ޒިނޭ ދަރިޔަކަށް މާބަނޑުކަން އެނގި ތިބެ، އެފަދަ އަންހެނަކާ ކައިވެނި ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)
ޒިނޭ ދަރިޔަކަށް މާބަނޑުކަން އެނގި ތިބެ، އެފަދަ އަންހެނަކާ ކައިވެނިކުރުމުގެ ޙުކުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.
سبحان الله! ولاحول ولاقوة إلا بالله! ޙަޤީޤަތަކީ މި އެންމެހައި ޢަމަލުތައް ފާޅުވެގެން މިވަނީ، މި ކާއިނާތާއި ޖިންނީންނާއި އިންސާނުން ހެއްދެވި، ޢާލަމްތަކުގެ ވެރި ރައްބުގެ ޝަރީޢަތާއި ޙުދޫދްތަކާއި އިންތަކުން އިންސާނުން ފަހަނައަޅައި ދިއުމުގެ ސަބަބުންނެވެ. ނުބައި ޢަމަލެއްގެ ނަތީޖާއެއްގެ ގޮތުން، އެތައް ފާފައަކަށް މިވަނީ މީހާ ގެންގޮސްފައިއެވެ.
އަޚާއެވެ! ޝަރީޢަތުގައި ބަޔާން ވެގެންވާ ދަލީލުތަކާއި މަޤްޞަދުތަކުން އަދި ދަލީލުތަކުން ބަޔާން ވެގެންވަނީ މާބަނޑު އަންހެނަކާއި ކައިވެނި ނުކުރެވޭނެ ކަމެވެ. އަދި އެފަދަ ކައިވެންޏެއް ޞައްޙަ ވެސް ނުވާނެ ކަމެވެ.
ޒިނޭކޮށްފައިވާ އަންހެނާގެ ބަނޑުގައިވާ ދަރިއަކީ ޒިނޭ ދަރިއެކެވެ. ޒިނޭ ކޮށްފައިވާ މީހާއަކީ ކާކުކަން އެނގުނު ކަމުގައި ވީނަމަވެސް އެއީ އޭނާގެ ދަރިއެއްގެ ގޮތުގައި ނިޞްބަތެއް ނުކުރެވޭނެއެވެ. ޝަރުޢީ ކައިވެނީގެ ބޭރުން ލިބޭނީ ޒިނޭ ދަރިންނެވެ. އަދި އެފަދައިން ޒިނޭކޮށްފައި ބަނޑުބޮޑުވެފައިވާ އަންހެނާ، އޭނާ އެ ދަރި ވިހެއުމަށް ދާންދެން ކައިވެނި ނުކުރެވޭނެއެވެ.
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العَزِيز بن بَاز-رحمه الله- ވިދާޅުވެފައިވާ ބަސްފުޅެއް މިތާގައި ބަޔާން ކުރަމެވެ.
ސުވާލު: އަހަރެން ކައިވެނި ކޮށްފައިވަނީ ގާތްތިމާގެ އަންހެނަކަށްވުރެ ދުރު އަންހެނަކާއެވެ. ކައިވެންޏަށް ތައްޔާރުވުމުގައި އެކިއެކި ކަންކަމުގައި އަހަރުދުވަސް ހޭދަވިއެވެ. ކައިވެނި ކުރުމަށްފަހު އަންހެނުން ބަލިވެ، ޑޮކްޓަރަކަށް ދެއްކުމަށް ގޮސް، އަންހެނުންގެ ބަލިތަކާބެހޭ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމުން އަންހެނުން މާބަނޑު ޙާލަތުގައި އަދި ބަނޑަށް 6 މަސްވެއްޖެ ކަމުގައި އަހަރެން ގާތުގައި ބުޏްނެވެ. އެހެނަސް އަންހެނުން ބަލިވެގެން ޑޮކްޓަރު ގާތަށް މި ދިޔައީ އަހަރެމެންގެ ކައިވެންޏަށް 1 މަސް ފަހުގައެވެ.
