ރޭގަނޑުގެ ވަގުތުތަކުގައި އަތް ނުއުފުލާ، ހިތުން ދުޢާ ކުރެވިދާނެ ތޯ؟ އަދި ދުޢާ ނިންމާލުމަށްޓަކައި މޫނު ފިރުމާލުމަކީ ސައްޙަ ކަމެއް ތޯ؟

ރޭގަނޑުގެ ވަގުތުތަކުގައި އަތް ނުއުފުލާ، ހިތުން ދުޢާ ކުރެވިދާނެ ތޯ؟ އަދި ދުޢާ ނިންމާލުމަށްޓަކައި މޫނު ފިރުމާލުމަކީ ސައްޙަ ކަމެއް ތޯ؟

 

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

ރޭގަނޑުގެ އެންމެހައި ވަޤުތުތަކެއްގައި ނަމާދު ކުރުމާއި ދުޢާ ކުރުންވެއެވެ. އަދި ޚާއްޞަކޮށް ރޭގަނޑުގެ ފަހު ވަޤުތަކީ ނުހަނު މާތް މަތިވެރި ވެގެންވާ ވަޤުތެއް ކަމުގައިވެއެވެ. އެހެންނަމަވެސް އެނގިގަތުން ހުއްޓެވެ.

ޛިކުރު ކުރުމާއި، ޤުރުއާން ކިޔެވުމާއި ދުޢާކުރުން މިފަދަ އެންމެހައި ޛިކުރެއްގައި (އަޅުކަން ތަކެއްގައި) ދޫ ޙަރަކާތް ކުރަން ޖެހޭނެއެވެ. ހަމައެކަނި ހިތަށް އަރުވައިލުމަކީ ފުދޭނެ އަދި އެކަން ކުރި ކަމުގައިވާނެ ޙުއްޖަތެއް ވެސް ނޫނެވެ. މިކަމަށް ސުންނަތުގެ ހެކިތަކާއި، ޢިލްމުވެރިންގެ ގިނަގުނަ ބަސްފުޅުތަކެއް ބަޔާން ވެގެންވެއެވެ. އިމާމް البُخَارِي -رحمه الله- ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ. مَعْمَرُ ވިދާޅުވިއެވެ. އަހަރެމެން خَبابُ އަރިއަހުގައި ސުވާލު ދެންނެވީމެވެ. ނަބިއްޔާ ﷺ މެންދުރު ނަމާދުގައި އަދި އަޞްރު ނަމާދުގައި ކިޔަވާ ވިދާޅުވޭ ހެއްޔެވެ؟ ޖަވާބުގައި ދެންނެވިއެވެ. އާދޭހެވެ. ތިމަންނަ ދެންނެވީމެވެ. ތިޔަ ބޭކަލުންނަށް އެކަން ދެނެވަޑައިގެންނެވެނީ ކިހިނަކުން ހެއްޔެވެ؟ ވިދާޅުވިއެވެ. (باضْطِرَابِ لِحْيَتِهِ) “ނަބިއްޔާގެ ތުބުޅިފުޅުގެ އިސްތަށިފުޅުތަކުގެ ޙަރަކާތުންނެވެ” (البخاري، ٧٦٠ ).

މާނައަކީ، ﷲއަށް ކުއްތަންވުމަށްޓަކައި ކިޔާ ޛިކުރުތައް، ދުޢާތައް ކިޔުމުގައި ދޫ ޙަރަކާތް ކުރަންޖެހޭކަން ބަޔާން ވެގެންވުމެވެ. الإمام ابن أبي دَاود (ت 316) رحمه الله ވިދާޅުވެފައިވެއެވެ. ”ވާރިދުވެގެންވާ ޛިކުރުތަކުން ޛިކުރު ކުރާ މީހާއަށް ޛިކުރުތައް ދުލުން ކިޔައިފުމަށް ދާންދެން އެމީހަކަށް އެއްވެސް އަޖުރެއް ލިބިގެން ނުވާކަމަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤު ވަޑައިގެންފައިވެއެވެ. އޭނާއަކީ އަޑުއިވޭ ޙާލުގައިވާ މީހެއް ނަމަ އޭނާގެ ނަފްސަށް އަޑުއިވޭ ވަރަށް ކިޔުން ހުއްޓެވެ“(كشف اللثام شرح عمدة الأحكام ، ٥٨٢/٦).

