޗަށް ހެކި ވާށެވެ.

 

-ރަމަޟާން 13-

[ރޯދަމަހުގައި ކުރެވޭ ޢަމަލުތަކާމެދު ޢަޖައިބު ނުވާށެވެ. އޭގެ ބަދަލުގައި އަމިއްލަ ނަފްސުގެ އުނިކަމުގެ މައްޗަށް ހެކި ވާށެވެ.]

بسم الله الرحمن الرحيم

ރޯދަ މަހުގެ ދުވަސްތަކަކީ ގުނާ ލެވޭ މަދު ދުވަސްތަކެއް ކަމުގައިމެނުވީ ނުވެ އެވެ. ﷲ ވަޙީ ކުރައްވާފައިވަނީ أياما معدودات “ކަނޑައެޅިގެންވާ (މަދު) ދުވަސްތަކެކެވެ.” އެހެންވުމުން، ގުނާ ލެވިގެންވާ މި މަދު ދުވަސްތަކަކީ އިސާހިތަކު ފާއިތުވެ ގޮސް ނިމިދާނެ ދުވަސްތަކެއް ކަމުގައި ދަނެ، މި ދުވަސްތަކުގައި ގަދައަޅާ މަސައްކަތްކޮށް ކުރިއަރައިދާ ބަޔަކު ކަމުގައި މުއުމިނު އަޅުތަކުންވެ އެވެ. މިފަދައިން ޞާލިޙް ހެޔޮ ޢަމަލުތައް ކޮށް ނަފްސަށް އިޙްސާންތެރިވުމާއެކުވެސް އިތުރު ކަމެއް އެއަށް ޖަމަޢަކުރާ ބައެއް ކަމުގައި މުއުމިނުތަކުން ވެ އެވެ.

އެއީ އަމިއްލަ ނަފްސުގެ އުނިކަންތަކަށް އިޢުތިރާފްވެ އެކަމަށްޓަކައި ﷲ ތަޢާލާދެކެ ބިރުވެތި ވުމެވެ.

އަޚުންނޭވެ! މިއީ ރޯދައިގެ އަޅުކަމާއި ގުޅިފައިވާ ވަރަށްވެސް މުހިންމު ޢަޤީދާއާ ގުޅޭ ނުކުތާއެކެވެ.

އެއީ މުއުމިނު އަޅުތަކުންނަކީ އިޙްސާންތެރިކަމާ އެކު، އަޅުކަމުގައި ގަދައަޅާ މަސައްކަތްކޮށް ކިތަންމެ ކުރިއަރައިދިޔަ ކަމުގައިވީނަމަވެސް ﷲ ތަޢާލާދެކެ އިންތިހާއަށް ބިރުވެތިވާ ބައެއްކަމުގައި އަހަރެމެން ދެނެގަތުމެވެ. އެބައިމީހުންނަކީ ނަފްސުގެ ޢަމަލުތަކާމެދު އެއްގޮތަކަށްވެސް ޢަޖައިބުވާ ބައެއް ނޫނެވެ. ابن دينار -رحمه الله- ވިދާޅުވެފައިވެ އެވެ.

”ޢަމަލު ކުރުމަށްވުރެ، ﷲ ހަޟުރަތުގައި ޢަމަލު ޤަބޫލުވޮޑި ނުގަންނަވާނެ ކަމަށް ބިރުވެތިވުން ބޮޑުވެގެންވެ އެވެ.“

لطائف المعارف (376)