ފަހެ، އަހަރެންނަށް ފިރިއެއްގެ ގޮތުގައި ހުރުން ޙައްޤުވެގެންވޭ ހެއްޔެވެ؟ އަދި ފިރިއެއްގެ ގޮތުގައި މުޢާމަލާތް ކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟ އަދި މި ހިނގައިފައިވާ ކަންތައްތައް ރައްކާތެރިކޮށް (ސިއްރުކޮށް) އަންހެނުންގެ އަބުރާއި ޝަރަފު ރައްކާތެރިކުރުމުގައި ދެމިހުންނަންޖެހޭނެ ހެއްޔެވެ؟ ކައިވެނި ކުރުމުގެ ކުރިން އަންހެނުންގެ އެއްވެސް ޙާލަތެއް އަހަރެންނަށް އޮޅުންފިލާފައިނުވެ، އަހަރެން ކައިވެނިކުރީ ބިކުރުވެރި އަންހެނެއްގެ ގޮތުގައި ދެކިގެންނެވެ. ނުވަތަ މިޙާލަތުގައި އޮތީ ވަރިކުރުން ހެއްޔެވެ؟ އަދި އަހަރެން އަންހެނުންނާއެކު، މިހާރު ދިރިއުޅުމަށް ބޭނުން ނުވެއެވެ. އަންހެނުންގެ ފަރާތުން އަހަރެންނަށް މިހާރުވަނީ ނަފްސާނީ ކަންތައްތަކެއް ދިމާވެފައިއެވެ. ފަހެ، ވަރިކޮށްފި ކަމުގައިވާނަމަ، އަހަރެންގެ ފަރާތުން އަންހެނުންނަށް ރަން ނުވަތަ އެހެނިހެން އެއްޗެއް ދިނުން ޙައްޤުވެގެންވޭ ތޯއެވެ؟ أفِيدوني أفَادكم الله.
ޖަވާބު: ތިޔައީ ބާޠިލް ކައިވެންޏެކެވެ. ސަބަބަކީ މާބަނޑު އަންހެނަކާ ކައިވެނިކޮށްފައި ވުމުންނެވެ. މާބަނޑު އަންހެނާ ވަރިކުރި އޭނާގެ ފިރިމީހާ ނޫން އެހެން މީހަކާ ކައިވެނި ކުރުން އެ އަންހެން މީހާއަށް ޞައްޙައެއް ނުވާނެއެވެ. (އެމީހެއްގެ ފެނުން، އެ ކުއްޖަކަށް ބަލިވެއިން، ފިރިމީހާ މެނުވީ މާބަނޑު އަންހެނަކާ ކައިވެނިކުރުން ޞައްޙައެއް ނުވާނެއެވެ.)
ނަބިއްޔާ ﷺ ގެ އަރިހުން ޞައްޙަވެގެވާ ރިވާޔަތެއްގައިވެއެވެ. އެއްވެސް މީހަކު އެހެން މީހަކު އިންދާފައިވާ ގޮވާމަކަށް ފެންދިނުން ނަޙީ ކުރެއްވިއެވެ. ޔަޢުނީ، މާބަނޑުވެފައިވާ އަންހެނަކާ ކައިވެނި ކުރުމެވެ. ފަހެ، ތިބާއަށް ވާޖިބު ވެގެންވަނީ އަންހެންމީހާއާ ވަކިވުމާއި އަންހެން މީހާ ދޫކޮށްލުމެވެ.
ދެންފަހެ، ކާވެނީގެ ރަން އަދި އެހެނިހެން ޙައްޤުތަކުގެ މައްޗަށް އޮތީ ތިބާ އާއި އަންހެން މީހާ ކޯޓުގައި ނިންމާ ނިންމުމެވެ. އެއީ ތިޔަ ދެ މީހުންނަށް އެކަމުގައި ޞުލްޙައަކަށް ނާދެވިއްޖެ ހިނދުގައެވެ.
(ކޮންމެ ގޮތެއްގައި ވެސް) ދަންނަން ޖެހެނީ، މިއީ ބާޠިލް ކައިވެންޏެއް ކަމެވެ. ސަބަބަކީ އެއީ ޢިއްދައިގައި އިން އަންހެނެކެވެ. ނުވަތަ އެއީ މީހެއްގެ ދަރިއަކަށް މާބަނޑުވެފައިވާ އަންހެނެކެވެ. ކައިވެންޏަކީ ބާޠިލް ކައިވެންޏެކެވެ.
ދެންފަހެ، ޒިނޭ ކުރުމާއި މެދު، އެ އަންހެން މީހާ އެކަމަށް އެދި ބޭނުންވެގެން ނުވަތަ މަޖުބޫރުން ޒިނޭ ކޮށްފައިވޭތޯ ނުވަތަ އެ އަންހެނާ މާބަނޑުވި ސަބަބަކީ ކޮބައިތޯ؟ މިކަމުގައި އޮތީ ކޯޓުން ނިޔާ ކަނޑައެޅުމެވެ. އަދި ކޯޓުން އެކަމަށް ބަސް ބުނުމުން ފުދޭނެއެވެ. އެއީ، އަންހެނުން މާބަނޑުވި ސަބަބާއި އަދި ތިބާއާ އަންހެން މީހާއާ ދެމެދު އޮތް ޙައްޤުތަކުގެ މައްޗަށެވެ” (ބަސްތައް ނަގާފައިވަނީ: فناوى نور على الدرب ج 3 ص 1564).
