އަންހެނެއްގެ ހަށިގަނޑުގައި ބީހުމުން ވުޟޫ ގެއްލޭނެތޯއެވެ.

 

ސުވާލު : އަންހެނެއްގެ ހަށިގަނޑުގައި ބީހުމުން ވުޟޫ ގެއްލޭނެތޯއެވެ.

އަންހެނެއްގެ ހަށިގަނޑުގައި ބީހުމުން ވުޟޫ ގެއްލުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި 3 ޤައުލެއްވެ އެވެ.

ފުރަތަމަ ޤައުލު : ކޮންމެ ޙާލެއްގައި ބީހުނު ކަމުގައިވީނަމަވެސް ވުޟޫ ގެއްލޭނެކަމެވެ.

ޝަހުވަތާއެކު، ޝަހުވަތެއް ނެތި، ޤަޞްދު ކޮށްގެން ނުވަތަ ޤަޞްދެއް ނެތި، ނޭނގި ބީހުނު ކަމުގައިވީނަމަވެސް އެވެ. ފަހެ، މި ޤައުލަކީ الشافعي -رحمه الله- ގެ މަޛްހަބުގެ ބަސްފުޅެވެ.

މިޤައުލު މި މަޛްހަބުގައި ވުމުން، އަހަރެމެންގެ ތެރޭގައި މި ފަދައިން ބީހުމުން ވުޟޫ ކުރުން ނުވަތަ ގިނަ ބަޔަކަށް އެއީ ވުޟޫ ގެއްލޭ ކަމެއްގެ ގޮތުގައިވަނީވެފަ އެވެ.

ފަހެ، މިއީ މި މައްސަލައިގައި ބަޔާން ކޮށްފައިވާ ޤައުލުތަކުގެ ތެރެއިން ޙުއްޖަތާއި ދަލީލުގައި އެންމެ ބަލިކަށި ޤައުލުކަމުގައިވެސް މެއެވެ. މި މައްސަލައިގައި އިމާމް الشافعي މިފަދައިން ވިދާޅުވެފައިވާ ސަބަބަކީ ބައެއް ދަލީލުތަކުގައި ބީހުން ގެ މާނަ ދޭހަވެފައިވުމެވެ. އޭގެ ތެރޭގައި ﷲ ގެ ވަޙީ ބަސްފުޅެވެ. ( أَوْ لاَمَسْتُمُ النِّسَاء ) “ނުވަތަ ތިޔަބައިމީހުން އަންހެނުންގެ ހަށިގަނޑުގައި ބީހިއްޖެ ކަމުގައިވާނަމެ އެވެ.”

ފަހެ އާޔަތުގެ ޟާހިރު މާނައަކީ ބީހުން ވުމުން އެ މާނައިގެ މައްޗަށް ވިދާޅުވެފައިވެ އެވެ. އެހެނަސް ޝައްކެތްވެސް ނެތެވެ. ބީހުމުގެ މުރާދަކީ ކޮބައިކަން ތަފްސީރުން ބަލައިލުމުން އެއީ ހަމައެކަނި މުޖައްރަދު ބީހުން ނޫން ކަން ބަޔާންވެ އެވެ.

ދެވަނަ ޤައުލަކީ : أبي حنيفة -رحمه الله- ނުވަތަ ޙަނަފީ މަޛްހަބުގެ ބަސްފުޅެވެ.

ޝަހުވަތާއި އެއްކޮށް ބީހުނަސް ޝަހުވަތާއި ނުލައި ބީހުނަސް އެއްވެސް ގޮތަކަށް ބީހުމުން ވުޟޫ ނުގެއްލޭނެ ކަމުގައި ބުނެފައި ވުމެވެ. އެހެނަސް ވުޟޫ ގެއްލޭނީ އޭގެ ސަބަބުން ކުރިމަތި ފަރާތުން މަޛްޔު ފަދަ އެއްޗެއް ބޭރުވެއްޖެހިނދުގަ އެވެ. ބީހުމަކީ އޭގެ ޛާތުގައި ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ.

ދަލީލުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، ނަބިއްޔާ ގެ އަނބިކަބަލުން ނަބިއްޔާގެ ހަށިކޮޅުގައި ބީހިވަޑައިގެންފައި ވުމެވެ. އޭގެ ތެރޭގައި البخاري 382 ގައި ރިވާކޮށްފައިވާ ރިވާޔަތެވެ. عائشة رضي الله عنها ވިދާޅުވެފައިވެ އެވެ. “ތިމަން ކަމަނާ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަމާދު ކުރައްވަން ހުންނަވާހިނދު ކުރިފުޅުމަތީގައި ދެފައިންޕުޅު ކުރިމައްޗަށް ބާއްވައިގެން އަވަހާރަފުޅު ލައްޕަވަމެވެ. ފަހެ، ނަބިއްޔާ ސަޖިދައަށް ދާހިނދު ތިމަން ކަމަނާގެ ފައިންޕުޅު އެއްފަރާތް ކުރައްވަ އެވެ. އަދި ތިމަން ކަމަނާ ފައިންޕުޅު ކައިރި ކުރައްވަމެވެ. އަދި ސަޖިދަ ކުރައްވާ ތެދުވެވަޑައިގެންނެވުމުން ދެފައިންޕުޅު (އަނެއްކާވެސް) ސީދާކުރައްވަމެވެ.” މަޛްހަބުގައި ބުނެފައިވެ އެވެ. އަންހެނުން ހަށިގަނޑުގައި ބީހުން އެއީ ވުޟޫ ގެއްލޭ ކަމުގައިވާނަމަ، ވުޟޫވެސް އަދި ނަމާދުވެސް ބާޠިލްވާނެ އެވެ. އަދި މިނޫން ޤައުލުތައްވެސް މި ބަސްފުޅުގެ މައްޗަށް ބަޔާން ކޮށްފައިވެ އެވެ.