العَلاَّمَة ابن العُثَيمِين ﷺ ވިދާޅުވެފައިވެއެވެ. “ކިޔަވާހިނދު ކޮންމެހެން ވެސް ދޫ ޙަރަކާތްކޮށް ދުލުން ކިޔަވަން ޖެހޭނެއެވެ. އިންސާނަކު ނަމާދުކުރާ ހިނދުގައި އޭނާގެ ހިތުން ކިޔެވުމުން އެހިނދު އޭނާ ކިޔެވި ކަމުގައި ނުވާނެއެވެ” (فتاوى، 13 /156).

الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެއެވެ. ”ދޫ ޙަރަކާތް ކުރުމެއްނެތި، ޤުރުއާން ކިޔެވުން އެއީ ޤުރުއާން ކިޔެވުން ކަމުގައި ނުބެލެވޭނެއެވެ. ދުލުން ޤުރުއާން ކިޔަވައި ދޫ ޙަރަކާތް ކުރުމުން މެނުވީ ޤުރުއާން ކިޔެވުމުގެ ޘަވާބާއި ދަރުމައެއް ނުލިބޭނެއެވެ“(الفتاوى، 8-363). ވީމާ، ﷲ އަށް ދުޢާ ކުރާހިނދު އެ ބަސްތައް ތިމާގެ ދުލަށް ގެނެސް ދުލުން ޙަރަކާތް ކުރަންޖެހޭނެއެވެ.

އެއަށްފަހުގައި އޮތީ ޙަމްދު އެޅުމުގެ ސުވާލެވެ. ދުޢާ ކުރުމަށްފަހުގައި މޫނުގައި އަތްތިލަ އެޅުމަކީ ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ. ދުޢާ ކުރާހިނދު ދެ އަތް އުފުލުމަކީ ދުޢާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެހެނަސް މޫނުގައި ދެއަތް އެޅުމެއް ނެތެވެ. އެކަމަށް ވާރިދުވެގެންވާ ޙަދީޘްއަކީ ބަލިކަށި ޘާބިތު ނޫން ޙަދީޘެއްކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

الشيخ العَلاَّمَة ابن العُثَيمِين (ت 1421) رحمه الله ވިދާޅުވެފައިވެއެވެ. ”ދުޢާ ކުރުމަށްފަހު މޫނުގައި އަތް އެޅުމުގައި އެންމެ ޞައްޙަ (ހެޔޮ) ވެގެންވާ ބަސްފުޅަކީ، އެއީ ދީނުގައި ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. ފަހެ އެގޮތުން މި މައުޟޫގައި شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. އެ ޙަދީޘްތަކުގައި އެއްވެސް ޙުއްޖަތެއް ނުވެއެވެ. … ފަހެ، އަހަރެންނަށް ތިޔަ މައްސަލައިގައި ފެންނަނީ ދުޢާ ކުރުމަށްފަހުގައި ޙަމްދު އެޅުމަކީ ސުންނަތެއް ނޫނެވެ“ (مجموع فتاوى ابن عثيمين، 14/ السؤال 781).

العز بن عبد السلام -رحمه الله- ވިދާޅުވެފައިވެއެވެ. ”ދުޢާ ކުރުމަށްފަހު، ދުޢާއާ ވިދިގެން ޖާހިލަކު ނޫނީ ޙަމްދު ނާޅާނެއެވެ. (މޫނުގައި ފިރުމާނީ ޖާހިލެކެވެ.)“(فتاوى العز بن عبد السلام، ص 47).