ނިޢުމަތްތަކަށްޝުކުރު ކުރުން

 

ނިޢުމަތްތަކަށްޝުކުރު ކުރުން

ރަމަޟާން 17

بسم الله الرحمن الرحيم

الله تعالى ވަނީ އަހަރެމެންގެ މައްޗަށް ގުނަ ނުކުރެވޭހާގިނަ ނިޢުމަތްކެއް ލައްވަވާފައެވެ. އެ އިލާހު ވަޙީ ކުރެއްވި އެވެ. (( وإن تعدوا نعمة الله لا تحصواها)) މާނައީ ” އަދި ތިޔަބައިމީހުން ﷲ ގެ ނިޢުމަތްތައް ގުނައި އަދަދުކުރިޔަސް އެ ނިޢުމަތްތަކެއެއް ތިޔަބައިމީހުންނަކަށް ޢަދަދުކޮށް ހިމަނައި ނުގަނެވޭނެއެވެ”.

ﷲ تعالى ގެ ނިޢުމަތްތައް އަދަދުކުރުމަށް ނުކުޅެދިފައިވާ ހާލުގައި އަހަރެމެންވަނީ އެ ނިޢުތްތަކަށް ޝުކުރު ކުރުން ޙައްޤު ގޮތުގައި ޝުކުރަންވެސް ނުކުޅެދިފައެވެ.

ابن كثير رحمه الله ތަފްސީރުގައި طلق بن حبيب رحمه الله ވިދާޅުވިކަމަށް ރިވާކޮށްފައިވެއެވެ. ” ހަމަކަށަވަރުން ﷲ ގެ ޙައްޤަކީ އަޅުތަކުން އެ އާދާ ކުރުމަށް ކުޅާދާނަވެގެންވާ ވަރަށްވުރެ މާ ބަރު އެއްޗެކެވެ. އަދި ހަމަކަށަވަރުން ﷲ ގެ ނިޢުމަތްތަކަކީ އަޅުތަކުން އެ ގުނަނުކުރެވޭހާ ގިނަ އެއްޗެކެވެ. އެހެނަސް ތިޔަބައިމީހުން ހެދުނާއި ހަވީރު ތަވްބާ ވާބަޔަކަށް ވާށެވެ.”(4/511).

އަޚުންނޭވެ! މިމައްސަރަކީވެސް ނިޢުމަތެކެވެ. ރޯދަ ހިފުމުގެ ކުޅަދާނަކަމާއި ޤާބިލްކަމާއި، މިކަމަށް ތަޥްފީޤު ލިބުމަކީވެސް ނިޢުމަތެކެވެ. އެހެނަސް ހިތާމައަކީ ވަރަށްގިނަ ބަޔަކަށް ނިޢުމަތް ބުނުމުން އެއީ ލޮލަށް ފެންނަ ޙިއްސީ އެއްޗެއް ކަމުގައި ނޫނީ ނުވާކަމެވެ. މިފަދަ ކޮށި، ވިސްނުމުގައިވާ ފަރާތެއް މިފަދަ މައްސަރެއް ކުރިމަތިވުމުން، ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބުމާއި، އެހެނިހެން އަގު ނުކުރެވޭ ޢަދަދު ނުކުރެވޭ ނިޢުމަތްތަކަށް ޝުކުރު ކުރާނެ ނިޔަތެއް ކީއްކުރަން ޢަމަލެއް މިންވަރުވެސް ނުވާނެ އެވެ. އެކުވެރިންނޭޥެ! މިއީ ހައްތަހާވެސް ޝުކުރުވެރިވާން ޖެހޭ، ޝުކުރު ކުރަންޖެހޭ ނިޢުމަތްތަކެވެ.

العَلاَّمَة صالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.

