އަނިޔާއެއްގެ ސަބަބުން ކަނާއަތް ބޭނުން ކުރުމަށް ނުކުޅޭދޭ މީހާ ވުޟޫކުރުމަށްޓަކައި ގުނަވަންތަކަށް ފެންލުމަށް ވައަތް ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައި؟

އަނިޔާއެއްގެ ސަބަބުން ކަނާއަތް ބޭނުން ކުރުމަށް ނުކުޅޭދޭ މީހާ ވުޟޫކުރުމަށްޓަކައި ގުނަވަންތަކަށް ފެންލުމަށް ވައަތް ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައި؟

 

ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)

ހެޔޮ ކަންތައްތަކަށް އަދި ރިވެތި ކަންތައްތަކަށް ކަނާއަތް އިސްކުރުމަކީ ބަޔާންވެގެންވާ ނަބަވީ ޢަމަލު ފުޅެކެވެ. عَائِشَة -رضي الله عنها- ގެ ފަރާތްޕުޅުން ރިވާވެގެންވާ ހަދީޘްފުޅެއްގައި ވެއެވެ.

(كان النبيُّ صلَّى اللهُ عليه وسلَّم يُحِبُّ التَّيَمُّنَ ما استَطاعَ، في طُهُورهِ وتَنَعُّلِه وتَرجُّلِه في شأنِه كُلِّه)

”النبيُّ ﷺ ޠާހިރު ވުމުގައި، ފައިވާންޖޯޑުކޮޅަށް އެރުއްވުމުގައި، އިސްތަށި ފުޅުގައި ފުނާ އެޅުއްވުމުގައި އަދި އެންމެހައި (ރަނގަޅު، ރިވެތި، ހެޔޮ) ކަންކަމުގައި ކުޅަދާނަވެވަޑައިގެންނެވި މިންވަރަކުން ކަނާއަތް އިސްކުރެއްވުމަށް ލޯބިފުޅު ކުރައްވަވަ އެވެ“ (البُخَاري 5380). މި ޙަދީޘްގައި ޛިކުރު ކުރެވިފައި މިވަނީ ބައެއް ކަންތައްތަކެވެ.

ދެން އޮތީ ސުވާލުގައިބަޔާން ކޮށްފައިވާ ކަންތައްތަކަށް އަލިއަޅުވާލާ އެއްޗެއް ދަންނަވާލުމެވެ. އަޚާއަށް ދިމާވެފައިވާ ދަތި ޙާލަތު ބަދަލު ކުރައްވައި ފަސޭހަ ލުއި ޙާލަތެއް ﷲ މެދުވެރި ކުރައްވާށިއެވެ. އަވަސް ޝިފާއެއް ﷲ ގެ ޙަޟުރަތުން މިންވަރު ކުރައްވާށިއެވެ.

ކަނާއަތް ބޭނުންކޮށްގެން ފެންނަގައި އަނގައަށް އަދި މޫނަށް އަދި އެހެން ގުނަވަންތަކަށް ފެން ނުލެވޭ ޙާލަތެއް އައުމުން، އެފަދަ ޙާލަތެއްގައި ވައަތް ބޭނުން ކުރުމަކުން މައްސަލައެއް ނެތެވެ. ވުޟޫއަށް އެއްްވެސް އުނިކަމެއް ނާންނާނެއެވެ. އަދި ވުޟޫއަކީ ޞައްޙަ ވުޟޫ އެކެވެ.

ތިޔަ ޙާލަތުގައި ވެސް ޔަޤީންކުރުން އޮތީ ދޮންނަން ޖެހޭ އެންމެހައި ގުނަވަންތަކެއްގައި ފަރުޟު ވެގެންވާ އެންމެހައި ހިސާބެއްގައި ފެންޖެއްސުނުކަން ޔަޤީން ކުރުމެވެ. އެއްވެސް ތަނެއްގައި ފެން ނުޖެހި ނުހުންނާނެ ކަމުގެ މައްޗަށް ޔަޤީން ކުރުމެވެ. އެހިނދު ﷲ ގެ އިރާދަ ފުޅުން އެވަނީ ފުރިހަމަ ވުޟޫއެއް ކުރެވިފައިއެވެ.

އެއްވެސް ކަރާހަތްތެރި ކަމެއް ނެތި ވުޟޫ ޞައްޙަ ވާނެއެވެ. އަދި މިތަނުގައި ބޮޑަށް ބަޔާން ކޮށްދިނުމަށްޓަކައި 2 ފިޤުހީ ޤަޥާޢިދެއް މިތަނުގައި ބަޔާން ކުރަމެވެ.

ފުރަތަމަ ޤަވާޢިދަކީ المشقة تجلب التيسير – މާނައީ: ދަތިކަމާއި އުނދަގޫގެ ސަބަބުން ފަސޭކަން ގެނެސް ދޭނެއެވެ. އެހެންވުމުން، ދަތިކަމާއި، ބުރަކަމުގައި ވުމުން، ލުއިފަސޭހަކަން ގެނެސްދޭނެއެވެ.

ދެވަނައީ: لا واجب مع العجز – ނުކުޅެދުންތެރިކަމާއެކު ވާޖިބެއް ނުވެއެވެ. ފަހެ، ވާޖިބެއް ނުވާކަމުގައިވާނަމަ، މުސްތަޙައްބުކަން (ކަނާއަތް އިސްކުރުމަކީ މުޞްޙައްބު ކަމެއް- ވީއިރު، މިތަނުގައި މި ހާލުގައި ވުޟޫކުރުމަށް ވައަތް ބޭނުންކުރުމަކީ އެއްވެސް ކަރާހަތްތެރި ކަމެއްނެތި ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ވެއެވެ.