އެއްވެސް މީހެއްގެ މައްޗަށް ކަށުނަމާދު ޣައިބަށް ކުރެވޭނެތޯ؟

 

ސުވާލު : އެއްވެސް މީހެއްގެ މައްޗަށް ކަށުނަމާދު ޣައިބަށް ކުރެވޭނެތޯ؟

ތި މައްސަލައިގައި ޢިލްމުވެރިން ވަނީ ހަތަރު ޤައުލެއްގެ މައްޗަށް ޚިލާފްވެފައެވެ.

މާލިކީ އަދި ޙަނަފީން ދެކިލައްވާ ގޮތުގައި އެއްވެސް މީހެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ނުކުރެވޭނެއެވެ. އެގޮތުން އެމީހުން ދެކިލައްވާ ގޮތުގައި ޣައިބަށް ކަށުނަމާދު ކުރުމަކީ ނަބިއްޔާ صلى الله عليه وسلم އަށް ލިބިވަޑައި ގަންނަވާ ޚާއްޞަ ކަމެކެވެ. މި ޤައުލާއި ދެކޮޅު ޢިލްމުވެރިންގެ ޖަވާބަކީ ނަބިއްޔާ صلى الله عليه وسلم ކުރައްވާ ކަންތައްތަކުގެ އަސްލަކީ އުންމަތުގެ އަހުލުވެރިން އެކަން ނަމޫނާއެއް ކަމުގައި ބަލައި ތަބަޢަވުމަށް އެގޮތުން ކުރައްވާ ކަންތައްތައް ކަމުގައި ވުމެވެ. އެކަމުގައި އެކަން ޚާއްޞަ ނުކުރެވުމެވެ.

2. ޝާފިޢީން އަދި ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޣައިބަށް ކަށުނަމާދު ކުރުމަކީ ނަޖާޝީގެ މައްޗަށް، ނަބިއްޔާ صلى الله عليه وسلم ކަށުނަމާދު ކުރުމަކީ މުޅި އުންމަތައް އެކުއެކީ ގައި ޝަރުޢުކޮށްދެއްވި ސުންނަތެކެވެ. އެހެން ކަމުން އެދޭ ކޮންމެ މީހެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަކީ ޝަރުޢު ވެގެންވާ ކަމެކެވެ.

އެހެނަސް މިޤަޢުލަށް ޢިލްމުވެރިން ވަރުގަދަ ރައްދެއް ދެއްވައެވެ. މަދީނާއިން ބޭރުގައި އަދި ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި އެތައްބަޔަކު ނިޔާވި އިރުގައި ވެސް ނަޖާޝީ ނޫން އެހެން މީހެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެއްވިކަން ސާބިތުވެގެން އައިސްފައެއް ނުވެއެވެ. އެހެން ކަމުން މުޅި އުންމަތަށް ސުންނަތުގެ ގޮތުގައި ޝަރުޢުވެގެން ވާކަމުގައި ބުނެވޭނީ ކިހިނެއް ހެއްޔެވެ؟

3. ތިންވަނަ ޤައުލަކީ ޣައިބަށް ކަށުނަމާދު ކުރުން ހުއްދަ ވެގެން ވަނީ އެމީހެއްގެ މައްޗަށނަމާދު ކުރެވޭކަން ޔަޤީން ނުވާ ނުވަތަ އެފަދައިން ހީކުރެވޭ ޔަޤީންވެއެވެ. އެއީ މިސާލަކަށް ކަށުނަމާދު ކުރާނެ މުސްލިމުން ނެތް ކާފަރު ޤައުމެއްގައި މަރުވުމުން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ އެމީހެއްގެ މައްޗަށް ކަށުނަމާދު ނުކުރެވޭނަމައެވެ.

އެއީ އެމީހެއްގެ މައްޗަށް ކަށުނަމާދު ކުރުމަކީ ކިފާޔަތުގެ ފަރުޟެއް ކަމުގައި ވާތީއެވެ. ނަޖާޝީގެ ޙާދިޘާ ވަނީ މިޙާލަތުގެ މައްޗަށެވެ. މިއީ އިމާމު އަޙުމަދުގެ ފަރާތުން ރިވާވެގެންވާ ރިވާޔެތެކެވެ. އަދި މިއީ شيخ الاسلام ابن تيمية-رحمه الله އިޚްތިޔާރު ކުރައްވާ ގޮތެވެ.