ޝެއިޚްގެ ބަސްފުޅުގައި ބަޔާން ކޮށްފައިވާ ފަދައިން ކައިވެންޏަކީ ބާޠިލް ކައިވެންޏެކެވެ. ސަބަބަކީ ދަރިއެއް ބަނޑުގައިވާ އަންހެނަކާ ކައިވެނި ކުރުން، އިސްލާމް ދީން މަނާ ކުރާތީއެވެ. ފަހެ، އެފަދަ އަންހެނަކާ ކައިވެނި ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟
އަދިވެސް މިތަނުގައި މަދީނާގެ މަސްޖިދުލް ނަބަވީގައި މިހާރު ވެސް ކިޔަވައި ދެއްވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ أ.د. سُلَيمان الرحيلي -حفظه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.
ސުވާލު: ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށިއެވެ. ފިރިހެނަކު އަންހެނަކާއި ޒިނޭކޮށް، އެ ޒިނޭގެ މައްޗަށް ބަނޑުބޮޑު ވިއެވެ. އަދި އެއަށްފަހު އެ އަންހެން މީހާއާ ކައިވެނި ކުރިއެވެ. މި ކައިވެނީގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަދި އެ ވިހާ ކުއްޖާގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: ފިރިހެނަކު އަންހެނަކާ ޒިނޭ ކުރީއެވެ. والعِيَاذ بالله އަދި އެ ޒިނޭގެ މައްޗަށް ބަނޑު ބޮޑުވީއެވެ. އަދި އެ އަންހެން މީހާއާ ކައިވެނި ކުރީއެވެ. މިކައިވެނީގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖުމްހޫރުން ދެކެވަޑައިގަންނަވާ ގޮތުގައި އަދި އަހަރެން ދެކެނީ އެއީ މިކަމުގައި ޞައްޙަ ގޮތެވެ. މި ކައިވެންޏަކީ ހުއްދަ ކައިވެންޏެއް ނޫނެވެ. އަދި ޞައްޙަ ވެސް ނުވާނެއެވެ. ސަބަބަކީ ޝަރީޢަތުގައިވާ ދަލީލުތަކުގެ މައްޗަށް ބަޔާން ވެގެންވަނީ މާބަނޑު އަންހެނަކާ ކުރެވޭ ކައިވެންޏަކީ ޞައްޙަ ކައިވެންޏެއް ނޫނެވެ.
މި އަންހެން މީހާއަކީ މާބަނޑު އަންހެނެކެވެ. މި އަންހެން މީހާއާ ކައިވެންޏެއް ޞައްޙައެއް ނުވާނެއެވެ. އެ ފިރިހެނާ، އެ އަންހެން މީހާއާ ކައިވެނި ކުރަން ބޭނުންނަމަ، އެ އަންހެން މީހާ ވިހަންދެން ދޫކުރަން ޖެހޭނެއެވެ. އަދި ވިހެއުމަށްފަހު ކައިވެނި ކުރާނީއެވެ.
އަހަރެމެންގެ ބައެއް ފިޤުހުވެރިން ދެކެވަޑައިގެންފައިވާ ގޮތުގައި އަންހެން މީހާގެ ބަނޑުގައިވަނީ ކާވެނިކުރި ފިރިހެނާގެ ދަރިއެއްކަން ޔަޤީންވާނަމަ، އެ ކައިވެންޏަކީ ޞައްޙަ ކައިވެންޏެކެވެ. އަދި އެ ދަރި އޭނާއަށް ނިޞްބަތް ކުރާނީއެވެ.