މިބައިމީހުންގެ ޙާލު ސިފަ ކުރައްވާ ﷲ ވަޙީކުރައްވާފައިވެ އެވެ. إِنَّ الَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ (57) وَالَّذِينَ هُم بِآيَاتِ رَبِّهِمْ يُؤْمِنُونَ (58) وَالَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ (60) أُولَٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ (61) މާނައީ : “ހަމަކަށަވަރުން އެބައިމީހުންނަކީ، އެބައިމީހުންގެ ވެރި އިލާހުއަށް ބިރުވެތިވުމުން، އެކަލާނގެ ޢަޛާބަށް ބިރުވެތިވާ މީހުންނެވެ. އަދި އެބައިމީހުންނަކީ އެބައިމީހުންބެ ވެރި އިލާހުގެ އާޔަތްތަކަށް އީމާންވާ މީހުންވެ. އަދި އެބައިމީހުންނަކީ އެބައިމީހުންގެ ވެރި އިލާހުއަށް ޝަރީކު ނުކުރާ މީހުންނެވެ. އަދި އެބައިމީހުންނަކީ، އެބައިމީހުންގެ ވެރި އިލާހުގެ ޙަޟުރަތަށް އެނބުރި ދާނޭކަމާއި މެދުގައި އެބައިމީހުންގެ ހިތްތައްބިރުވެތިވެގެންވާ ޙާލުގައި (އަޅުކަން) ކުރާ މީހުންނެވެ. އެބައިމީހުން އެންމެންނީ ހެޔޮކަންތައްތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެބައިމީހުނަކީ ކަންތައްތަކުގައި އަވަސްވެގަންނަ މީހުންނެވެ.”

الإمام أحمد އަދި الترمذي ގައި ރިވާކުރައްވާފައިވާ عَائِشة -رضي الله عنها- ގެ ޙަދީޘް ގައި މި އާޔަތް ތަފްސީރު ކުރައްވަމުން ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. “އެމީހުންނަކީ ރޯދަ ހިފާ، ނަމާދުކޮށް ޞަދަޤާތްދީ އުޅޭ މީހުންނެވެ. އަދި އެމީހުންގެ ކިބައިން ޤަބޫލު ޤަބޫލު ނުވެވިދާނެ ކަމަށްޓަކައި އެމީހުން ބިރުވެތިވެ އެވެ.” صحيح الترمذي 3175

الحسن البصري -رحمه الله- ވިދާޅުވެފައިވެ އެވެ.

”އެބައިމީހުންނަކީ، އެބައިމީހުންނަށް ކުޅަދާނަވެގެންވީހާ މިންވަރަކަށް ހެޔޮ ޞާލިޙް ޢަމަލުތައް ކުޅައުމުގައިވީ މީހުންނެވެ. އެއާއެކުގައިވެސް ނަރަކައިގެ ޣަޛާބުން މިންޖުނުވެދާނެކަމުގެ މައްޗަށް ބިރުވެތިވެގެންވެ އެވެ.“أحمد في الزهد 1661

މިފަދައިން އަމިއްލަ ނަފްސުގެ އަޢިބުތައް ހަނދާންކޮށް ނަފްސުގެ އުނިކަމުގެ މައްޗަށް ހެކިވުމަކީ އޭގެ ސަބަބުން ވަރަށް މުހިންމު ދެކަމަކަށް މަގުފަހިވެގެންދާ ދޮރެކެވެ.

ފުރަތަމަ ކަމަކީ : ނަފްސުގެ ދެރަ ނިކަމެތިކަމާއި، އަދި ﷲ ތަޢާލާއަށް ޙާޖަތް ޖެހިފައިވާވަރު އިޙްސާސުވުމެވެ. الإمام ابن القيم -رحمه الله ލިޔުއްވި ފޮތް الوابل الصيب މި ފޮތުގައި ވިދާޅުވެފައިވެ އެވެ. “ﷲ ގެ އަޅާ އެ އިލާހާ އެންމެ ގާތްކުރާނެ ދޮރަކީ، الافلاس އެވެ. (އެބަހީ : އަމިއްލަނަފްސު ބަގުރޫޓުވެފައިވ ކަމުގައި ދެކުމެވެ.) ” އޭނާގެ ނަފްސަކީ އެއްވެސް ޙާލެއް، އާރެއް ބާރެއް މަޤާމެއް ލިބިގެންވާ ނަފްސެއް ކަމުގައި ނުދެކުމެވެ.”