އެހެނަސް ނަޖާޝީއަށް މީސްތަކުންގެ އަރިހުގައި ލިބިގެންވާ ހައިބަތާއި ޤަދަރަށް ބަލާއިރު ނަޖާޝީ ވަޅުލާނެ ބަޔަކުނެތި އެކަހެރި ހާލުގައި ހުރެ މުސްލިމުންގެ ގޮތުގައި މަރުވުމަކީ ދުރުކަމެކެވެ. އެއީ ގިނަ ފަހަރަށް މީސްތަކުންގެ ތެރެއިން ގިނަބަޔަކު އެމީހުންގެ ރަސްރަސް ކަލުނާއި އެކު އެމީހުންގެ ދީނަށް ތަބާވާނެއެވެ. މިއީ އެހާ ވަރުގަދަ ނޫން މި ޤައުލަށް ދެވޭ ޖަވާބެކެވެ.

4. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޣައިބަށް ކަށުނަމާދު ކުރުމުގައި ބަލަނީ އެމީހެއްގެ ފަރާތުން އުއްމަތަށް ކޮށްފަހުރި މަންފާއަށް އެގޮތުން އެމީހަކީ އިސްލާމް ދީނުގައި ވާނަމަ އެމީހެއްގެ އެޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި އަދި އެކަމަށްޓަކައި އެމީހަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނާއި އަދި އެހެން މީހުންނަށް އެމީހަކު ކުރިފަދަ ޢަމަލުތަށް ކުރުމަށް ހިތްވަރު ދިނުންފަދަ މަތިވެރި ޝަރުޢީ މަޤްޞަދު ތަކުގައެވެ.

ނަޖާޝީގެ މައްޗަށް ކަށުނަމާދު ކުރެއްވީ މިމޭރުމުން ކަމުގައި ވުމަކީ ސީރަތް ދަންނަ އެވެސްމީހަކު ދުރުކުރާނެ ކަމެއްނޫނެވެ. މިއީ މިކަމުގައި މިޒަމާނުގެ ބޮޑެތި އިމާމުން ކަމުގައި ވާابن العثيمين އަދި ابن باز ފަދަ ޢިލްމުވެރިން އިޚްތިޔާރު ކުރައްވާގޮތެވެ.

މިމައްސަލައިގެ ޙައްޤު މޮޅަށް ދެނެވޮޑިގެންވަނީ الله تعالىއެވެ.

އެހެނަސް ބުނަމެވެ. ޣައިބޭބުނެ މިއަދު ކަންކަން ކުރާ އުސޫލަކީ ހިތާމަ ވެރި ޢަމަލެކެވެ. އެތައް ސަތޭކަ އަދި އެތައް ހާސް ބަޔަކު މައްކާގެ ޙަރަމުގައި ކުރުމަށް ފަހުވެސް ޣައިބަށް ބުނެ އެކި އެކި ހިސާބުގައި ކުރުން މިއީ އުންމަތުގެ ޞަލަފުއް ޞާލިހުންގެ ޢަމަލުފުޅެއް ނޫނެވެ.

މީހަކު ކަށުނަމާދުކޮށް ވަޅުލުމަށް ފަހު ދުވަސް ތަކެއް ފާއިތުވެ ދިޔުމަށް ފަހު ވެސް އެހެނިހެން ތަންތާގައި މިއީ ޢައިބަށް ކަށުނަމާދު ކުރުމޭ ބުނެ މިކަންކުރާ ގޮތަކީ ސަލަފުއް ޞާލިޙުން ދަންނަ ކަމެއް ނޫނެވެ.

ތެދެކެވެ! ނަޖާޝީ އަށް ކުރެވުނީ ޣައިބަށެވެ. ﷲ ގެ އަމުރުފުޅު ނަބިއްޔާ އަށް އެފަދައިން ބާވައިލެއްވިގެން (ބައެއް ބަސްފުޅުތަކުގައި) ކަށުނަމާދު ނުކޮށް ވަޅުލެވުމުން ކުރެއްވީއެވެ. ވުމުން މިކަމާ ވިސްނައި ދަލީލުތަކުގައި ހުންނަ ސަމާލުވާން ޖެހޭނެއެވެ.

މި މައްސަލައަކީ ޚިލާފުބޮޑު މައްސަލައެއް ކަމުގައި ވުމުން ވަކި ގޮތެއް ވެރިމީހާ (ވަލިއްޔުލް އަމްރު) ވަކި މީހެއްގެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރަން ވެރިމީހާ ޢަމުރު ކޮށްފި ނަމަ ވެރިމީހާއަށް އިޚްތިޔާރު ކުރާ ގޮތާއި ދެކޮޅަށް ޚިލާފް މައްސަލަ ނަގާ ބަސްބުނުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. ވެރިމީހާ މިކަމުގައި ގޮތެއް އިޚްތިޔާރު ކުރުމުން މީސްތަކުން ގެ މެދުގައި ޚިލާފުއުފުލެން ޖެހޭނެކަމީ ޝަރުޢީ ޤަވާޢިދުތަކުގެ ތެރެއިން ވާ ޤަވާޢިދެކެވެ.