ކޭތަ ނަމާދު ކުރާނެ ސިފައަކީ ކޮބައި ހެއްޔެވެ؟ އަދި ކޭތަ ނަމާދު ގޭގައި ޖަމާޢަތް ހަދައިގެން ނުވަތަ ވަކިން ކުރުން ހުއްދަ ވެގެންވޭ ހެއްޔެވެ؟

ކޭތަ ނަމާދު ކުރާނެ ސިފައަކީ ކޮބައި ހެއްޔެވެ؟ އަދި ކޭތަ ނަމާދު ގޭގައި ޖަމާޢަތް ހަދައިގެން ނުވަތަ ވަކިން ކުރުން ހުއްދަ ވެގެންވޭ ހެއްޔެވެ؟

 

ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)

ކޭތަ ނަމާދުގެ މައްޗަށް ބުނަމެވެެ. ފަހެ ދެނެގަތުން ހުއްޓެވެ! ކޭތަ ހިފަނީ ނުވަތަ ކޭތަ ހިފުމަށް ކުރިމަތި ވަނީ ﷲ ގެ އިރާދަފުޅާއި މިންވަރު ފުޅުންނެވެ. އެއީ (ތަބީޢީ ކަމެއް) ގޮތުގައި ދެކިގެން ނުވާނެއެވެ. އޭގެ ޙިކްމަތަކީ ކޮބައިކަން އަހަރެމެންނަށް ނަބިއްޔާ ﷺ ވަނީ ބަޔާން ކޮށްދެއްވާފައިއެވެ. ހަދީޘް ކުރެއްވިއެވެ.

(إنَّ الشمسَ و القمرَ لا يَنكَسِفان لموتِ أحدٍ و لا لحياتِه ، و لكنهما آيتانِ من آيات اللهِ ، يخوِّفُ اللهُ بهما عبادَه ، فإذا رأيتُم ذلك ، فصلُّوا و ادعُوا حتى ينكشِفَ ما بكم ) “ހަމަކަށަވަރުން އިރު ކޭތަ އަދި ހަނދު ކޭތަ އަކީ މީހަކު މަރުވުގެ ސަބަބުން ނުވަތަ މީހަކު އުފަންވުމުގެ ސަބަބުން ހިފާއެއްޗެއް ނޫނެވެ. އެހެނަސް އެއީ ﷲގެ ކުޅަދުންވަންތަ ކަމުގެ އާޔަތްތަކުގެ ތެރެއިންވާ 2 އާޔަތެވެ. އެ އިލާހުގެ އަޅުތަކުން އެ 2 އެތީގެ މަތިން ބިރުގަނުވައެވެ. ތިޔަބައިމީހުންނަށް ކޭތަ ފެނިއްޖެހިނދު، ތިޔަބައިމީހުންގެ މައްޗަށް އެ ދިމާވެފައިވާ ކަންތަކުން ސަލާމަތްވުމަށްދެން ނަމާދު ކުރާހުއްޓެވެ”.

އަޚުންނޭވެ! ކޭތަ އަކީ އިންޒާރެކެވެ. ފާޅުވެދާނެ ޢުޤޫބާތެއްގެ މައްޗަށް ދެވޭ އިންޒާރެކެވެ. އެހެންވުމުން ކޭތަ (ހަނދު އަދި އިރު) ހިފައިފިހިނދު، ނަމާދަށް އަވަސްވެގަތުމަށް އަމުރުފުޅު ކުރެއްވިއެވެ. ދުޢާ ކުރުމާއި، ޞަދަޤާތް ކުރުމާއި، އަޅުން މިނިވަން ކުރުމާއި، ޛިކުރު ކުރުމަށް ﷲ އަށް ކުއްތަންވެ، ނިކަމެތި އާރެއް ބާރެއްނެތް ބައެއްގެ ގޮތުގައި ދެންނެވުމަށް އަމުރުފުޅު ކުރެއްވިއެވެ. އަދި ﷲ އަށް ތަޥްބާވުމަށް ވަނީ އިރުޝާދު ދެވިގެންނެވެ.

