ޙައިޟުގެ މުއްދަތުގެ ގޮތުގައި ބަލާނެ އެންމެ ދިގު މުއްދަތަކީ ކޮބައިތޯ؟

ޙައިޟުގެ މުއްދަތުގެ ގޮތުގައި ބަލާނެ އެންމެ ދިގު މުއްދަތަކީ ކޮބައިތޯ؟

 

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

ޙައިޟުގެ ގިނަ މިންވަރަކީ ކޮބައިކަމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ވަރަށްބޮޑު ޚިލާފެއްވެއެވެ. އެހެނަސް 15 ދުވަސް އެއީ ގިނަ މިންވަރު ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

15 ދުވަސް ވުމަށްފަހު، ލޭ ފައިބާ ނަމަ، އެ އަންހެނާ އެހިނދު ވަންނާނީ އިސްތިޙާޟާގައިވާ އަންހެނެއްގެ ގޮތުގައިއެވެ. އެހެނީ އެއީ ނިފާސް ނުވަތަ ޙައިޟުގައިވާ އަންހެނެއް ގޮތުގައި ނުބެލެވޭތީއެވެ. އޭގެ ޙުކުމްތަކުން ބޭރުވީއެވެ. އަދި އެ ފައިބާ ލެއަކީ ކޮންމެވެސް އެހެން ސަބަބަކާހުރެ، ފައިބާ ލެއެއްގެ ގޮތުގައި ކަނޑައެޅި އިޞްޠިޙާޟާގެ ޙުކުމްތައް ނަގާނެއެވެ.

މިއަދު އުއްމަތުގައިވާ ސުންނަތުގެ އިމާމްވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ފަތުވާކޮމެޓީގެ މެންބަރު ޑރ. العلامة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެއެވެ.

”މުސްޠަޙާޟާ އަންހެނާ ޠާހިރުވުމުން ލާޒިމްވެގެންވާ ކަންތައްތައް:

أ- މުސްޠަޙާޟާގެ ލެއިން ޙައިޟުގެ ލޭކަން އިސްވެ ބަޔާންވެދިޔަ ގޮތްތަކުން ބަޔާންވެ ދިއުމަށްފަހު، ޙައިޟުގެ ލޭ ނިމުމާއެކު ހިނައިގަތުން ވާޖިބު ވެގެންވެއެވެ.

ب- ކޮންމެ ނަމާދެއްގެ ވަޤުތު ވަނުމަށްފަހުގައި ކުރިމަތި ފަރާތުން ނުކުމެފައިވާ ލޭ ދޮވުން އަދި ލޭ ނުކުންނަ ތަނުގައި ކަފަގަނޑެއް ފަދަ އެއްޗެއް ބޭނުންކޮށް ނުކުންނަ ލޭ ބޭރަށް ފައިބައިގެން ނުދާގޮތަށް ބަންދުކޮށްފައި ބަހައްޓާނީއެވެ. އެއަށްފަހު ކޮންމެ ނަމާދެއްގެ ވަޤުތު ވަނުމަށްފަހު، އެ ނަމާދަށް ވުޟޫ ކުރާނީއެވެ. އެއީ ނަބިއްޔާ ﷺ މުސްތަޙާޟާ އަންހެނާއަށް މިފަދައިން ޙަދީޘް ކުރައްވާފައިވުމުންނެވެ“.

މިތަނުގައި ޝެއިޚް ވިދާޅުވެފައިވާ ނުކުތާތަކަށް ބަލައިލާނަމެވެ.

1. އަންހެން މީހާ 15 ދުވަސްވުމުން ޙައިޟުން ހިނައިގަންނަން ޖެހޭނެއެވެ. (ބޮޑު ޙަދަޘަ އެރިގަތުމެވެ.) އެ ވާޖިބު ހިނައިގަތުން، ހިނައިގަތުމާއެކު ޠާހިރު އަންހެނެއްގެ ޙުކުމަށް ބަދަލުވެއެވެ. އެހެންވުމުން ނަމާދު ކުރުމާއި، ރޯދަ ހިފުން ވާޖިބުވުމާއި އަދި ފިރިމީހާއާ އެއްދާން ކުރުން ހުއްދަ ވެގެންވެއެވެ.

2. ކޮންމެ ނަމާދު ވަޤުތެއް ވަނުމުން ކުރިމަތި ފަރާތުން ފައިބައިފައިވާ ލޭ ދޮވެ ސާފު ކުރުމެވެ. އަދި އެ ދޮވެ ސާފު ކުރުމަށްފަހު، ނުކުންނަ އެއްޗެއް ހަށިގަނޑުގައި ނުޖެހޭ ގޮތަށް އެއްޗެއް ބޭނުންކޮށްގެން ހެދުމަށްފަހު، ވުޟޫ ކުރުމެވެ. އަދި މިގޮތުގައި ނަމާދު ކުރާނީއެވެ. އެއްވެސް ކަހަލަ ބުރައެއް ނުވަތަ ތަކްލީފެއް މިކަމުގައި ނުވެއެވެ. ވުޟޫގައި ސުންނަތް ނަމާދުތައް އަދި ފަރުޟު ނަމާދުތައް ވެސް ކުރެވޭނެއެވެ.