އަދިވެސް مدارج السالكين ގައި ވިދާޅުވެފައިވެ އެވެ. “އެމީހެއްގެ އަމިއްލަ ނަފްސުގެ ޙާލު ދެނެގަނެ، ﷲ ތަޢާލާއަށް އެމީހަކު އަދާކުރަންޖެހޭ ޙައްޤުތައް ތެދުވެރި ކަމާއެކު ހޯދައިގަނެފި މީހާ، އޭނާގެ ކުށްފާފަތަކާއި މެދުގައި ހިންގާ ނަޒަރު، އެނާއަށްޓަކައި އެއްވެސް ހެޔޮކަންތަކެއް ވާކަމުގައި ނުދައްކާނެ އެވެ. އެހެންކަމުން އެފަދަ މީހަކު އެއްކޮށް ބަގުރޫޓުވެފައިވާ ޚާލިޞް ފަޤީރެއް ކަމުގައި ދެކިގެން މެނުވީ ﷲ އަށް ކުރިމަތި ނުލާނެ އެވެ.

އެހެނީ އޭނާގެ އަމިއްލަ ނަފްސުގެ އަޢިބުތަކުގެ އިތުރުން ޢަމަލުތަކުގެ އަޢިދުތައް ހޯދާ ބަލައިފިނަމަ، އެ ޢާމަލު ތަކަކީ ﷲ ތަޢާލާއަށް ކުއްތަންވާން އެކަށީގެންވާ ޢަމަލުތަކެއް ނޫން ކަމުގައި ދަންނާނެ އެވެ. އަދި ﷲ ތަޢާލާގެ ބޮޑުވެގެންވާ ޘަވާބުން އެކަހެރިކޮށްފައި (އެންމެ މަދު މިނުން) އެއިލާހުގެ ޢަޛާބުން މިންޖުކޮށްދޭނެ ވިޔަފާރި މުދަލެއް ކަމުގައި އެ ޢަމަލުތައް ނުދެކޭނެ އެވެ.

العلامة صالح الفَوزان حفظه الله ވިދާޅުވެފައިވެ އެވެ.

”ތިޔަބައިމީހުންގެ ޢަމަލުތައް ޤަބޫލުނުވެދާނެ ކަމުގެ މައްޗަށް ބިރުވެތިވުން ހުއްޓެވެ. ސަބަބަކީ ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ

ތިޔަބައިމީހުންގެ ނިޔަތާއި، މަޤްޞަދާއި ނަފްސުގެ މައްޗަށް ވިސްނުން ހުއްޓެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އޭނާގެ ޢަމަލުތައް ފެނި ބޮޑާވެރިނުވާށެވެ. ނުވަތަ އޭނާއަށް ވާޖިބުވެގެންވާ ކަންތައްތައް އަދާކުރެވިއްޖެކަމުގައި ހީނުކުރާށެވެ. ﷲއަށް އަދާކުރަންޖެހޭ ޙައްޤު އަދާކުރެވިއްޖެ ކަމުގައި ނުދެކޭށެވެ. އެހެނަސް އޭނާއަކީ ފަރުވާކުޑަކޮށްފައިވާ މީހެއްގެ ގޮތުގައި ނަފްސަށް ދެކޭށެވެ. އޭނާގެ ނަފްސުވަނީ އިހުމާލުވެފައި ކަމުގައި ދެކޭށެވެ… “

އަދިވެސް ވިދާޅުވި އެވެ. ” ﷲގެ ކުރިފުޅުމަތީގައި ނިކަމެތި ފަޤީރެއްކަމުގައި ދެމިހުންނާށެވެ. ބައެއް ސަލަފުއް ޞާލިޙުން ވިދާޅުވެފައިވެ އެވެ. ”އަހަރެންގެ ކިބައިން ﷲ ޛައްރެއްގެ މިންވަރު ޤަބޫލުވޮޑިގަންނަވައިފިކަން އަހަރެންނަށް އެނގިއްޖެހިނދުގައި މަރުވުމަށް އުއްމީދު ކުރާހުށީމެވެ.“

ސަބަބަކީ އެއީ އެބޭކަލުން ﷲ تعالى ގެ މައްޗަށް އޮތް ބިރުވެތިކަމެއްގެ ބޮޑުކަމުންނެވެ.“