”ހަމަކަށަވަރުން އެމީހަކަށް ރަމަޟާން މައްސަރާއި ބައްދަލުކޮށް، އެ މައްސަރުގެ ފައިދާ ހޯދުމުގެ ކުޅަދާނަކަން ﷲ އެމީހަކަށް ދެއްވައިފި މީހާއަކީ.. ހަމަކަށަވަރުން ބޮޑުވެގެންވާ ނިޢުމަތެއް ﷲ އެމީހަކަށް ދެއްވާފައިވާ ފަރާތެކެވެ. އެ ނިޢުމަތާއި އަޅާ ކިޔާލެވޭނެ އެހެން ނިޢުމަތެއް ނުވެ އެވެ.“مجالس رمضان ص 11

الإمام ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން އޭނާގެ ކެއުމާއި، ބުއިމުގައި އަދި ހަށިގަނޑަށް ލިބިފައިވާ ޢާފިޔަތުގައި ނޫނީ ﷲ އޭނާއަށް ދެއްވި ނިޢުމަތްތައް، ނުފެންނަމީހާ އަކީ، އޭނާގެ ބުއްދިން އެއްވެސް ނަޞީބެއް ލިބިފައިވާ މީހެއް ނޫނެވެ.“ إغاثة اللهفان ٦٧/١

އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި ވަށައިގެން ބަލައިފި ކަމުގައިވާނަމަ އަހަރެމެންނަށް الله تعالى އަހަރެމެންގެ މައްޗަށް ލައްވާފައިވާ ނިޢުމަތްތަކުގެ ބޮޑުކަން އެނގިގެންދާނެވެ. އަހަރެމެންގެ ގައުމުގައިވީ އަމާންކަމާއި އަހަރެމެންނަށް ލިބިގެންވާ މިނިވަންކަމާއި އަދި އަހަރެމެންނަށް ދީނަކީ އަރެމެންނަށް ﷲ ދެއްވަވާފައިވާ ބޮޑެތި ނިއުމަތްތަކެކެވެ.

އިސްލާމްދީނުގެ ނިޢުމަތާއި އަދި ޚާއްޞަކޮށް ސަލަފައްޔަތަށް ހިދާޔަތު ލިބުމަކީ ﷲ تعالى ގެ އެންމެ ބޮޑު ނިއުމަތްތަކެވެ. އަހަރެމެން ވާންވާނީ މި ނިޢުމަތްކަށް ޝުކުރުކުރާ ބައެއްގެ ގޮތުގައެވެ. އަދި އެނިޢުމަތްތައް އަހަރެމެންގެ ކިބައިން ބީވެގެންނުދިއުމަށް އެދި ﷲ އަށް ދުޢާ ކުރާބައެއްގެ ގޮތުގައެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ.

(و إذ تأذن ربكم لئن شكرتم لأزيدنكم ولئن كفرتم إنّ عذابي لشديد) -إبراهيم 7- މާނައީ ” އަދި ތިޔަބައިމީހުންގެ رب ތިޔަބައިމީހުންނަށް އަންގަވާ إعلان ކުރެއްވިހިނދު ހަނދާން ކުރާށެވެ! (އެކަލާނގެ އެންގެވިއެވެ.) ތިޔަބައިމީހުން ތިމަންއިލާހުގެ نعمة އަށް شكر ކުރިއްޔާ ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުންނަށް نعمة އިތުރުކޮށްދެއްވާހުށީމެވެ. (نعمة އަށް ޝުކުރުކުރުމުގެ އެންމެމަތީ ކަމަކީ ކިޔަމަންތެރިވުމެވެ.) އަދި ތިޔަބައިމީހުން ކާފަރުވެއްޖެއްޔާ (عذاب ދެއްވާހުށީމެވެ.) ހަމަކަށަވަރުން ތިމަންއިލާހުގެ عذاب ގަދަވެގެންވެއެވެ.”

ލޯބިވާ އަޚުންނޭވެ! އާޔަތް ކިޔުމަށްފަހު ވިސްނިގެންދަނީ، ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ކަމެވެ. އަދި އޭގެ ނަތީއްޖާއަކީ އެހިނދު ނިޢުމަތްތައް ގިނަވާނެ ކަމެވެ. ޝުކުރު ކުރުމުގެ އެންމެ އަސާސީ މާއްދާ މިއަދު ގިނަ ހިތްތަކުގައި ވަނީ “ޣާފިލް” ގެ ސުރުޙީގެ ދަށުގަ އެވެ.

