ފިޠުރު ޒަކާތް އެންމެ އަވަހަށް ނެރެވޭނެ ވަޤުތަކީ ކޮބާ؟ އަދި ހެޔޮކަން ބޮޑުވެގެންވާ ވަޤުތެއް އޮތްނަމަ އެކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله
ފިޠުރު ޒަކާތް އެންމެ އަވަހަށް ފަޤީރަކަށް ނުވަތަ މިސްކީނަކަށް ދެވޭނެ މުއްދަތުގެ ގޮތުގައި ދީނުގައި ކަނޑައެޅިފައިވަނީ ދެ ވަޤުތެއް ގައެވެ.
ފުރަތަމަ ވަޤުތަކީ: ހުއްދަވެގެންވާ ވަޤުތެވެ. އެއީ ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޒަކާތް ނެރުމެވެ. މިކަމުގެ ދަލީލު ޞަޙީޙު البخاري، 1511 ގައިވެއެވެ. ޞަޙާބީ ابن عمر -رضي الله عنهما- ވިދާޅުވެފައިވެއެވެ. ( وَكَانُوا يُعطُونَ قَبلَ الفِطرِ بِيَومٍ أَو يَومَينِ ) “އެ ބޭކަލުން ފިޠުރު ޒަކާތް ޢީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން (ފަޤީރުންނާއި މިސްކީނުންނަށް) ދެއެވެ”.
މި މުއްދަތަށްވުރެ އަވަސްކޮށް ޒަކާތް ނެރުމަށް އެއްވެސް ރިވާޔަތެއް ވާރިދުވެފައި ނުވެއެވެ. العلامة صالح الفَوزَان -حفظه الله- ވިދާޅުވެފައިވެއެވެ. “ފަހެ އެއީ އެ ޞަޙާބީންގެ ފަރާތުން މިކަމުގެ މައްޗަށްވާ އިޖުމާޢުއެކެވެ” (ملخص الفقهي).
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް العلامة ابن بَاز-رحمه الله- ވިދާޅުވެފައިވެއެވެ. ”ފިޠުރު ޒަކާތް ޢީދު ދުވަހުގެ 5 ދުވަސް ކުރިން ނެރެފިމީހާގެ ކިބައިން އެ ޒަކާތެއް ޤަބޫލު ނުކުރެވޭނެއެވެ. އަދި އޭނާއަށް އޮތީ އަލުން ޒަކާތް ޢިއާދަކޮށް، ޒަކާތް ދެއްކުމެވެ“(فوائد من دروس شماحة الشيخ ابن باز، ص 37).
މި ޒަކާތް ނެރެން އެންމެ ހެޔޮވެގެންވާ ވަޤުތަކީ ޢީދު ދުވަހުގެ ޢީދު ނަމާދުގެ ކުރިން ނެރުމެވެ. ޞަޙީޙު البخاري، 1511ގައި عبد الله بن عُمر -رضي الله عنهما- ގެ ޙަދީޘްގައިވެއެވެ. وأَمَرَ بهَا أنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إلى الصَّلَاةِ “މީސްތަކުން ޢީދު ނަމާދަށް ނުކުތުމުގެ ކުރިން (ފިޠުރު ޒަކާތް) ނެރުމަށް އަމުރުފުޅު ކުރެއްވިއެވެ”. ފަހެ، މިއަށްވުރެ ލަސްކުރުން ހުއްދަ އެއް ނުވާނެއެވެ.
العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. “ދެންފަހެ، ހެޔޮކަން ބޮޑުވެގެންވާ ވަޤުތަކީ، ޢީދު ދުވަހު ހެނދުނު ޢީދު ނަމާދުގެ ކުރިން ނެރުމެވެ. އެއީ ޞަޙީޙު البخاري ގައިވާ أبو سعيد الخدري-رضي الله عنه- ގެ ރިވާޔަތުގައިވާ ފަދައިންނެވެ. ތިމަންބޭކަލުން ނަބިއްޔާ ﷺ ގެ ޢަހުދުގައި ޢީދު ދުވަހު ކާބޯ ތަކެތީން ޞާޢެއްގެ މިންވަރު (ފިޠުރު ޒަކާތުގެ) ގޮތުގައި ނެރެމެވެެ” (مجالس رمضان ٢٨، ص ٣٩٥).
