ރަވާތިބު ސުންނަތް ކުރާނީ ކިހިނެއް؟

ރަވާތިބު ސުންނަތް ކުރާނީ ކިހިނެއް؟

 

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

‎ރަވާތިބު ސުންނަތްތަކަކީ ބައެއް ފަރުޟު ނަމާދުގެ ކުރިއަށް އަދި ބައެއް ނަމާދުގެ ފަހަށް ކަނޑައެޅިފައިވާ ޚާއްޞަ ރަކުޢަތްތަކެވެ. އެ ރަކުޢަތްތައް ޙަދީޘްގައި ޛިކުރު ކުރެވިފައިވެއެވެ. އޭގެ ތެރޭގައި އަންނަނިވި ހަދީޘް ހިމެނެއެވެ. رسول الله ﷺ ގެ އަނބިކަނބަލުން أم حبيبة أم المؤمنين ވިދާޅުވެފައިވެއެވެ. رسول الله ﷺ ޙަދީޘް ކުރެއްވިއެވެ. (من صلَّى في يومٍ وليلةٍ ثنتيْ عشرةَ ركعةً ، بُنيَ له بيت في الجنةِ : أربعًا قبلَ الظهرِ ، وركعتيْنِ بعدَها وركعتيْنِ بعدَ المغربِ ، وركعتيْنِ بعدَ العشاءِ ، وركعتيْنِ قبلَ الفجرِ) ‎”ކޮންމެ ރެއަކާއި ދުވާލަކު 12 ރަކުޢަތް ކޮށްފި މީހާއަށް، ﷲ ޤިޔާމަތް ދުވަހުގައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް، މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތް، މަޣްރިބް ފަހުން ދެ ރަކުޢަތް، ޢިޝާ ފަހުން ދެ ރަކުޢަތް އަދި ފަތިސް ކުރިން ދެ ރަކުޢަތެވެ“. ރަވާތިބު ސުންނަތްތަކަކީ މި 12 ރަކުޢަތެވެ. ‎މި ޙަދީޘް الترمذي (414)، النسائي (1794) އަދި ابن ماجه (1140)ރިވާކުރެއްވިއެވެ. މިއީ ޞައްޙަ ޙަދީޘެކެވެ.

‎ދެން އޮތީ މި ސުންނަތް ކުރާނީ ކިހިނެތްތޯ ބުނެފައިވާ ސުވާލެވެ.

‎1. ސުންނަތްތައް ކުރުމުގެ އަޞްލަކީ 2 ރަކުޢަތުން 2 ރަކުޢަތުން ކުރުމެވެ. އެގޮތުން، މެންދުރު ނަމާދު ވަޤުތު ވަނުމުން 2 ރަކުޢަތް ރަވާތިބު ސުންނަތްކޮށް ސަލާމް ދިނުމަށްފަހު، އަނެއް ދެރަކުޢަތް ވެސް ކޮށް ސަލާމް ދޭނީ އެވެ. (ފަހެ، ހިނދު އެ ކުރެވުނީ 4 ރަކުޢަތެވެ.)

‎2. މެންދުރު ނަމާދުކޮށް އަވަދިވުމުން އެއްގޮތަކީ މެންދުރު ނަމާދުގެ ފަހު ރަވާތިބު ސުންނަތުގެ ދެ ރަކުޢަތް ކުރާނީއެވެ. ނުވަތަ އެ ގަޑީގައި ކުރުމަށް ދަތި ނުވަތަ ބުރަ ކަމުގައިވާނަމަ، ޢަޞްރު ނަމާދު ވަނުމުގެ ކުރިން ކޮންމެ ވަޤުތެއްގައި ވެސް ކުރެވޭނެއެވެ. (އެހިނދު އެއީ ޖުމްލަ 6 ރަކުޢަތެވެ.)

‎3. މަޣްރިބް ނަމާދުކޮށް އަވަދިވުމުން މަޣްރިބް ނަމާދަށްފަހު ކުރަންޖެހޭ 2 ރަކުޢަތުގެ ރަވާތިބް ސުންނަތް ކުރާނީއެވެ. މި ދެރަކުޢަތް ވެސް ޢިޝާ ނަމާދުގެ ކުރިން ކުރުން ހުއްދައެވެ. (އެހިނދު އެއީ ޖުމްލަ 8 ރަކުޢަތެވެ.)

‎4. ޢިޝާ ނަމާދުކޮށް އަވަދި ވުމަށްފަހު ޢިޝާ ނާމާދުގެ ރަވާތިބް ދެ ރަކުޢަތް ކުރާނީއެވެ. ނުވަތަ އެ ދެ ރަކުޢަތް ކުރުން ލަސް ވެސް ކުރެވިދާނެއެވެ. ރޭގަނޑު ދެބައިވުމުގެ ކުރިން އެންމެ ލަސްކޮށް ވިޔަސް ކުރަންޖެހޭނެއެވެ. ސަބަބަކީ އެއީ ޢިޝާނަމާދުގެ ވަޤުތު ނުކުންނަ ވަޤުތުކަމުގައިވުމެވެ. (އެހިނދު އެއީ 10 ރަކުޢަތެވެ.)

‎5. ފަތިސް ނަމާދު ވަޤުތު ވަނުމުން ފަތިސް ނަމާދުގެ ކުރީގެ ރަވާތިބް 2 ރަކުޢަތް ކުރާނީއެވެ. މި ދެ ރަކުޢަތަކީ ރަވާތިބްގެ ރަކުޢަތްތަކުގެ ތެރޭގައިވާ އެންމެ މާތް މަތިވެރި 2 ރަކުޢަތެވެ. (ފަހެ، އެހިނދު 12 ރަކުޢަތް ހަމަވީއެވެ.)