އެއީ ކީއްވެ ހެއްޔެވެ؟ އެކަން ކުރުމަށް ބޭނުންވަނީ ފައިސާ އަދި މުދަލެއް ނޫނެވެ. ވަޤުތެވެ. ބޭނުންވަނީ ވަޤުތެވެ. ފަހެ، އެ ވަޤުތު މި ފަނާކޮށް ހުސްކޮށްލަނީ އަގެއްނެތް، މަޤާމެއް ނެތް ގޮތުގައި ބޭކާރު ގޮތުގަ އެވެ. އެހެންވުމުން މި ބުނެލީ “ޣާފިލް” ކަމުގަ އެވެ. ޛިކުރު ކުރުމާއި ﷲ ހަނދުމަކުރުމަށް ބޭނުންވަނީ ފައިސާތޯ އެވެ؟ މުދާ ހެއްޔެވެ؟

ގެއާއި ގެދޮރު ހެއްޔެވެ؟ ނޫނެކެވެ! އެކަމަށް ބޭނުން ވަނީ ވަޤުތެވެ. އަޚުންނޭޥެ! އަޚުންނޭޥެ! ވަޤުތު ހޭދަކުރާ ގޮތް ޙިސާބު ކޮށްލުން ހުއްޓެވެ.

الإمام ابن القيِّم رحمه الله ވިދާޅުވެފައިވެ އެވެ. ”ޛިކުރު ކުރުމަކީ ޝުކުރު ކުރުމުގެ އެންމެ އިސްވެގެންވާ މައިގަނޑު އަސާސެވެ.

ޝުކުރު ކުރުމަކީ ނިޢުމަތްތައް ޙާޞިލްވެ އިތުރުވެ ދިއުމުގެ ސަބަބެވެ. ބައެއް ސަލަފުއް ޞާލިޙުން ވިދާޅުވެފައިވެ އެވެ.

ތިބާ (ބެލެހެއްޓެވުމުގައި ހަނދުމަނެތިވޮޑިނުގަންނަވާ) ޣާފިލުވެވޮޑިނުގަންނަވާ ފަރާތް ޛިކުރު ކުރުމުގައި ޣާފިލުވުމަކީ ކޮންފަދަ ނުބައިކަމެއްހެއްޔެވެ؟“ بدائع التفسير2/91

صحيح البخاري ގައި ވެއެވެ ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ދެފައިނޕުޅު ދުޅަވަންދެން ރޭގަނޑުގައި ރޭއަޅުކަމުގައި ހުންނަވައެވެ. ފަހެ އެކަލޭގަފާނަން ބުނެވެއެވެ. ﷲ ވަނީ ކަލޭގެފާނަށް އިސްވެގޮސްފައިވާ ފާފަތަކާއި އަދި ފަހަށްވާނޭ ފާފައެވެސް ފުއްސަވައިދެއްވާފައި ނޫންހެއްޔެވެ؟ ޙަދީޘް ކުރައްވައެވެ.

” ފަހެ ގިނަގިނައިން ޝުކުރުކުރާ އަޅަކުކަމުގައި އަހަރެން ނުވާންވީ ހެއްޔެވެ.”

ރަޙްމަތްތެރި ގާތް އެކުވެރިންނެވެ! މި މިންވަރަށް ﷲ އަށް ޝުކުރު ކުރެއްވުމަށް ޢަމަލުފުޅުން ޤުރުބާންވެވަޑައިގެންނެވި ނަބިއްޔާ މިފަދައިން ޤާއިމްވަޑައި ދެމިހުނެވީ ކޮންފަދަ ނިޢުމަތްތަކެއް ލިބިވަޑައިގެން އެ ނިޢުމަތްތަކަށް ޝުކުރު އަދާކުރުމުގައި ވުމަށްޓަކައި ތޯ އެވެ؟

އިޙްސާސު ކޮށްލުން ހުއްޓެވެ! ނަފްސަށް ހިތަށް ގެނެސްގަތުން ހުއްޓެވެ! އެއީ ކޮންފަދަ ނިޢުމަތްތަކަށް ޝުކުރުވެރި ވުމަށް ހެއްޔެވެ؟