ދެވަނަ ކަމަކީ : އާދެ! އަމިއްލަ ނަފްސުގެ އުނިކަންތައްތަކުގެ މައްޗަށް ހެކިވުމުގެ ނަތީއްޖާގެ ގޮތުން، ނަފްސުގެ މައްޗަށް ލާޒިމް ކުރާ މުހިންމު ދެވަނަ ކަމަކީ ތަޥްބާވުމެވެ. ކުއްތަށް ތިމާއަށް ނުފެނި، ނަފްސުގެ އުނިކަންތަކުގެ މައްޗަށް ސަމާލުނުވެ، އެ ކުއްތަކާއި އަޢިބުތަކުގެ މަތީގައި ހުރުމުގެ ނަތީއްޖާގެ ނުރައްކާ ވިސްނުން ހުއްޓެވެ.

الإمام ابن القيم ވިދާޅުވެފައިވެ އެވެ.

”މިއީ އެންމެ ބޮޑުވެގެންވާ ފިޤުހުވެރި ކަމެވެ.

އަޅާ އޭނާ ކޮށްފައިވާ ފާފަތަކުގެ ސަބަބުން އޭނާގެ މަރު ހިއްޕެވޭ ހިނދުގައި، ހެޔޮވެގެންވާ ޚާތިމާއެއް (ދުނިޔެ ދޫކޮށްފަ ދިޔުން) ބަދަލުވެ ދާނެކަމަށްޓަކައި، އޭނާގެ ފާފަތަކުގެ މައްޗަށް ބިރުވެތި ވުމެވެ.“ الجواب الكافي ١٦٧/١

ރޯދަވެރިންނޭވެ! ރޯދައިގެ މަތީގައި ކިތަންމެ އަޅުކަންތަކެއް ކުރިކަމުގައިވިނަވެސް، އެ ކުރާ އެންމެހައި އަޅުކަންތަކަށްވުރެ ﷲ ތަޢާލާގެ ޙައްޤު މަތިވެރިވެގެންވެ އެވެ. އަހަރެމެންގެ ގިނަ އަޅުކަންތަކަށް ވެރިވެފައިވަނީ ފަރުވާކުޑަ ކަމާއި، ޣާފިލު ކަމެވެ. އެހެން ކަމުން ﷲ ތަޢާލާގެ ހައްޤުގައި ފަރުވާކުޑަކޮށްފައިވާ ކަމުގެ މައްޗަށް ތިބާ ހެކިވާލެއް އިތުރުވާ މިންވަރަކުން ތަޥްބާގެ ދޮރު ތިބާއަށް ހުޅުވި އެކަމުގެ މަގު ފަސޭހަވާނެ ކަމީ އެނގިގެން ބަޔާންވެގެންވާ ކަމެކެވެ. އަޚުންނޭވެ! އަޅުކަމުގައި ކުރިއަރައި ދިއުމާއެކުވެސް ނަފްސުގެ މައްޗަށް ކުށް އިޢުތިރާފްވެ، އެ ކުށްތަކުގެ މައްޗަށް ރޮއި، ހިތާމަކޮށްފައިވަނީ ތަޤްވާވެރިންނެވެ. އެއީ އެބައިމީހުންގެ ސިފައެކެވެ.

القاسم بن أبي أيوب ވިދާޅުވި އެވެ. ” سعيد بن جبير ރޭގަނޑުގެ ވަޤުތުގައި ކީރިތި ކުރައްވަމުންގޮސް އެކަލޭގެފާނުގެ ދެ ލޯފުޅު ފުސްވެ ހަލާކުވެގެން ދިޔަ އެވެ.“ حسن/الزهد لأحمد ٥١٣

ﷲ ތަޢާލާ އަހަރެމެން އެންމެނަށްވެސް މިކަމަށް ތަޥްފީޤު ދެއްވައި، އެންމެ ފުރިހަމަ ގޮތުގައި އެ އިލާހަށް ބިރުވެތިވުމާއެކު އަޅުކަންކުރުމަށް މަގުފަހި ކޮށްދެއްވާނދޭވެ.