 

ލޯބިވާ އަޚުންނޭޥެ! މިއަދު ދުނިޔެވީ މައިދާނަށް ބަލައިފިހިނދު، މުސްލިމުންގެ ތެރޭގައި ވެސް، ކޭތަ ހިފައިފިއޭ ބުމުނުން، މި ސިފަތައް ފާޅުވޭ ހެއްޔެވެ؟ އޭގެ ކުރީގެ ރެއެކޭ އެއްފަދަ ނޫން ހެއްޔެވެ؟ ތަފާތު ކަމެއް، ބިރުވެރި ކަމެއް، ބޮޑު ކާރިޘާއެއް ޙާދިޘާއެއް ފާޅުވެގެންވާހެން ޢަމަލުން ފެނޭ ހެއްޔެވެ؟

ފަހެ، މިއީ ހިތްތައް ގާވެ، މަރުވެފައިވާ ކަމުގެ ސިފަތަކެވެ. ޢަލާމާތްތަކެވެ. މިހެން ވެގެން ނުވާނެއެވެ. ވެވިގެން ވެސް ނުވާނެއެވެ. ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި ނަބިއްޔާގެ ލޮބުވެތި ދަރިކަލުން إبراهيم -رضي الله عنه- އަވަހާރަފުޅުވި ދުވަހުގައި އިރު ކޭތައެއް ހިފިއެވެ. ފަހެ، އެހިނދު ނަމާދަށް މިސްތަކުން ޖަމަޢަވުމަށް އަމުރުފުޅު ކުރައްވާ الصلاة جامعة ގޮވައިލެވުނެވެ. ފަހެ، މީސްތަކުން މިސްކިތަށް ޖަމަޢަވިއެވެ. އަދި އޭގެ ކުރިން ދުވަހަކު ވެސް ޞަޙާބީންނަށް ނަމާދެއްގެ އެސިފަ ފެނިވަޑައިގެންފައި ނުވާ ނަމާދެއް، ޢަޖައިބު ކުރުވާފަދަ ނަމާދެއް ކުރެއްވިއެވެ. އަޚުންނޭވެ! މިއީ ޝަރުޢީ އާޔަތެވެ. ﷲ މީސްތަކުންނަށް އެ ބައިމީހުންގެ ޙަޔާތުގައި ޢިބްރަތް ހޯދުމަށް ދެއްކެވި ބޮޑުވެގެންވާ ޤަރީނާ ހެއްކެކެވެ. ފަހެ، އެފަދައިން ނުވާންވީ ކީއްވެ ހެއްޔެވެ؟ ކުރެއްވި ނަމާދަކީ ހައިރާން ކުރުވަނިވި ނަމާދެކެވެ.

ކައުނީ ގޮތުން، ޢާދަވެ ފެންނަ ފަދައިން ނުވެއެވެ. ދުވާލުގެ އަލިކަމުގައި އިރު ނޫރުގޮސް ކަޅުވީއެވެ. ނަބިއްޔާ ނަމާދުގައި ހުންނަވަނިކޮށް ﷲ ނަބިއްޔާއަށް ސުވަރުގެ ދެއްކެވިއެވެ. އަދި ސުވަރުގޭގައިވާ މޭވާތައް ފެނިވަޑައި ގެންނެވުމުން ނަމާދަށް ހުންނަވާ ކުރިއަށް ޖެހި ވަޑައިގެންނެވިއެވެ. އަދި ނަމާދުގައި ވަނިކޮށް ނަރަކަ ދެއްކެވިއެވެ. އެހިނދު، ނަރަކައިގެ ހޫނު ހަށިކޮޅަށް ވާޞިލްވުމުން ފަހަތްޕުޅަށް ޖެހި ވަޑައިގެންނެވިއެވެ.

އަޚުންނޭވެ! ތަފާތު ޙާލަތެއް، ތަފާތު ނަމާދެއް، ސުވަރުގެ ނަރަކަ ދައްކަވައި… މިއީ އެއަށްފަހު ފިލާވަޅުތަކެއް ނޫން ހެއްޔެވެ؟ ޢިބްރަތްތަކެއް ނޫން ހެއްޔެވެ؟ އެ އިރުގެ އަލިކަން އެ ގެންދެވި ގޮތަށް އަނބުރާ އެ އަލި ނައިސްދާނެ ކަމަށް ނަފްސު ބިރު ނުގަންނަނީ ހެއްޔެވެ؟ ވިސްނާ ފިކުރު ހިންގާލަންވީ އެއީ ކޮންފަދަ ބިރުވެރި ޙާލަތަކަށް ގޮސްދާނެ ކަމެއް ކަމާމެދުއެވެ.