ނަބިއްޔާ ﷺ އުޅެއްވި ޙާލުކޮޅަކީ މި އެވެ. ابن مَسعُود -رضي الله عنه- ވިދާޅުވެފައިވެ އެވެ. “ފަން ތޮށަލިގަނޑެއްގެ މަތީގައި ރަސޫލާ ﷺ އަވަހާރަފުޅު ލެއްޕެވި އެވެ. ފަހެ، ނަބިއްޔާ ﷺ ހޭފުޅު ލެއްވިހިނދު، އޭގެ އަޘަރު ހަށިކޮޅުގައި ހުއްޓެވެ. އެއަށްވުރެ ހެޔޮ ރަނގަޅު އެއްޗެއް ރަސޫލާއަށް ހޯއްދަވައިދެއްވުން އެދި ދެންނެވުމުން ޙަދީޘްފުޅު ކުރެއްވި އެވެ. “ތިމަން ނަބިއްޔާ އާއި މިދުނިޔެއާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ހަމަކަށަވަރުން ތިމަން ނަބިއްޔާ އާއި މިދުނިޔޭގެ މިޘާލަކީ، ދަތުރުކޮށްފައިދާ މީހަކު، ހިޔާ ދީފައިވާ ގަސްދޮށެއްގައި އަރާމުކޮށްލުމަށް މަޑުކުރާ ފަދައިން މަޑުކޮށްލާ މީހެއްގެ މިޘާލެވެ. އެއަށްފަހު އެ ދޫކުރައްވާ ވަޑައިގަންނަވަ އެވެ.”

އަޚުންނޭވެ! ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެމެން މި އުޅޭ އަރާމާއި، އުފަލާއި، ކެއުމާއި ބުއިމާއި، ތަނަވަސްކަމަކީ ކައިބޮއި ނިންމާފަ ދުނިޔެއިން ނުކުމެ ދިޔައީމަ ނިމުނީ ކަމަށް ދެކެނީ ހެއްޔެވެ؟

ﷲ ޤަންދީ ބުނަމެވެ! މިއަދު މީސްތަކުންގެ ޢަމަލާއި އުޅުމާއި ގުޅުމަށް ބަލައިފި މީހާ މި މިސްތަކުން ޝުކުރުވެރި ވުމުގެ ބާބުގައި ތިބި ހިސާބު ފެންނާނެ އެވެ. و الله المستعان ولا حول ولا قوة إلا بالله.

ކުރިމަތީގައި މި އޮތީ އެންމެ މުޅި ޙަޔާތުގައިވެސް ބައްދަލު ކުރާނެ މާތް މަތިވެރި ރޭތަކެވެ. މި ނިޢުމަތްވެސް ލިބެނީ އެވެ….. ޝުކުރުގެ ވާހަކަ އިވެނީ ކޮންތަނަކުން ހެއްޔެވެ؟

ލޯބިވާ އަޚުންނޭވެ! މިފަދަ ލިޔުން ކޮޅަކުން މިފަދަ މައުޟޫއަކާއި ގާތް ކުރާ މިންވަރަށްވެސް މައުޟޫގެ މުހިންމުކަމާއި، އޭގެ ޙައްޤުދެވޭނެ ވަރަށް ބަޔާން ނުކުރެވޭނެ އެވެ. ވިސްނުމަށް ގެނެސްގަތުން ހުއްޓެވެ. ނިޢުމަތްތައް އަޅުތަކުންނަށް ދެވިފައިވާ ގިނަގުނަ ކަމެވެ. މިއީ ހިލޭ ދެވިފައިވާ ނިޢުމަތްތަކެވެ. ބަދަލުގައި އެއްޗެއް ދީގެންނޫނެވެ. ﷲ ގެ ދީލަތިވަންތަ ކަމާއި އެކަލާނގެ ލޮބުވެތިވޮޑިގެންނެވުމުގެ ތަނަވަސްކަމެވެ. ނަފްސަށް ހަނދުމަކުރަންވީ މި ނިޢުމަތްތަކަށް ޝުކުރުނުކޮށް ތިމާއަށް ފެނުނު ގޮތަކަށް އުޅުމަށް ދޫކޮށްލެވިފައިވާ ބައެއް ކަމުގައި ﷲގެ އަޅުތަކުން ނުވާނެ އެވެ.

الحسن البصري ގެ މި އަޘަރުން ފުރިފައިވާ ބަސްކޮޅާއިމެދު ވިސްނާލުން ހުއްޓެވެ. الإِمَام الحسن البصري ވިދާޅުވެފައިވެ އެވެ. ”ﷲ عزوجل ބަޔަކަށް ނިޢުމަތެއް މިންވަރުކުރައްވައިފި ހިނދު އެނިޢުމަތަށް ޝުރުކުވެރިވިތޯ އެބައިމީހުންނާ ސުވާލު ކުރައްވަ އެވެ. ފަހެ، އެބައިމީހުން ޝުކުރުވެރިވެއްޖެހިނދު، އެބައިމީހުންނަށް އެ ނިޢުމަތް އިތުރުކޮށްދެއްވުމުގައި ﷲ ވޮޑިގެންވެ އެވެ.

