ރަމަޟާން 16
ރަޟާން މަހުގެ ބޮޑު ބައި ފާއިތުވެއްޖެ އެވެ.
بسم الله الرحمن الرحيم
އަޚުންނޭވެ! އެއީ ޢަދަދުގެ ގޮތުންވެސް މަދު ދުވަސްތަކެކެވެ. أياما معدودات މި ޖުމްލައިގައި ބަޔާންވެގެންވަނީ ޢަދަދުގެ މަދުކަމެވެ .އެ މަދު ދުވަސްތަކުގެ ބޮޑު ބައި މިވަނީ ފާއިތުވެފަ އެވެ. މިއީ މަސްތައް އަދި ދުވަސްތައް އަދި އަހަރުތައްވެސް އަދި ޢުމުރުވެސް ދާނެ ގޮތެވެ.
މި ދުވަސްތަކުގެ އަޤު ދަންނަ މީހަކަށް އެހިނދު މި ފާއިތުވި ތަނުގެ މައްޗަށް އެކަށީގެންވާ ގޮތުގައި ޙައްޤު ނުދެވޭ ކަމަށްޓަކައި ދެރަވެ ހިތާމަ ކުރާނެ އެވެ.
އަދި ބާކީއޮތް މަދު ދުވަސްތަކުގެ ފައިދާ ހޯދުމަށް އިތުރު ހިތްވަރާއި ދަގަފަދަ ނުގުޑާނެފަދަ ޢަޒުމެއް ނެރޭނެ އެވެ.
އެފަދައިން ނުވާންވީ ކީއްވެ ހެއްޔެވެ؟ ކުރިއަށް އޮތް ދުވަސްތަކަކީ ފާއިތުވި މުޅި ޢުމުގެ އެންމެހައި ކަންތައްތަކެއް ފޫ ބައްދާލާނެ ފަދަ ފުރުސަތެއް ކަމުގައި ވުމެވެ.
މިއަދު ފަދަ، ރަމަޟާން މަހެއްގެ 16 ވަނަ ދުވަހެއްގައި العلامة ابن باز -رحمه الله- މިސްތަކުންނަށް ނޞޭޙަތްތެރިވެ، އެކަން ހަނދުމަކޮށްދީ ވިދާޅުވެފައިވެ އެވެ. “ހަމަކަށަވަރުން މި ބަރަކާތްތެރި މައްސަރުގެ ބޮޑުބައި ފާއިތުވެއްޖެ އެވެ. މިއަދަކީ 16 ވަނަ ދުވަހެވެ. ﷲ سبحانه و تعالى އަހަރެމެންނާއި ތިޔަބައިމީހުންނަށް އެކަލާނގެ ރުހިވޮޑިގެންވާ އެންމެހައި ކަންތައްތަކުގެ މައްޗަށް އަޖުރު އިތުރުވެދިއުމުގެ ތަޥްފީޤު ދެއްވާށި އެވެ. އަދި އަހަރެމެންނާއި ތިޔަބައިމީހުންނަށް ހެޔޮކަންކަމުގައި އެކަކު އަނެކަކަށްވުރެ ކުރިއަރައިދއުމުގެ ވާގިވެރިކަން ދެއްވާށި އެވެ.
ބާކިއޮތް މި މާތްމަތިވެރި ދުވަސްތަކުގައި މުސްލިމްއަޅާއަށް ޝަރުޢުވެގެންވަނީ ނުހަނު ގަދައަޅާ މަސައްކަތް ކުރުމެވެ. އަދި ފާއިތުވެދި ދުވަސްތަކުން ފިލާވަޅެއް ހޯދައި ބާކީއޮތް ދުވަސްތަކުގެ މައްޗަށް ފަރުވާތެރިވުމެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ޤާއިމްވެ ދެމިހުރުމެވެ. ނަމާދުކުރުން ގިނަކުރުމާއި، ތަސްބީޙަ ކިޔުމާއި، ތަހްލީލު ކިޔުމާއި، ތަކްބީރު ކިޔުމާއި އަދި ތަޙްމީދު ކުރުން ގިނަކުރުމެވެ. އަދި ވިސްނައި، ތަދައްބުރުކޮށް ޤުރުއާން ކިޔެވުން އިތުރު ކުރުމެވެ. ޞަދަޤާތް ދިނުން އިތުރު ކުރުމެވެ. ނަޞޭޙަތް ދިނުން އިތުރު ކުރުމެވެ. ހެޔޮކަންކަމަށް ބާރުއެޅުން އިތުރު ކުރުމެވެ. ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ. އަދި މި ނޫނަސް އެހެނިހެން ބާވަތްތަކުގެ ހެޔޮކަންކަން އިތުރުކުރުމުގައި ދެމިހުރުމެވެ…..”
އަޚުންނޭވެ! އަޚުންނޭވެ! މިބަސްތައް ނަފްސުގެ ތެރޭގައި ހިނގަހިނގާ ހުންނަން ޖެހެ އެވެ.