ނަބީއްޔާ ﷺ ކޭތަ ނަމާދުގައި ދެ ރަކުޢަތް ކުރެއްވިއެވެ. ޤިޔާމުގައި ވަރަށްވެސް ވަރަށްވެސް ދިގުކޮށް ކިޔަވާ ވިދާޅުވިއެވެ. ކޮންމެ ރަކުޢަތެއްގައި 2 ރުކޫޢު އަދި 2 ސަޖިދަ ކުރެއްވިއެވެ. ނަމާދަށްފަހު، ވަރަށްވެސް އަޘަރު ކުރަނިވި ބަސްފުޅެއް، ޛިކުރުކޮށް ދެއްވިއެވެ. އެ ބަސްފުޅުގައި ވިދާޅުވިއެވެ. ( واللهِ لو تَعلمونَ ما أعْلَمُ لضَحِكْتُمْ قليلًا ولبَكَيتُمْ كثيرًا )، މާނައީ؛ ” ﷲ ޤަންދީ ބުނަމެވެ. ތިމަން ނަބިއްޔާ އެނގިވަޑައިގެންފައިވާ މިންވަރަށް ތިޔަބައިމީހުން ދަންނަ ކަމުގައިވާނަމަ، ހަމަކަށަވަރުން ތިޔަބައިމީހުން ގިނައިން ރޮއި އަދި ހީހަދާލެއް މަދުވާނެއެވެ”.

އަޚުންނޭވެ! ނަފްސުގައި މިއަދު ހިނގަމުންދާ ކަންތަކާއި އޭގެ އިތުރަށް މިއަންނަ މިފަދަ އިންޒާރުތަކަށް ނަފްސު ހޭލައްވާށެވެ. ނަފްސަށް އެކަމުން ފިލާވަޅު ލިބިގަންނާށެވެ. އެއަށްފަހު، ނަމާދާއި މެދުގައި ނުކުތާތަކެއް ހަނދާންކޮށްދެމެވެ.

ފުރަތަމައީ: މިއަދު އެއްބަޔަކު މިވަނީ ލޮކްޑައުންގައިއެވެ. ވީމާ އެބައިމީހުންނަށް އަމިއްލަ ގޭގައި ނަމާދު ކުރެވޭނެ ހެއްޔެވެ؟

ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ނަމާދު ގޭގައި ޖަމާޢަތް ހަދައިގެން ނުވަތަ ވަކިން ކުރުން ހުއްދަ ވެގެންވެއެވެ. އަޥްލާ ވެގެންވަނީ ޖަމާޢަތުގައި މިސްކިތުގައި ކުރެވޭ ޙާލުގައި މިސްކިތުގައި ކުރުމެވެ. ޖަމާޢަތުގައި އަދި ފަރުދީގޮތުން އެކަނި ހުރެވެސް ކުރުން ސުންނަތް ވެގެންވެއެވެ. މިކަމުގެ ދަލީލަކީ ނަބިއްޔާ ﷺ ގެ ބަސްފުޅެވެ. (فإذا رأيتموه فصلوا) “ތިޔަބައިމީހުންނަށް ކޭތަ ފެނުމުން ފަހެ، ނަމާދު ކުރާށެވެ”.

الإمام ابن قُدامة ވިދާޅުވެފައިވެ އެވެ. “އިމާމްގެ އިޛުނައާ އެކު ނުވަތަ އިޛުނަނެތް ކަމުގައިވީނަމަވެސް އެކަނި ފަރުދީ ގޮތުން ކަމުގައިވީނަމަވެސްމެ މީސްތަކުން ނަމާދު ކުރުމަށް އަވަސްވެގަތުން ހުއްޓެވެ.” المقنع (72)

މި މައްސަލައިގެ ޞައްޙަ ޤައުލަކީ އިމާމްގެ އިޛުނަ ޝަރުޠު ނުކުރެވޭ ކަމެވެ. العَلاَّمَة الشَّيخ صَالح الفَوزَان ވިދާޅުވެފައިވެ އެވެ. “ނަބިއްޔާ ﷺ ގެ ޢަމަލުފުޅުން ބަޔާންވެފައިވުމުން ކޭތަނަމާދު ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވެ އެވެ. އަދި ސުންނަތް ނަމާދުތައް ވަކިން ކުރާފަދައިން އެކަނި ކުރުންވެސް ހުއްދަވެގެންވެ އެވެ. އެހެނަސް ޖަމާޢަތުގައި ކުރުން ހެޔޮކަންބޮޑުވެގެންވެ އެވެ.” الملخص (282)