އަދި އެބައިމީހުން ނިޢުމަތަށް ކުފުރުވެރިވެއްޖެހިނދު، އެ ނިޢުމަތް އެބައިމީހުންގެ މައްޗަށް ޢަޛާބެއްގެ ގޮތުގައި ބަދަލު ކުރެއްވުމަށް އެއިލާހު ކުޅަދުންވަންތަވޮޑިގެން ވެ އެވެ.“

الشكر لابن أبي الدنيا 60

އަޚުންނޭވެ. އަހަރެމެންނާއި ކުރިމަތިވެފައިވާ މި މައްސަރަކީ ނިޢުމަތްތަކުން ފުރިގެންވާ މައްސަރެކެވެ.

ﷲ ގެ ރަޙުމަތާއި ދިންނެވުމުން ފުރިގެންވާ މައްސަރެކެވެ. އެހެންކަމުން މި ނިޢުމަތްތަކަށް ޝުކުރުކޮށް. ކިޔަމަންގަތުމުގެ އަމަލުތައް ގިނަކުރާ ބަޔަކުކަމުގައި ވަމާ ހިނގާށެވެ. ޝުކުރަކީ ދުލުގެ އިރުތުން ޢަމަލުންވެސް ކުރެވޭ ކަމެކެވެ.

ނިންމާލުމުގެ ކުރިން އެންމެ ފަހު ބަސްފުޅުގެ ގޮތުގައި ނިޢުމަތަށް ޝުކުރު ވެރި ވުމުގެ މައުޟޫ ޚުލާސާ ކޮށްލެވިފައިވާ އޭގޭ ޢަމަލާއި ނަތީއްޖާ ބަޔާންވެގެންވާ ބަސްފުޅެއް ބަޔާން ކުރަމެވެ.

العَلاَّمَة الشَّيخ العُثَيمِين ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ބުއްދިވެރިއަކީ (އޭނާއަށް މެދުވެރިވާ ކަންތައްތައް) ފަހުމްވެ، އަޅައިކިޔާނެ ފަރާތެވެ.

ފަހެ، ލިބިފައިވާ އަމަން އަމާންކަމުގެ މައްޗަށް ޝުކުރު ނުކޮށްފިހިނދު، ނާމާންކަމާއި ބިރުވެރި ކަމަށް ﷲ އެ ނިޢުމަށް ބަދަލު ކުރައްވާނެތެވެ. އަދި ރިޒުޤު ތަނަވަސްކަމުގެ މައްޗަށް ޝުކުރު ނުކޮށްފި ހިނދު، ބަނޑުހައި ހޫނުކަމަށް ﷲ އެ ނިޢުމަތް ބަދަލު ކުރައްވާހުއްޓެވެ. ހަމައެފަދައިން ދީނުގެ ނިޢުމަތަށް ޝުކުރު ނުކުރާކަމުގައިވެއްޖެ ހިނދު، ކުފުރުވެގެން ދިއުމަށް އެ ނިއުމަތް ބަދުލުރައްވާ ހުއްޓެވެ. (ﷲ ވަޙީކުރައްވާފައިވެ އެވެ.)

وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُم

އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫން ބަޔަކު، އެކަލާނގެ ގެންނަވާ ހުއްޓެވެ. ދެން ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެބައިމީހުން ނުވާނެތެވެ.“ الضياء اللامع (٣٣٠/٢)

އަޅަމެންނަކީ ނިޢުމަތަށް ޝުކުރުވެރިވާ ބައެއް ކަމުގައި ލައްވާނދޭވެ! ނިޢުމަތްތަކުގެ މައްޗަށް ހަނދުމަ ކުރާ ބައެއް ކަމުގައި ލައްވާނދޭވެ. ޣާފިލްވެގައިވާ، ފުރަގަސްދީފައިވާ ބައެއް ކަމުގައި ނުލައްވާނދޭވެ.

والحمد لله رب العالمين