الحَافظ ابن رجب ވިދާޅުވެފައިވެ އެވެ. ”ﷲގެ އަޅުތަކުންނޭވެ! ރަމަޟާން މައްސަރު ދެބައިވެއްޖެ އެވެ. އިންސާފުވެރިކަމާއި އެކު ތިޔަބައިމީހުންގެ ތެރެއިން ﷲ އަށްޓަކައި ނަފްސު ހިސާބުކުރީ ކާކުތޯ އެވެ!“ لطائف المعارف (١٨٣)
ފާއިތު މިވަނީ ޙިސާބު ނުކޮށް ދޫކޮށްލެވޭނެ ދުވަސްތަކެއް ނޫނެވެ. ނޭނގި ދައުރުކުރާހެން ދައުރު ކުރާ ކަހަލަ ދުވަސްތަކެއް ނޫނެވެ. އިންސާފުވެރިކަމާއި އެކު ނަފްސު ޙިސާބުކޮށް މުރާޖަޢާ ކުރުން ޙައްޤުވެގެންވާ ދުވަސްތަކެކެވެ.
الحَافظ ابن رجب الحَنبَلِي ވިދާޅުވެފައިވެ އެވެ.
”ތިޔަބައިމީހުންގެ މި މައްސަރު މިވަނީ މަދުވާން ފައްޓާފަ އެވެ.
ފަހެ، ތިޔަބައިމީހުން ޢަމަލުތައް ގިނަކުރުމުގައި ދެމިތިބުން ހުއްޓެވެ.“ لطائف المعارف : 262
ޖަވާހިރަށްވުރެ، ރަނަށްވުރެ އަގުބޮޑު ވަޤުތުތަކެވެ. ކޮންމެ ހިނދުކޮޅަކީ އެފަދަ މަތިވެރި ވަޤުތުތަކެއް ކަމުގައި ދެކެން ޖެހެ އެވެ.
ރަޙްމަތްތެރިންނޭވެ! މި ވަޤުތުތަކުގެ އަގު ތިޔަ އަޚުންނަށް ވަޒަން ކުރެވޭނެ އެވެ. ވަޤުތުތުގެ މާތް ކަމާއި އެކުގައި އަޅުކަންތައްތައް މަތިވެރިވެގެންވާނެ އެވެ. ވުމުން ހިނދުކޮޅެއް، ސިކުންތު ތަކެއްގެ ތެރޭގައި ކުރެވޭފަދަ ކުޑަ ޢަމަލެއްވެސް މި ދުވަސްތަކުގެ މި ވަޤުތުތަކުގައި ކުރުން ކޮންފަދަ އަގުހުރި އެތައް ގުނަތަކަށް އުފުލިގެންދާނެ އަޅުކަންތައްތަކެއް ގޮތުގައިވާނެ ކަން ދަންނާނެ އެވެ.
އެފަދަ ވަރަށް ކުޑަ މިޘާލެކެވެ. الشَّيْخ مُحمَّد بن صالح العثَيمين رحمه الله ވިދާޅުވެފައިވެ އެވެ.
”ދީނުގައި އަހަރެމެންނަށް ބަޔާންވެ އެނގިގެންދަނީ، އިންސާނާގެ ހެޔޮޢަމަލުތައް ލިޔެވޭ ފަތުގައި ލިޔެވިގެންދާ އެންމެ ތަޞްބީޙައެއްވެސް ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކަށްވުރެން ހެޔޮކަންބޮޑުވެގެންވާކަމެވެ. ސަބަބަކީ ދުނިޔެ އާއި ދުނިޔޭގައި ވާހާތަކެއްޗެއް ނެތިވެ ފަނާވެގެންދާނެ އެވެ. ތަސްބީޙަ އާއި ހެޔޮޢަމަލުތައް ދެމިއޮންނާނެ އެވެ. ﷲ تعالى ވަޙީކުރެއްވި އެވެ.
(الْمَـالُ وَالْبَنُـونَ زِينَـةُ الْحَـيَاةِ الـدُّنْيَا وَالْبَاقِيَـاتُ الصَّالِحَـاتُ خَيْـرٌ عِنـدَ رَبِّـكَ ثَـوَابًا وَخَـيْرٌ أَمَـلًا)
މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙް ޢަމަލުތައް، އިބަނަބިއްޔާގެ ވެރިއިލާހުގެ ހަޟުރަތުގައި ޘަވާބުގެ ގޮތުން މާހެޔޮކަންބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަންބޮޑުމެ އެވެ.“ شـرح ريـاض الصالحـين : ٣٧٨/٣
ވުމާއެކު، އެންމެހައި އަޚުންނަށް ހިތްވަރު ދެމެވެ. ބާރުއަޅަމެވެ ނަޞޭހަތްތެރިވަމެވެ. ވަޤުތުގެ ބޭނުން ހިފާށެވެ. މިފަދަ ދުވަސްތަކެއް ބައްދަލު ނުވާނެ ކަން ދަންނަ ފަދައިން ޤާއިމްވެ ﷲ އަށް ކުއްތަންވާ ފަރާތެއް ކަމުގައި ވާށެވެ.
ފަހެ، މިއީ މުޅި ޢުމުރު އަތުލައި ގަނެވޭނެ ފަދަ ދުވަސްތަކެވެ.
و الله ولي التوفيق. و الحمد لله رب العلمين