އެހެނަސް والله أعلم ޝަރީޢަތުގެ ޤަވާޢިދުތަކުން އެނގި ބަޔާން ވެގެންވަނީ މި ކައިވެނި ހުއްދައެއް ނުވާނެއެވެ. އަދި ޞައްޙައެއްވެސް ނުވާނެއެވެ. އަދި ދަރި (ޒިނޭ ކުރި މީހާއަށް) ނިޞްބަތް ނުކުރެވޭނެއެވެ. ސަބަބަކީ ނަބިއްޔާ ﷺ ވަނީ، ޝައްކެތް ނުވާ ސާފު ޙުކުމެއް ކަނޑަ އަޅުއްވާފައިއެވެ. ޙަދީޘް ކުރެއްވިއެވެ. (الوَلد للفِرَاش و للعَاهر الحجر) “ދަރި ނިޞްބަތްވާނީ ކައިވެނީގެ ތަންމައްޗަށެވެ. އަދި ޒިނޭކުރި މީހާއަށް އޮތީ ހިލައެވެ”. މީގެ މާނައަކީ، ބައްޕައަށް ނިޞްބަތް ކުރާ ދަރިންނަކީ ކައިވެންޏެއްގެ މަތީގައި ލިބޭ ދަރިންނެވެ. للفِرَاش މާނައަކީ އެއީއެވެ. للعَاهر الحجر މާނައަކީ ޒިނޭ ކުރި އަންހެނާއަށް އޮތީ ހިލައެވެ. މި ދަރިއަށް، ޒިނޭ ކޮށްގެން ލިބޭ ދަރިންނަށް ނަޞަބެއް ޘާބިތެއް ނުވާނެއެވެ.
އެހެންވުމުން އަހަރެމެން ބުނަމެވެ. އެ އަންހެން މީހާއާ ކައިވެނި ކުރުން ހުއްދައެއް ނުވާނެއެވެ. އަދި ކައިވެނި ޞައްޙަ ވެސް ނުވާނެއެވެ. އަދި ޒިނޭ ކުރި މީހާއަށް އެ ދަރި ނިޞްބަތްކޮށްގެން ނުވާނެއެވެ. އެ އަންހެން މީހާއާ ކައިވެނި ކުރަން ބޭނުންނަމަ، އަންހެން މީހާ ވިހެއުމަށްފަހު ކައިވެނި ކުރާނީއެވެ”.
އަޚާއެވެ! މި މައްސަލަ ޙުއްޖަތާއި ދަލީލުން ވަރަށް ސާފެވެ. ﷲ އެންމެހައި ކަންތައްތަކެއް މޮޅަށް ދެނެވޮޑި ގަންނަވައެވެ. ނުބައި ޢަމަލަކަށް އަރައިގަނެ އަދި އެ ނުބައި ޢަމަލު ފޮރުވުމަށް ޝައިޠާނާ މަސައްކަތްކޮށް އެ ގޮތުގައިވީއެވެ. އޭގެ ނަތީޖާއަކީ އިތުރު ފާފަތަކާއި ﷲ ނުރުއްސަވާ ޢަމަލުގެ ތެރެއަށް ދިއުމެވެ. ހުއްދަނޫން ޙާލުގައިވާ އަންހެނަކާއި “ކައިވެނި” ކުރުމެވެ. ޒިނޭގެ ދަރި އޭނާގެ ދަރިއެއް ކަމުގައި ހެދުމެވެ. އަދި ފާފައިގެ މަތީގައި ތިމާގެ ނަފްސު ބަހައްޓައި ރެއާއި ދުވާލުގެ އެކަމާމެދު ވިސްނުމާއި، އެކިއެކި ޚިޔާލާއި ހާސްކަމުގެ ތެރޭގައި ނަފްސު ބެހެއްޓުމެވެ.
އަޚާއެވެ! މިއީ އެހިނދު އެމީހެއްގެ ޙާލަތު ހުންނާނެ ގޮތެވެ. ވީމާ، އެކަން ކުރެވިފައިވާ ފަރާތަށް މާޒީވެ ދިޔަ ކަންތައްތަކުގެ މައްޗަށް ﷲއަށް ތަޥްބާވުމަށް އަވަސްވެގަތުން ހުއްޓެވެ. ތަޥްބާވުމުގެ ޝަރުތުތައް ފުރިހަމަކޮށް ތަޥްބާވެއްޖެ މީހާގެ ކިބައިން ﷲ ތަޥްބާ ޤަބޫލުވެ ވޮޑިގަންނަވާނެއެވެ. އަދި އެ ކައިވެނިން ނިކުމެ، އެ ބާޠިލް ޢަމަލުން ދުރުވާށެވެ. ފަހެ، މިއީ ދެ ދުނިޔޭގައި ހެޔޮ ޙާލަތަށް ދިއުމަށް އޮތް މަގެވެ. ﷲ ތަޢާލާ އެ ފަރާތަށް ހެޔޮމަގަށް މަގު ދައްކަވައި އެ މަގުގައި ދެމިހުރުމުގެ ތަޥްފީޤު ދެއްވުމަށް އެދި ދުޢާ ކުރަމެވެ.