ދަންނާށެއެވެ! ޢީދު ނަމާދުގެ ކުރިން ޢުޛުރަކާ ނުލައި ފިޠުރު ޒަކާތް އަދާ ނުކޮށްފި މީހާ ފާފަވެރިވާނެއެވެ. އަދި ފާފަވެރިވުމާއެކު ވެސް އެ މީހެއްގެ ޛިންމާގައި އެ ވާޖިބު އަދާކުރުން އޮންނާނެއެވެ. العلامة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެއެވެ. “ފިޠުރު ޒަކާތް ނެރުން ޢީދު ނަމާދަށްވުރެ ލަސްކޮށްފިކަމުގައިވާ ނަމަ، އެ ޒަކާތް ޤަޟާކުރުމުގެ ގޮތުގައި ނެރުން އޭނާގެ މައްޗަށް ވާޖިބު ވެގެންވެއެވެ. މިކަން ابن عباس ރިވާކުރެއްވި ހަދީޘުން ދޭހަ ވެގެންދެއެވެ. (مَن أدّاها قبلَ الصلاةِ، فهي زكاةٌ مقبولةٌ، ومَن أدّاها بعدَ الصلاة، فهي صدقةٌ من الصَّدقاتِ) “ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް އަދާކޮށްފި މީހާ، ފަހެ އެއީ ޤަބޫލް ވެވިގެންވާ ޒަކާތެކެވެ. އަދި ޢީދު ނަމާދަށްވުރެ ފަހުން އެ އަދާކޮށްފި މީހާ ފަހެ އެއީ ޞަދަޤާތްތަކުގެ ތެރެއިންވާ ޞަދަޤާތެކެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށްވުރެ ޒަކާތް ނެރުން ލަސްކުރުމުގެ ސަބަބުންނާއި، ރަސޫލު ﷲ صلى الله عليه وسلمގެ އަމުރުފުޅާ ޚިލާފްވުމުގެ ސަބަބުން އޭނާ ފާފަވެރިވާނެއެވެ”.
ވީމާ، އެ މީހަކަށް ޒަކާތް އެންމެ ހެޔޮވެގެންވާ ވަޤުތުގައި ނެރެވޭނެ މީހާ އެ ވަޤުތު އިޚުތިޔާރު ކުރުން ހުއްޓެވެ. ޝައްކެތް ވެސް ނެތްކަމަކީ އެންމެ ހެޔޮވަޤުތުގައި ނެރުނު މީހާއަށް އެކަމުގައި އަޖުރު ލިބޭނެ ކަމެވެ.
ނިންމާލުމުގެ ކުރިން ބުނަމެވެ. މިވަޤުތަށް ވުރެ ކުރިން ޒަކާތް ފަޤީރުންނާއި މިސްކީނުންނަށް ދިނުމަށްޓަކައި، މީހަކާއި ޙަވާލު ކޮށްފައި ބެހެއްޓުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ފަހެ، ޙަވާލު ކުރުމާއި އަދި ޒަކާތް އަދާކުރުން އެއީ ދެ ކަމެކެވެ. ފަހެ، އެކަން ވިސްނިގަތުން ހުއްޓެވެ. ކާބޯތަކެތީގެ ޙާޖަތް ޖެހިފައިވާ މިސްކީނުން ނުހަނު ގިނަވާނެއެވެ. މި ޒަމާނުގައި އެކިއެކި ތަންތަނުގައި އެފަދަ ޢާއިލާތަކާއި އަދި ފަރުދުންތައް ވާނެ ކަމާމެދު ޝައްކެތް ވެސް ނެތެވެ. އެހެންވުމުން ރަށްރަށުގައިވާ އެފަދަ ބަޔަކަށް ވެސް ދެވިދާނެއެވެ.