ނަމާދަށް ހުންނައިރު، ހިތަށް އެކިއެކި ތަކެތި އެރުމާއި އަދި މިފަދަ ވަސްވާސް ތަކުން ސަލާމަތް ވުމަށް ޢަމަލު ކުރާނީ ހިކިނެތް ހެއްޔެވެ؟

 

ސުވާލު : ނަމާދަށް ހުންނައިރު، ހިތަށް އެކިއެކި ތަކެތި އެރުމާއި އަދި މިފަދަ ވަސްވާސް ތަކުން ސަލާމަތް ވުމަށް ޢަމަލު ކުރާނީ ހިކިނެތް ހެއްޔެވެ؟

ނަމާދަށް ހުރެ ހިތަށް އެކިއެކި ތަކެތި އެރުވުމާއި އެފަދަ ތަކެއްޗަށް ދިއުމާއިމެދުގައި ބުނެވެ. އަޚާ އެވެ! ތިރީގައި ބަޔާންވެގެންވާ ނުކުތާތައް ކިޔާލުން ހުއްޓެވެ.

މި ތަކެއްޗަށް ކިޔާނީ ވަސްވާސް އެވެ. ދުލަށް މި ތަކެތި ނުގެންނަ ހިނދެއްގައި އެއީ ވަސްވާސްތަކެވެ.

ފުރަތަމައީ : ނަމާދަށް ހުންނަ މީހާ މަސައްކަތްކުރުން އޮތީ މިތަކެތިން ޚަލާޞް ވުމަށެވެ. އެކި މީހުންނަށް ވަސްވާސް ޝައިޠާނާ ކުރިމަތި ކުރާނި އެކި ދިމާލުންނެވެ. ހިތް އެދޭ ކަންތައްތަކުގަ އެވެ. އޭނާއަށް ދުނިޔޭގެ އަވައިގެ މައްޗަށް ހެއްލުވާ އޭގެ އަވައިޖެއްސުމެވެ. ތިމާގެ ޢަމަލުގެ މައްޗަށް ތިމާ ބޮޑާވެރި ކުރުމެވެ.

ތިމާއަކީ ގިނަ ޢަމަލު ކޮށްފައިވާ މީހެއްކަމުގައި ދެއްކުމެވެ. ވަސްވާސްގެ ދޮރުގެ ނިމުމެއް ނޯންނާނެ އެވެ.

ދެވަނައީ : ނަމާދުގައި އަންނަ މި ވަސްވާސްއިން ސަލާމަތްވުމަށް ހަދާނެ ގޮތެވެ. ފަހެ، މިތަކެތިން ސަލާމަތް ވުމަށް، މިފަދަ ވަސްވާސްތައް އައުމުން ނަމާދުގައި ހުންނަ މީހާ أعوذ بالله من الشيطان الرجيم، ކިޔައި ނަމާދަށް ހުރެ އޭނާގެ ވައަތް ފަރާތަށް ތިންފަހަރަށް ތެތްކަން ހުންނަ ފުމެލުމަކުން ފުމެލުން ހުއްޓެވެ. ޙަދީޘްގައިވެ އެވެ. عُثْمَانَ بْن أَبِي الْعَاصِ رضي الله عنه أنه أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ إِنَّ الشَّيْطَانَ قَدْ حَالَ بَيْنِي وَبَيْنَ صَلَاتِي وَقِرَاءَتِي يَلْبِسُهَا عَلَيَّ . فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( ذَاكَ شَيْطَانٌ يُقَالُ لَهُ خَنْزَبٌ ، فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللَّهِ مِنْهُ وَاتْفِلْ عَلَى يَسَارِكَ ثَلَاثًا ) قَالَ : فَفَعَلْتُ ذَلِكَ فَأَذْهَبَهُ اللَّهُ عَنِّي عُثْمَانَ بْن أَبِي الْعَاصِ رضي الله عنه ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހަށް ވަޑައިގަންނަވާ ވިދާޅުވި އެވެ. “ﷲގެ ރަސޫލާ އެވެ! ހަމަކަށަވަރުން އަހަރެންނާއި އަހަރެންގެ ނަމާދު އާއި ކިޔެވުމުގެ މައްޗަށް ޝައިޠާނާ ހުރަސްއަޅަ އެވެ. ފަހެ، އެހިނދު ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. “އެއީ ޚަންޒަބު އޭ ނަންދެވިގެންވާ ޝައިޠާނާ އެވެ. ފަހެ، (ނަމާދުގައި ތިބާއަށް އެކަން އިޙްސާސުވާހިނދު) ޝައިޠާނާގެ ކިބައިން ﷲ ގެ ޙަޟުރަތުން ރައްކާތެރިކަންއެދި ދަންނަވައި (އެބީ :أعوذ بالله من الشيطان الرجيم، ) ކިޔައި ވައަތްފަރާތަށް ތިންފަހަރު ތެތްކަންހުންނަ ފުމެލުމަކުން ފުމެލާށެވެ.” ޞަޙާބީ ވިދާޅުވި އެވެ. ފަހެ، އެފަދައިން ޢަމަލު ކުރުމުން އެކަންތައް ތިމަންގެ ކިބައިން ﷲ ގެންދަވައިފި އެވެ.”

