ޤުރުއާން ހަތިމްކޮށް ނިމުމަށް ފަހުގައި ދުޢާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޤުރުއާން ހަތިމްކޮށް ނިމުމަށް ފަހުގައި ދުޢާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

އަޚާއެވެ! ޤުރުއާން ކިޔަވައި ނިމުމަށްފަހު އެއީ ދުޢާ ކުރުމަށް ހެޔޮވެގެންވާ ވަޤުތެކެވެ. އެ ވަގުތަކީ ދުޢާ ކުރުމަށް އޮތް ވަޤުތެއްކަމުގައިވީނަމަވެސް ވަކި ޚާއްޞަ ދުޢާއެއް ކުރުމަށް ނުވަތަ ވަކި ޚާއްޞަ ޛިކުރެއް ކުރުމަށް އެ ތަނުގައި ވާރިދުވެގެން ނުވެއެވެ.

މި ތަނުގައި މީސްތަކުންނަށް ކުރެވޭ އެކަށީގެން ނުވާ ޢަމަލަކީ ވަކި ޚާއްޞަ ދުޢާއެއް ގޮތުގައި ދުޢާއެއް ކަނޑައެޅުމެވެ. އެގޮތުން “މިއީ ޚަތިމްކޮށްފައި ކިޔާ ދުޢާ” ގެ ގޮތުގައި ޚާއްޞަ ދުޢާއެއް ކަނޑައަޅާފައިވުމެވެ. މިފަދައިން އެއްޗެއް އޮވެއްޖެހިނދު ދަންނާށެވެ! އެއީ ދީނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެއްޗެއް ނޫނެވެ. އެފަދަ ތަކެއްޗާއި ދުރުވެ ވަކިވުން ހުއްޓެވެ.

ހަތިމްކޮށް ނިންމުމަށްފަހު ދުޢާކުރައްވާ ކަމަށް މާތް ނަބިއްޔާގެ ޞަޙާބީ أَنَس بن مَالك ގެ އަރިހުން ވާރިދު ވެގެންވެއެވެ. އެހެންކަމުން، ދުޢާ ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. މަނާ ވެގެންވަނީ ވަކި ޚާއްޞަ ދުޢާއެއްގެ ގޮތުގައި ދުޢާއެއް ކަނޑައަޅައި އެ ވަގުތުގައި ކިޔުމެވެ.

و الله اعلم