ކުރިމަތި ފަރާތް އަދި ފުރަގަސްފަރާތުގައި އަތްލެވުމުން(ބީހުމުން) ވުޟޫ ގެއްލޭނެ ހެއްޔެވެ؟
ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله
ކުރިމަތި ފަރާތް އަދި ފުރަގަސްފަރާތުގައި އަތްލެވުމުން (ބީހުމުން) ވުޟޫ ގެއްލޭ މައްސަލައިގައި ބުނަމެވެ. މި މައްސަލައަކީ، ޢިލްމުގެ އަހުލުވެރިންގެ މެދުގައި ވަރަށްބޮޑަށް ޚިލާފު އުފެދިފައިވާ އެއް މައްސަލައެވެ. ޖުމްލަކޮށް މިތަނުގައި މި މައްސަލަ އޮޅުންފިލުވައި ދިނުމަށްޓަކައި ބަޔާން ކުރަމެވެ.
ފުރަތަމަ ޤައުލު: މިއީ ޖުމްހޫރުންގެ ވެސް ޤައުލެވެ. އެއްވެސް ހުރަހެއް ނެތި ބީހިއްޖެ ނަމަ ވުޟޫ ގެއްލުމެވެ. އެއީ އަމިއްލަ ފަރުޖުގައި ނުވަތަ އެހެން މީހެއްގެ ފަރުޖުގައި ބީހުނަސްމެ އެވެ. ދިރިހުރި ނުވަތަ މަރުވެފައިވާ ކުޑަކުއްޖެއް ނޫނީ ބޮޑުމީހެއް ވިޔަސްމެއެވެ. އެ ޤައުލު ބިނާކޮށްފައިވާ ދަލީލުތަކުގެ ތެރޭގައި ހިމެނެވެ. بسرة بنت صفوان رضي الله عنه ނަބިއްޔާ ﷺ ގެފަރާތްޕުޅުން ރިވާ ކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. “من مس ذكره فليتوضأ” މާނައީ، “އެ މީހެއްގެ ޛަކަރުގައި ބީހިއްޖެ މީހާ ވުޟޫކުރާށެވެ”. އިމާމް الترمذي (82) އަދި އެނޫން ޢިލްމުވެރިން މިޙަދީޘް ރިވާކުރައްވާފައިވެއެވެ. الترمذي ވިދާޅުވެފައިއެވެ. “މިއީ حديث حسن صحيح އެކެވެ”.
ދެވަނަ ޤައުލަކީ: ކުރިމަތި ފަރާތް އަދި ފުރަގަސް ފަރާތުގައި ބީހުމުން ވުޟޫ ނުގެއްލޭނެ ކަމުގައި ބުނެފައިވާ ބުނުމެވެ. މި ބުނުމުގެ މައްޗަށް ބިނާކޮށްފައިވާ ދަލީލުތަކުގެ ތެރޭގައި طلق بن علي ނަބިއްޔާ ﷺ އަރިހުގައި އެ މީހެއްގެ ކުރިމަތި ފަރާތުގައި އަތްލާ މީހާ މެދުގައި ސުވާލު ކުރެއްވިއެވެ. އޭނާ ވުޟޫ ކުރަންޖެހޭނެ ހެއްޔެވެ؟ އެ ހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (لا ، إنما هو بضعة منك) “ނޫނެކެވެ. (ވުޟޫ ކުރުމެއް ނުވެއެވެ.) އެ ވާކަން ކަށަވަރީ ތިބާގެ ހަށިގަނޑުން ބައެއް ކަމުގައިއެވެ. (އެބަހީ : އެހެން ގުނަވަންތައް ފަދަ ގުނަވަނެއް ކަމުގައެވެ.)”. އަދިވެސް މި ޤައުލުގެ އަހުލުވެރިން ވިދާޅު ވެފައިވެއެވެ. ފުރަތަމަ ޤައުލުގައި ބަޔާންކުރެވުނު بسرة بنت صفوان ގެ ޙަދީޘްއަކީ ބަލިކަށި ޙަދީޘެކެވެ. އެހެންވުމުން އަޞްލަކީ ފާޅުވެގެންވާ ޞަރީޙަ ދަލީލެއް ބަޔާންވުމަށް ދާންދެން އެ މީހެއްގެ ޠަހާރަތް ދެމިއޮންނާނެ ކަމެވެ.