ތިންވަނައީ : ނަމާދުގައި ހުންނަ މީހާ މިފަދައިން ތެތްފުމުމަކުން (ކުޅު އެކުލެވިގެންވާ ފުމުމަކުން) ފުމޭނީ ކިހިނަކުން ހެއްޔެވެ؟

ޙަދީޘްއަށްފަހުގައި ޢިލްމުވެރިން ޛިކުރުކޮށްފައިވާ މުހިންމު ނުކުތާއެއް ހަނދާންކޮށްލަ ދެމެވެ. އެއީ ޖަމާޢަތުގައި ނަމާދު ކުރާހިނދު، ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟ ސުންނަތުގެ، އަހުލުއް ސުންނަތް، ސަލަފީ މަންހަޖުގެ ހުރި ހެޔޮކަމާ އެވެ! ޙަދީޘްއަށް ޢަމަލު ކުރުމޭ ބުނެ އެބައިމީހުންގެ ބުއްދިއަށް ފެންނަ ގޮތަށް، ޙަދީޘްގެ ހަޤީޤީ ފަހުމްގެ އަހުލުވެރިންގެ ފަހުމް ދޫކޮށް އެބައިމީހުން ނުދާނެ އެވެ. ޖަމާޢަތުގައި ނަމާދުކުރާހިނދު ޢަމަލު ކުރާނެގޮސް ޢިލްމުވެރިން ވަނީ ބަޔާން ކުރައްވާފަ އެވެ.

އެއްގޮތަކީ އެމީހަކު ސަފުގެ އެންމެ ވާތްފަރާތު ކޮޅުގައި ހުރުމެވެ. އެހިނދު އިސްވެ ބަޔާންވެދިޔަ ގޮތަށް ޢަމަލު ކުރުން ހުއްޓެވެ. ދެންފަހެ ސަފުގެ މެދުތެރޭގައި ވެއްޖެހިނދު ޢަމަލުކުރާނެ ގޮތް ބަޔާން ކުރައްވާ العلامة ابن العثَيمِمين -رحمه الله- ވިދާޅުވެފައިވެ އެވެ. “އެޙާލުގައި ދެން އޭނާއަށް އޮތީ ވައަތްފަރާތަށް އެނބުރި ޓިޝޫއަކަށް، ރުމާލަކަށް (އަތުގައި އޮވެއްޖެނަމަ) އެއަށް އެފަދައިން ކުޅުއެކުލެވޭ ވައި ބުރުވުމެވެ. އެފަދައިންވެސް ޢަމަލު ކުރެވެން ނެތްހިނދު، އެމީހާ ވައަތް ފަރާތަށް އޭނާގެ މޫނު ކުޑަކޮށް އަނބުރައި أعوذ بالله من الشيطان الرجيم، ކިޔުމުން އެ މަޤްޞަދު ޙާޞިލްވާނެ އެވެ.”

ހަތަރުވަނައީ : މިޢަމަލަކީ އިތުރު ހަރަކާތެއް ކަމުގައި ނުވާނެ އެވެ. މިފަދައިން ކުޑަ ޙަރަކާތެއް ކުރުމަކީ ނަމާދުގެ މައްޗަށް އަޘަރު ކުރުވާނެ ކަމެއް ނޫނެވެ. މިއީ އިތުރު ޙަރަކާތް ކުރުމުގެ ތެރޭގައި ހިމެނިގެންވާނެ ކަމެއް ނޫނެވެ. މިއީ ނަމާދު ފުރިހަމަ ކުރުމަށްޓަކައި އޭނާއަށް މުޞްތަޙައްބުވެގެންވާ ޢަމަލެކެވެ.

