ޢީދު ނަމާދަށް ހިނައިގަތުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި މި ހިނެއުން ހިނައިގަތުމަށްޓަކައި ނިޔަތް ގަންނާނީ ކިހިނެއްތޯ؟
ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)
ޢީދު ނަމާދަށް ހިނައިގަތުމާ މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ޢީދު ނަމާދަށް ހިނައިގަތުމަކީ ނުހަނު ބޮޑަށް އެދިވެގެންވާ ސުންނަތެކެވެ. ފަހެ، އެކަން ރިވާޔަތްތަކުގައި ބަޔާންވެގެންވެއެވެ. މިފަދަ ރިވާޔަތެއްގައި ވެއެވެ. ”ابن عُمر -رضي الله عنهما- ފިޠުރު ޢީދު ދުވަހުގައި ޢީދު މުޞައްލައަށް ވަޑައިގެންނެވުމުގެ ކުރިން ހިނައިގަންނަވައެވެ“(صحيح/ الموطأ ١٧٧/١).
ފަހެ، މި ޞަޙާބީ މާތް ނަބިއްޔާގެ ސުންނަތަށް ތަބަޢަވުމުގައި ޤާއިމްވެގެންވާ މިންވަރު ބަޔާން ކުރައްވާ الإمام ابن القيم ވިދާޅުވެފައި ވެއެވެ. ”ابن عمرސުންނަތަށް ތަބަޢަ ވެވަޑައިގަތުމުގައި ނުހަނު ގަދައަޅާ މަސައްކަތްފުޅު ކުރެއްވުމާ އެކުގައި، ޢީދު ދުވަހު ޢީދު ނަމާދަށް ވަޑައިގެންނެވުމުގެ ކުރިން ހިނައިގަންނަވާ ކަމުގައި ޘާބިތުވެގެންވެ އެވެ. އަދި އަތްޕުޅުގައިއޮތް އެންމެ ރިވެރި ހެދުންކޮޅު ތުރުކުރައްވަ އެވެ.“(زاد المعاد 1/442 ).
ވީމާ، ޢީދު ނަމާދަށް ޚާއްޞަކޮށް ހިނައިގަތުން ނުހަނު ބޮޑަށް އެދެވިގެން ވެއެވެ. އަދި އޭގެ އިތުރަށް އަތުގައި އޮތް އެންމެ ރިވެތި ފޭރާން ލުމާއި، ހަށިގަނޑުގައި ހުވަދު ލުމާއި، ފިޠުރު ޢީދު ކަމުގައިވާނަމަ، ޢީދު ނަމާދުގެ ކުރިއަށް ވިތުރި ޢަދަދަށް ކަދުރު ކެއުން ވެސް ސުންނަތް ވެގެން ވެއެވެ.
ސުވާލުގެ ދެވަނަ ބައިގައިވާ، މި ހިނެއުމުގެ ނިޔަތަކީ، ޢީދު ނަމާދަށްޓަކައި އެ މީހަކު ހިނައި ގަންނަ ކަމުގައި ހިތުން ޤަޞްދު ކުރުމެވެ. ނިޔަތަކީ ދުލުން ކިޔާ އެއްްޗެއް ނޫނެވެ. އަދި ނިޔަތް ދުލުން ކިޔުމަކީ ޘާބިތު ވެގެންވާ ޢަމަލެއް ވެސް ނޫނެވެ.