ދެވަނައީ: މި ނަމާދު ކުރާ ސިފައެވެ. ނަމާދު ކުރާނެ ސިފައާ މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

1. ނިޔަތްގަނެ، الله أكبر ކިޔައި ޙަރަމް ބަނުން ހުއްޓެވެ. އެއަށްފަހު އިސްތިފްތާޙް ކިޔައި، އިސްތިޢާޛަ (أَعُوذ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ) އަދި ބަސްމަލަ (بِسْمِ اللهِ الرَّحمن الرحِيم) ކިޔައި ފާތިޙާ ސޫރަތް ކިޔުމަށްފަހު، ޤުރުއާނުން ފަސޭހަތަނެއް ވީހާވެސް ދިގުކޮށް ކިޔަވާށެވެ.

2. الله أكبر ކިޔައި ރުކޫޢަށް ދާނީއެވެ. ރުކޫޢުގެ ތަސްބީޙަ ކިޔުމަށްފަހު (ރުކޫޢު ދިގުކޮށް ކުރުންވެސް ސުންނަތް ވެގެންވެއެވެ.)

سَمِعَ اللهُ لِمَن حَمِده ކިޔައި އަނެއްކާ ވެސް ޤިޔާމަށް ތެދުވާށެވެ. އެއަށްފަހު އިސްތިޢާޛަ އަދި ބަސްމަލަ ކިޔައި ފާތިޙާ ސޫރަތް ކިޔަވައި، ފަސޭހަ މިންވަރެއް ދިގުކޮށް ޤުރުއާން ކިޔެވުން ހުއްޓެވެ. އެއަށްފަހު الله أكبر ކިޔައި ރުކުޢަށް ދާށެވެ. (ރުކޫޢު ދިގުކޮށް ކުރުން ވެސް ސުންނަތް ވެގެންވެއެވެ.) މިއީ ފުރަތަމަ ރަކުޢަތުގައި ކުރެވުނު ދެވަނަ ރުކޫޢައެވެ.

3. ރުކޫޢުގެ ތަސްބީޙަ ކިޔުމަށްފަހު، سمع الله لمن حمده ކިޔައި ތެދުވާނީއެވެ. އަދި އިޢުތިދާލުގައި ކިޔާ ޛިކުރު ކިޔުމަށްފަހު، الله أكبر ކިޔައި ސަޖިދަ ކުރާނީއެވެ.

4. ސަޖިދާގައި ކިޔާ ތަސްބީޙަ ކިޔުމަށްފަހު الله أكبر ކިޔައި ދެ ސަޖިދަ ދެމެދު އިށީންނަ ހުއްޓެވެ. އަދި ޛިކުރު ކުރުމަށްފަހު 2 ވަނަ ސަޖިދަ ކުރާނީއެވެ.

5. ދެވަނަ ސަޖިދަކޮށް ނިމުމަށްފަހު، 2 ވަނަ ރަކުޢަތަށް ތެދުވާނީއެވެ. އަދި ފުރަތަމަ ރަކުޢަތް ކުރި ފަދައިން (2 ރުކޫޢުކޮށް)، އިޢުތިދާލުކޮށް، ސަޖިދަކޮށް، ދެ ސަޖިދަ ދެމެދު އިދެ، 2 ވަނަ ސަޖިދަކޮށް، އައްތަހިޔާތު ކިޔައި އަދި ސަލާމް ދިނުމުން ނަމާދުކޮށް ނިމުނީއެވެ.

ތިންވަނައީ: މި ނަމާދުގައި މުޞްޙަފް ބަލައިގެން ކިޔެވޭނެ ހެއްޔެވެ. އާނއެކެވެ. މި ނަމާދުގައި މުޞްޙަފް ބަލައިގެން ކިޔެވުން ހުއްދަ ވެގެންވެއެވެ. އެކަމުގައި މައްސަލައެއް ނެތެވެ.

ހަތަރުވަނައީ: ނަމާދުކޮށް ނިންމާފައި ދެވޭ ޚުޠުބާއެވެ. މި ޚުޠުބާ ދިނުމަކީ ވެރިޔާ ނުވަތަ ވެރިޔާ އައްޔަނު ކުރާ ފާރާތަކުން ދޭ ޚުޠުބާއެއްގެ ގޮތުގައި ވުމުން، ވަކިން ނުވަތަ ގޭގައި ޖަމާޢަތް ހަދައިގެން ކުރާ ފަރާތްތަކުން ޚުތުބާ ދިނުމެއް ނުވެއެވެ.