ފަސްވަނައީ : ކެތްތެރިކަމާއި ވަރުގަދަ ޢަޒުމުގައި އަޅުކަމުގައި ހުރުމެވެ. އަޚާ އެވެ! މިފަދަ ވަސްވާސްތައް އައުމުން އެއަށް ނަޟަރުހިންގައި އޭގެ މައްޗަށް ވިސްނުން ގެންގޮސްގެން ނުވާނެ އެވެ. މިއީ އަޅުކަންތައް ފަސާދަކޮށް ހަލާކު ކުރުމަށް ޝައިޠާނާ ކުރާ މަސައްކަތެވެ. ވުމުން އެއަށް އެއްވެސް ގޮތަކަށް ބެލުމެއްނެތި ފުރަގަސް ދިނުން ހުއްޓެވެ.

شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. “ﷲ އަށް ކުއްތަންވެ އެއިލާހުގެ ހަޟުރަތަށް ކުރިމަތިލާ ކޮންމެ މީހެއްގެ މައްޗަށް ވަސްވާސް އަންނާނެ އެވެ. ފަހެ، އެހެންވުމުން އަޅާއަށް އޮތީ ޘާބިތު ކަންމަތީގައި ދެމިހުރުމާއި ކެތްތެރިވުމާއި އޭނާ ޤާއިމްވެގެންވާ ޛިކުރު އަދި ނަމާދުގައި ޤާއިމްވެ ދެމިހުރުމެވެ. މޮޅިވެރިވެ ދޫކޮށްލައިގެން ނުވާނެ އެވެ. ސަބަބަކީ (ﷲ އަށް ކުއްތަންވެ، ކެތްތެރިވެ، އެފަދައިން ޤާއިމްވުމުން) ޝައިޠާނާގެ އެ ކެހިވެރި (މަކަރުވެރި، ވަސްވާސް) ތަކުން ފިލައިގެންދެ އެވެ. (ﷲ ވަޙީކުރެއްވި އެވެ.) {إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا} “ހަމަކަށަވަރުން ޝައިޠާނާގެ ހެކިވެރިކަންވަނީ ނިކަމެތިވެގެންނެވެ.” ހިތް ޙާޟިރުކޮށް އަޅާ ﷲ އަށް ކުއްތަންވާ ކޮންމެ ފަހަރެއްގައި، ވަސްވާސް އެހެން ގޮތަކަށް އާދެ އެވެ. ފަހެ، ހަމަކަށަވަރުން ޝައިޠާނާގެ މަޤާމަކީ މަގުފޭރޭ (ދަތުރުކުރާ މީހުންނަށް މަގު ބަންދުކޮށްލާ) ފާރަތެއް ފަދަ އެވެ. ކޮންމެ ފަހަރަކު އަޅާ އެނާގެ ހިތުން ﷲ އަށް ކުއްތަންވުމަށް ކުރިމަތިލާހިނދު ޝައިޠާނާގެ ބޭނުން ކަމުގައިވަނީ މަގުން އެއްފަރާތްކޮށް މަގުން ހުއްޓުވުމެވެ.”

ހަވަނައީ : ވަސްވާސްތަކުން ސަލާމަތްކަން ހޯދުމަށް ނަމާދުން ބޭރުގައި ކުރާނެ ޢަމަލުތައް : ވަސްވާސްތަކުން ސަލާމާތްވުމަށް އޮތް އެންމެ ބޮޑު 2 ބާރަކީ ނަމާދުން ބޭރުގައިވެސް ﷲގެ ޙަޟުރަތުން، މި ޝައިޠާނުންގެ ކިބައިން ރައްކާތެރިކުރުމާއި ސަލާމަތްކޮށްދެއްވުން އެދި ދެންނެވުމާއެކު، ﷲއަށް ޛިކުރުކޮށް ޝައިޠާނާގެ ވަސްވާސްތަކަށް އަޅާ ނުލުމެވެ. އިތުރަށް ސުންނަތް ނަމާދުތަކަށް ފަރުވާތެރި ވުމާއި، ނަމާދަށް ވަޤުތުދިނުމާއި، ނަމާދަށް ވަޤުތުހޯދައި ނަމާދަށް މަތިވެރި މަޤާމް ނަފްސުގައި ދިނުމަކީވެސް މި ދޮރުތައް ބަންދުވެގެންދާނެ ކަމެކެވެ.