ތިންވަނަ ޤައުލަކީ: ކުރިމަތި ފަރާތުގައި ޝަހުވަތާއެކު އަތްލައިފި މީހާގެ ވުޟޫ ގެއްލޭނެކަމެވެ. އަތް ލާފައިވަނީ ޝަހުވަތާއެކު ނޫން ނަމަ ވުޟޫ ނުގެއްލޭނެއެވެ. ފަހެ، މި ޤައުލުގެ އަހުލުވެރިން ވިދާޅުފެވައިވާ ޙުއްޖަތްތަކުގެ ތެރޭގައި بسرة بنت صفوان “ޛަކަރުގައި ބީހިއްޖެ މީހާ ވުޟޫ ގެއްލޭނެކަން” މި ޙަދީޘާއި އަދި طلق بن علي ގެ ޙަދީޘް “އެއީ ތިބާގެ ހަށިގަނޑުގައިވާ ގުނަވަނެއް” މި ދެ ޙަދީޘް ޖަމަޢަކޮށް، ދެ ހަދީޘްގެ މައްޗަށް ޢަމަލު ކުރެވޭނެ ކަމަށް ބުނެފައިވާ ބުނުން ހިމެނެއެވެ.
ފަހެ، ދަލީލު ޖަމްޢު ކުރެވޭ ކަމުގައިވާ ނަމަ، އެ ފަދައިން ޢަމަލުކުރުން ވާޖިބު ވެގެންވެއެވެ. މަންސޫޚު ޙުކުމަށް އަދި ވަކި ޤައުލެއް ޞައްޙަވެ އަނެއް ޤައުލު ޞައްޙަ ނޫން ކަމަށް ބުނުމުގެ ބަދަލުގައި ޢަމަލު ކުރުން އޮތީ މި ފަދައިންނެވެ. ސަބަބަކީ އެ ހިނދު ދެ ދަލީލަށް ވެސް ޢަމަލު ކުރެވުމެވެ. މިކަމަށް ބާރު ލިބެނީ ނަބިއްޔާގެ ބަސްފުޅު ކަމުގައިވާ (لا ، إنما هو بضعة منك) “ނޫނެކެވެ. (ވުޟޫ ކުރުމެއް ނުވެއެވެ.) އެ ވާކަން ކަށަވަރީ ތިބާގެ ހަށިގަނޑުން ބައެއް ކަމުގައެވެ. (އެބަހީ: އެހެން ގުނަވަން ފަދަ ގުނަވަނެއް ކަމުގައެވެ.)”. އެހެނީ، ތިބާގެ ޛަކަރުގައި ޝަހުވަތެއްނެތް ގޮތުގައި ބީހެއްޖެހިނދު ތިބާ ހަށިގަނޑުގެ އެހެން ގުވަނަވެއްގައި ވެސް ބީހުމާއި އެއްފަދަ ވުމެވެ. އެހިނދު ވުޟޫ ނުގެއްލޭނެއެވެ. އަދި ޝަހުވާތާ އެކުގައި ބީހިއްޖެ ހިނދު ވުޟޫ ގެއްލޭނެ ކަމެވެ. ޝަހުވަތުގެ ނިޔަތް އޮވެ ބީހިއްޖެ ހިނދު ވުޟޫ ގެއްލޭނެއެވެ. ވުޟޫ ކުރުން ވާޖިބުވާނެއެވެ. އަދި ހަމައެފަދައިން ބައެއް ޢިލްމުވެރިން (މި ދެ ޙަދީޘް ޖަމްޢު ކުރައްވާ) ވިދާޅުވެފައިވެއެވެ. سرة بنت صفوان “ޛަކަރުގައި ބީހިއްޖެ މީހާ ވުޟޫ ގެއްލޭނެކަން” މި ޙަދީޘްގެ މުރާދަކީ ވުޟޫ ކުރުން މުސްތަޙައްބު ވެގެންވުމެވެ.
