ޝުކުރުގެ ސަޖިދަ ކުރުމުގައި ޢަމަލު ކުރާނީ ކިހިނަކުން ތޯ؟

ޝުކުރުގެ ސަޖިދަ ކުރުމުގައި ޢަމަލު ކުރާނީ ކިހިނަކުން ތޯ؟

 

ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)

ޝުކުރުގެ ސަޖިދައާ މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، ޝުކުރުގެ ސަޖިދައިގެ ޙުކުމަކީ އެމީހަކަށް ނުވަތަ މުސްލިމުންނަށް ޢާންމު ނިޢުމަތެއް، ނުވަތަ އެމީހަކަށް ނުވަތަ މުސްލިމުންނަށް ޢާންމުވެގެންވާ ގޮތުގައި ހިތާމައަކުން ފިއްލެވިގެން ދިއުމުން ކުރާ ސަޖިދައެކެވެ.

މި ސަޖިދައިގެ ޙުކުމަކީ ސުންނަތްވެގެންވާ ޢަމަލެކެވެ. الحافظ النووي -رحمه الله- ވިދާޅުވެފައި ވެއެވެ. “ޝުކުރުގެ ސަޖިދައަކީ ސުންނަތެކެވެ. އެއީ ފެންނަގޮތުގައި ނިޢުމަތެއް ފާޅުވެދިއުމުންނާއި އަދި ފެންނައޮތް ހިތާމައަކުން ފިއްލެވިގެން ދިއުމުން ކުރެވޭ ސަޖިދައެވެ. އެ ނިޢުމަކީ ނުވަތަ ހިތާމައަކީ ޚާއްޞަ މީހަކަށް ދިމާވި (އޭނާއަށް ޚާއްޞަ ކަމެއްވެ އޭނާ ސަޖިދަކުރުން) ނުވަތަ އެންމެހައި މުސްލިމުންނަށް ޢާންމުވެގެންވާ ގޮތުގައިވި ކަމެއް ކަމުގައިވީނަމަވެސް މެއެވެ”.

އެއަށްފަހު ޝުކުރުގެ ސަޖިދައިގެ މައްޗަށް ބަޔާންވެގެންވާ ބައެއް ތަފްސީލު ދެއްވައި العَلاَّمَة محمد بن صالح العثيمين -رحمه الله- ލިޔުއްވާފައިވާ ލިޔުމެއް ބަޔާން ކުރަމެވެ.

“ޝުކުރުގެ ސަޖިދައަކީ ނިޢުމަތެއް ލިބުމުގެ ސަބަބުން ނުވަތަ މުޞީބާތެއް ފިއްލެވިގެން ދިއުމުން ކުރާ ސަޖިދަ އެކެވެ.

އެއީ ޝަރީޢަތުގައި ބަޔާންވެގެންވާ ކަމެކެވެ. ސަބަބަކީ އެއީ رسول الله صلى الله عليه وسلم ގެ ހިދާޔަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلم އުފާފުޅުވާ ޚަބަރެއް ލިބިވަޑައިގެންނެވުމުން، ﷲ އަށް ސަޖިދަ ކުރައްވައެވެ.

ޝުކުރުގެ ސަޖިދައިގެ ސިފައަކީ :

ތަކްބީރު ކިޔައި، ތިބާގެ ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމެވެ. އަދި އަންނަނިވި ޛިކުރު ކުރާނީއެވެ. سبحان ربي الأعلى އެއަށްފަހު ﷲ عزوجل ތިބާއަށް ދެއްވި ނިޢުމަތުގެ މައްޗަށް ޘަނާގެ ބަސްތައް ޛިކުރު ކުރާނީއެވެ. އެގޮތުން މިޘާލަކަށް މިފަދައިން ކިޔާނީއެވެ. اللهم لَكَ الحَمْدُ على هذه النِّعْمَة (ދެން އެ ނިޢުމަތެއް ޛިކުރު ކުރާނީއެވެ.) އަދި މިގޮތަށް ތަކުރާރު ކޮށް ކިޔާނީއެވެ.

(މެދުވެރިވި ކަމަކީ މުޞީބާތަކުން ސަލާމަތްވުން ކަމުގައިވާނަމަ) للهم لك الحمد على ما دَفَعْتَ مِنْ نِقْمَةٍ (ދެން އެ މުޞީބާތް ޛިކުރު ކުރާނީއެވެ.) އަދި މިފަދައިން ތަކުރާރުކޮށް ކިޔާނީއެވެ. އެއަށްފަހު ސަޖިދައިން ތެދުވާނީއެވެ. ތަކްބީރު ކިޔުމެއް އަދި ސަލާމް ދިނުމެއް ނުވެއެވެ.

ސަޖިދަ ކުރުމަށް ސަބަބެއް މެދުވެރިވެއްޖެ ހިނދުގައި، ކޮންމެ ފަހަރަކު ޝުކުރުގެ ސަޖިދަ ކުރުން ހުއްޓެވެ. އެއީ ދުވާލު ނުވަތަ ރޭނގަޑު ނުވަތަ ކޮންމެ ވަޤުތެއްގައި ވީނަމަވެސްއެވެ. އަދި ކޮންމެ ޙާލަތެއްގައި ހުރިކަމުގައިވީ ނަމަވެސްއެވެ. އޭނާ ވުޟޫގެއްލިފައިވާ ޙާލަތެއްގައިވީ ނަމަވެސް ސަޖިދަ ކުރުމުގައި މައްސަލައެއް ނެތެވެ. ފަހެ رسول الله صلى الله عليه وسلم އަރިއަހުން ޝުކުރުގެ ސަޖިދަ ކުރުމަށް ޠަހާރަތުގައި ހުރުން ޝަރުޠު ކުރެވިގެންވާ ކަމުގައި ވާރިދުވެފައެއް ނުވެއެވެ” (فتاوى نور على الدرب : الشريط رقم 191).