ﷲ އަށް ވަކީލު ކުރުން ވަރުގަދަ ކުރާށެވެ. އެއީ ﷲ އަށް އެންމެހައި ކަންތައްތައް ބަރޯސާވެ، ﷲ އަށް ކުއްތަންވުމުގެ ސަބަބުތަކުގައި ހިފުމެވެ. ބަލިތަކުން ރައްކާތެރި ވުމަށް އެންމެހައި ފައިދާކުރަނިވި ފިޔަވަޅުތައް އެޅުމެވެ. العلامة ناصر السعدي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޚިޔާލުތަކާއި ވަހުމްތައް ގިނަވުމުގެ ބަލި މީސްތަކުންގެ ތެރެއިން ވަރަށްވެސް ގިނަބަޔަކަށްވަނީ ޖެހިފަ އެވެ. (މި ބަލާވެރިކަންވަނީ ކުރުމަތިވެފަ އެވެ.) މި މީސްތަކުންގެ ލޯމަތީގައި މެދުކެނޑުމެއްނުވާ ގޮތުގައި ބިރުވެރިކަން އުފެދި، އުޅެންޖެހިފައިވަނީ ބިރުވެރިކަމުގެ ތެރޭގަ އެވެ. އާދައިގެ ބަލިތަކަކީ އެއީ ބުރަ، ބޮޑު ބަލިތަކެއް ކަމުގައި ޤަބޫލުކުރެ އެވެ. ބައެއްފަހަރު (ބައްޔެއް ނެތަސް) ބަލިހުރިކަމުގައި ހީވެ އެވެ. އެހެނަސް އެއީ އެއްވެސް ޙަޤީޤަތެއް ނެތް ކަމެކެވެ. މި އެންމެހައި ކަންތައްތަކުގެ ސަބަބަކީ، ހިތް ބަލިކަށިވުމާއި، ޚިޔާލުތަކާއި ވަހުމްތައް ގިނަވެ ﷲ އަށް ވަކީލު ކުރުން ނެތުމެވެ. ﷲ ވަޙީކުރެއްވި އެވެ. {وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ} ﷲ އަށް ވަކީލުކޮށްފި މީހާއަށް، އެއިލާހު ފުދިގެންވެ އެވެ. ޔަޢުނީ : ދީނުގެ އެންމެހައި ކަންކަމެއްގައި އަދި ދުނިޔެވީ އެންމެހައި ކަންކަމުގައި ފުދިގެންވެ އެވެ.“ الفواكه الشهية

ހަތްވަނައީ : ވަސްވާސްގެ ސަބަބުން ނުބައިގޮތަށް ވިސްނި އަލުން ނަމާދު ނުކުރުން : މިފަދަ ވަސްވާސް އަކީ މުޖައްރަދު ވަސްވާސްގެ ސަބަބުން ނަމާދު ބާޠިލެއް ނުވާނެ އެވެ. އެހެނަސް އެ ވަސްވާސްގެ ތެރެއަށް އިންސާނާ ހުށެހެޅިގެންދާ މިންވަރަކުން ނަމާދުގެ އަޖުރު މަދުވެގެންދެ އެވެ. އޭނާގެ ދުލުން އެއްޗެއް ކިޔައިފުމަށް ދާންދެން ނަމާދުން ބޭރުން ވާހަކަ ދެއްކި ކަމުގައި ނުވާނެ އެވެ. ދުލުން ނުބުނާ ހިނދެއްގައި ނަމާދު ޞައްޙަވާނެ އެވެ. އޭނާގެ ނަމާދުގެ ހުރިހައި ޝަރުޠުތަކެއް، ރުކުންތަކެއް ވާޖިބުތަކެއް އަދާކޮށް ނަމާދު ކޮށްފި މީހާގެ ނަމާދުވަނީ އަދާކޮށްފަ އެވެ.

ބައެއް މީހުންނަށް ވިސްނިފައިވާ ކުށް ވިސްނުމަކީ : ނަމާދުގައި ވަސްވާސް އައިސް ނަމާދުކޮށް ނިމުމުން އޭނާ ނަމާދުގެ މައްޗަށް ހިތް ނުތަނަވަސްވެ އަލުން ނަމާދުކުރުމަށް ބޭނުންވުމެވެ. ދަންނަ އެވެ. މި ވިސްނުމަކީ ހެޔޮ ގޮތުގައި ވިސްނިފައިވާ ވިސްނުމެއް ނޫނެވެ. މިއީ ސުންނަތާއި ޚިލާފް ޢަމަލެކެވެ. ފަހެ، ނަމާދުގެ އެންމެހައި ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތައް އަދާކޮށްފިހިނދު، އޭނާ އެވަނި އޭނާ އަދާކުރަންޖެހޭ ޙައްޤު އަދާކޮށް ޛިންމާއިން ބަރީއަވެގެންނެވެ. އޭނާއަށް ކުރުމަށް ނެތް ޢަމަލެއް ކުރުން އެވަނީ ސުންނަތާއި ޚިލާފް ޢަމަލެއް ކޮށްފަ އެވެ.