ފަހެ، އެހިނދު އެއީ، ވުޟޫ ކުރުމުން އަޖުރުލިބޭނެ އަޅުކަމެއް ކަމުގައިވެއެވެ. އަދި އެންމެ ރައްކާތެރި ގޮތުގައި ވެސް ދެމިހުރެވުނީއެވެ. އަދި طلق بن علي ގެ ޙަދީޘް “އެ ވާކަން ކަށަވަރީ ތިބާގެ ހަށިގަނޑުން ބައެއް ކަމުގައެވެ”. ނަފީ ކޮށްފައިވަނީ ވުޟޫކުރުން ވާޖިބުވެގެންވުމެވެ.
ހަތަރުވަނަ ޤައުލަކީ: شيخ الإسلام އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ. އެއީ ޛަކަރުގައި (ކުރިމަތި ފަރާތުގައި) ބީހެއްޖެ މީހާ އެންމެހައި ޙާލަތްތަކެއްގައި ވެސް ވުޟޫ ކުރުން މުޞްތަޙައްބު ވެގެންވާކަމެވެ. ޝަހުވަތާއެކު ނުވަތަ ޝަހުވަތެއް ނެތި ބީހުނު ކަމުގައި ވީނަމަވެސްއެވެ.
ފަސްވަނަ ޤައުލަކީ: އެއީ ޤަޞްތުގައި އެނގިހުރެ ބީހެއްޖެ ނަމަ ވުޟޫ ގެއްލޭނެއެވެ. އެހެނަސް ޤަޞްދެއް ނެތި ނޭނގި އަތްލުމަކުން ވުޟޫ ނުގެއްލޭނެއެވެ. މިޘާލަށް ފެންވަރައި، ޠާހިރު ވުމަށްފަހު ފެން ފޮހެނިކޮށް ގުނަވަނުގައި އަތް ބީހުމެވެ. ޤަޞްދެއް އަދި އެކަމަށް ނިޔަތެއް ވެސް ނެތެވެ. މިފަދަ ޙާލެއްގައި ވުޟޫ ނުގެއްލޭނެ ކަމެވެ.
ފަހެ، މި އެންމެހައި ޤައުލުތަކާއި، އަދި ޢިލްމުވެރިން ޛިކުރު ކުރައްވާފައިވާ ބަސްފުޅުތަކަށް ބަލާ ހިނދު، އެ މީހެއްގެ ކުރިމަތި ފަރާތުގައި ބީހިއްޖެ މީހާ ވުޟޫ ކުރުން މުޞްތަޙައްބު ވެގެންވެއެވެ. އަދި ޝަހުވާތާއެކު ބީހިއްޖެ މީހާ ވުޟޫ ގެއްލި އެނާ ވުޟޫ ކުރުން ވާޖިބުވެގެންވުން ނުހަނު ބާރުގަދަ ބުނުމެއް ކަމުގައިވެއެވެ. ފަހެ، ރައްކާތެރި، އަޥްލާވެގެންވާ ގޮތަކީ ވުޟޫ ކުރުމެވެ.
މި މައްސަލައިގައި ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ العلامة ابن العثَيمِين- رحمه الله- ދެކިވަޑައިގަންނަ ވަނީ، ކުރިމަތި ފަރާތުގައި ޝަހުވަތާއެކު ބީހިއްޖެ މީހާގެ ވުޟޫ ގެއްލޭނެ ކަމެވެ. އަދި ޝަހުވަތެއް ޤަޞްދެއް ނެތި ބީހުމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ (بلوغ المرام ،1/259).