ފިރިން އަނބިންނަށްޓަކައި އަދި އަނބިން ފިރިންނަށްޓަކައި ކުރެވިދާނެ ހެޔޮ، މަތިވެރި، މާތް ދުޢާތައް ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވޭ ތޯ؟
ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله
ފިރިން އަނބިންނަށްޓަކައި އަދި އަނބިން ފިރިންނަށްޓަކައި ކުރާނެ ހެޔޮ މަތިވެރި މާތް ދުޢާތައް ޤުރުއާނާއި ސުންނަތުގައިވެއެވެ.
އެފަދަ ދުޢާ ތަކުގެ ތެރޭގައި:
رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ
“އަޅުގެ ވެރިއިލާހު! އިބައިލާހުގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަ އިލާހުއީ،ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ އިލާހެވެ.”
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
“އަޅުގެ ވެރި އިލާހު! އަޅަމެންގެ (އަނބިން، ފިރިން) ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”
ރަސޫލާ ﷺ އެންމެ ގިނައިން ކުރެއްވި ދުޢާއަކީ،
(اللَّهُمَّ ربَّنا آتِنَا في الدُّنْيَا حسنةً، وفي الآخِرةِ حسنةً، وقِنا عَذَابَ النارِ)
”އަޅުގެ ވެރި އިލާހު! އަޅަމެންނަށް ދުނިޔޭގެ ހެޔޮކަން އަދި އާޚިރަތުގެ ހެޔޮކަން ދެއްވާނދޭވެ. އަދި އަޅަމެން ނަރައިން ސަލާމަތް ކުރައްވާނދޭވެ.“ (ދުޢާގައިވާ ދުނިޔޭގެ ހެޔޮކަމުގެ ތެރެއަށް ހެޔޮ ޞާލިޙް އަނބިން، ހެޔޮ ޞާލިޙް ފިރިން) ވަންނާނެއެވެ.