ތިންވަނަ ޤައުލު : އެއީ ތަފްޞީލުކޮށް ބަޔާންވެގެންވާ ޤައުލެވެ. އަންހެނުންގެ ހަށިގަނޑުގައި ޝަހުވަތާއި އެކު ބީހިއްޖެހިނދު ވުޟޫ ގެއްލޭނެ ކަމެވެ.

އަދި ޝަހުވަތެއް ނެތި ބީހުމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ.

މިއީ المالكية މަޛްހަބު އަދި الحنابلة ގެ ޤައުލެވެ. ފަހެ، މި މަޛްހަބުގެ އަހުލުވެރިން ދަލީލު ޖަމަޢަކުރެއްވުމުގައިވި އެވެ. (أَوْ لاَمَسْتُمُ النِّسَاء ) “ނުވަތަ ތިޔަބައިމީހުން އަންހެނުންގެ ހަށިގަނޑުގައި ބީހިއްޖެ ކަމުގައިވާނަމެ އެވެ.” މިއާޔަތުގައިވާ ބީހުމުގެ މުރާދަކީ ޖިމާޢު ވުމެވެ.

ޔަޢުނީ ތިޔަބައިމީހުންގެ އަނބިންނާއި ޖިމާޢުވެއްޖެހިނދު އެވެ. މިފަދައިން ޞަޙާބީ عبد الله بن عباس رضي الله عنهما ތަފްސީރު ކުރައްވާފައިވެ އެވެ. މާނައީ ޝަހުވަތް ހުރެ ބީހެއްޖެ ކަމުގައިވާނަމަ ގެއްލޭނެ އެވެ.

މި އެންމެހައި ޤައުލުތަކުން ބަޔާންވާ ޞައްޙަ ޤައުލަކީ އަންހެނެއްގެ ހަށިގަނޑުގައި ބީހުމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫން ކަމެވެ. ޝަހުވަތާއި އެކު ނުވަތަ ޝަހުވަތެއްނެތި ބީހުނު ކަމުގައިވީނަމަވެސްމެ އެވެ.

ބީހުމުން ވުޟޫ ގެއްލޭނެ ޙާލަތްތަކަކީ، ކުރިމަތި ފަރާތުގައި ބީހިއްޖެ ހިނދުގަ އެވެ. ނުވަތަ ބީހުމާއި ގުޅިގެން މަޛްޔު ނުވަތަ އެއްޗެއް ފައިބައިފި ހިނދުގަ އެވެ.

އެހެނަސް މުޖައްރަދު ބީހުމަކީ ވުޟޫ ގެއްލޭނެ ސަބަބެއް ކަމުގައި ނުވެ އެވެ.

ސަބަބަކީ އެކަމަށް ދަލީލެއް ނެތުނެވެ. އަދި ނަބިއްޔާގެ އަރިހުން އަނބިކަނބަލުންނާއި ބީހިވަޑައިގެންނަވައި އެހެނަސް ވުޟޫ ނުކުރައްވާކަން ވާރިދުވެގެންވެ އެވެ. އޭގެ ތެރޭގައި ހަދީޘްގައިވެ އެވެ. (أن النبي ﷺ قبل بعض نسائه ثم صلى ولم يتوضأ) “ހަމަކަށަވަރުން ނަބިއްޔާ ބައެއް އަނބިކަނބަލުންނަށް ބޮސް ދެއްވުމަށްފަހު (ނަމާދަށް ނުކުމެވަޑައިގަންނަވަ) އެވެ. ވޫޟޫ އެއް އެއަށްފަހު ނުކުރައްވަ އެވެ.” މި ޙަދީޘަކީ އޭގެ އިސްނާދުގައި ބަލިކަށި ކަމެއްވާ ޙަދީޘެއް ކަމުގައިވީނަމަވެސް ޢިލްމުވެރިން މި ޙަދީޘް ގިނަ މަގުތަކުން މި ޙަދީޘްއަކީ ހުއްޖަތެއް ކަމުގައި ބެލެވިފައިވާކަމަށް ވިދާޅުވެފައިވެ އެވެ.

ފަހެ މި ޤައުލަކީ شيخ الإسلام ابن تيمية 12/222 އިޚްތިޔާރު ކޮށްފައިވާ ޤައިލެވެ. އަދި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމުވެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ابن باز 10/134 އަދި ابن عثيمين 1/286 -رحمهم الله- މިފަދައިން ވިދާޅުވެފައިވެ އެވެ.

އަދި މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ اللجنة الدائمة 5/266 ބަޔާންކުރައްވާފައިވެ އެވެ.

ފަހެ، މައްސަލަ ސާފުވެ އޮޅުންފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.