ހުކުރު ދުވަހުގައި ފަރުޟު ނުވަތަ ސުންނަތް ރޯދަ ހިފުމަކީ ހުއްދަ ކަމެއް ތޯ؟
ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)
ހުކުރު ދުވަހުގައި ރޯދައަށް ހުރުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ހުކުރު ދުވަހު ރޯދައަށް ހުރުމުގައި ތަފާތު ގޮތްތަކެއް ނުވަތަ ތަފާތު ސިފަތަކެއް ވެއެވެ. މި ސިފަތައް ބަޔާން ކުރައްވާ މަދީނާގައި ތިއްބެވި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަހަރެމެންގެ ޝެއިޚް ޑރ. عَرَفَات بن حَسَن المحمدي – حفظه الله- ވިދާޅުވެފައިވާ ތަފްޞީލީ ބަސްފުޅެއް މިތަނުގައި ބަޔާން ކުރަމެވެ. ޝެއިޚް ވިދާޅުވިއެވެ.
“ފުރަތަމަ ޙާލަތަކީ: ވާޖިބުވެގެންވާ ރޯދައެއް ނުވަތަ ކައްފާރާއެއްގެ ގޮތުގައި ހިފަން ޖެހިފައިވާ ރޯދައެއް، ޤަޟާ ކުރާ ރޯދައެއް ހުކުރު ދުވަހުގައި ހިފުމެވެ. މިއީ ހުއްދަވެގެންވާ ކަމެއްކަމުގައި އެންމެހައި ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވައެވެ.
ދެވަނަ ޙާލަތަކީ: ހުކުރު ދުވަހުގައި ސުންނަތް ރޯދަ ހިފުމެވެ. މިޘާލަކަށް ހަނދުމަހުގެ 13، 14 ނުވަތަ 15 ވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ. ނުވަތަ ޢާޝޫރާ ދުވަސް، ޢަރަފާތް ދުވަސް ހުކުރު ދުވަހާ ދިމާވެ ހުކުރު ދުވަހުގައި ރޯދައަށް ހުރުމެވެ. މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ރޯދަހިފާ މީހާ ރޯދަ ހިފަނީ ހުކުރު ދުވަހަށް ވެގެން ނޫންކަމުގައިވުމެވެ.
ތިންވަނަ ޙާލަތަކީ: ހުކުރު ދުވަހުގެ ކުރިއަށް އެއް ދުވަސް ނުވަތަ ހުކުރު ދުވަހުގެ ފަހަށް އެއް ދުވަސް ރޯދަހިފުމެވެ. މިފަދައިން ރޯދަހިފުމުގައި ޙަދީޘް ވާރިދު ވެފައިވެއެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުން جُوَيرِية -وضي الله عنها- އަރިއަހަށް ހުކުރު ދުވަހު ވަޑައިގެންނެވިއެވެ. އެ ކަމަނާ ރޯދައަށް ހުންނެވުމުން ޙަދީޘް ކުރެއްވިއެވެ. “އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ.”
ވިދާޅުވިއެވެ. ނޫނެކެވެ. ޙަދީޘް ކުރެއްވިއެވެ. “މާދަމާ ރޯދައަށް ހުންނަން ތޯއެވެ؟” ވިދާޅުވިއެވެ. “ނޫނެކެވެ.” އެހިނދު ޙަދީޘް ކުރެއްވި އެވެ. “ރޯދަ ދޫކޮށްލާށެވެ.”
ނަބިއްޔާ ﷺ މިފަދައިން އެ ކަމަނާއަށް ހަދީޘް ކުރެވުމުގެ ޙިކުމަތަކީ ކޮބައި ހެއްޔެވެ؟
ސަބަބަކީ އެކަމަނާ ރޯދައަށް ހުންނެވީ ހުކުރު ދުވަސް ކަމުގައިވުމުން، އެ ދުވަހުގައި ރޯދައަށް ހުރުމުގެ ބޭނުމުގައިއެވެ. ޙަދީޘްއިން ބަޔާން ވެގެންދަނީ ބުރާސްފަތި އަދި ހުކުރު މި ދެ ދުވަހު ވިދިވިދިގެން ނުވަތަ ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުގައި ވިދިވިދިގެން ރޯދައަށް ހުންނަ މީހަކު ހުކުރު ދުވަހުގައި ރޯދައަށް ހުރުން ހުއްދަ ވެގެންވާކަމެވެ. މާނައަކީ ހުކުރު ދުވަހާއެކު ކުރިޔަށް ނުވަތަ ފަހަތަށް އެއް ދުވަހު ރޯދައަށް ހުރުމެވެ. މި ޢަމަލުގައި އެއްވެސް މައްސަލައެއް ނެތެވެ.
ހަތަރުވަނަ ޙާލަތަކީ: ހުކުރު ދުވަސް ކަމުގައިވުމުން، އެ ދުވަހުގައި ރޯދަ ހިފުމުގެ ބޭނުމުގައި ރޯދައަށް ހުރުމެވެ. މިއީ ނަހީ ކުރެވިފައިވާ ކަމެކެވެ. މިކަމުގެ ޙަދީޘަކީ جُوَيرِية އަރިހުން ވާރިދުވެގެންވާ ޙަދީޘެވެ”. ވީމާ، މި މައްސަލަ މިވަނީ އެއްވެސް ޝައްކެއް ނުވާ މިންވަރަށް ސާފުވެ އޮޅުން ފިލައިފައެވެ. (ޝެއިޚުގެ ބަސްފުޅު ނިމުނީއެވެ.)
އިތުރަށް ބުނަމެވެ. ޝައްވާލު މަހުގެ 6 ރޯދަ ހިފާ މީހަކު އޭނާގެ ރޯދަތައް، ޖެހިޖެހިގެން ހިފަމުންގޮސް ހުކުރު ދުވަހެއް ދިމާވެ ހުކުރު ދުވަހުގައި ރޯދަ ހިފުން އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ އޭނާއަށް އެފަދައިން މަނާ ކުރާނެ އެއްވެސް ދަލީލެއް ވާރިދުވެގެން ނުވުމުންނެވެ.
ހަމައެހެންމެ، ހުކުރު ދުވަހަކީ ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދައެއް ހިފުމަށް ޤަސްތުކޮށް ރޯދަ ހިފާ ދުވަހެއް ކަމުގައި ވެދާނެއެވެ. މިފަދަ މީހާގެ މައްޗަށް ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الشيخ العلامة ابن بَاز -رحمه الله- ވިދާޅުވެފައި ވެއެވެ.
ސުވާލު: ފަރުޟު ރޯދައެއް ޤަޟާކުރުމަށް ހުކުރު ދުވަހުގައި ރޯދައަށް ހުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެ ޙާލަތުގައި އޭގެ ކުރިއަށް ނުވަތަ ފަހަށް އެއް ދުވަސް ރޯދައަށް ހުންނަން ޖެހޭނެ ހެއްޔެވެ؟
ޖަވާބު : ”ސުންނަތް ރޯދައެއް ހިފާކަމުގައި ވެއްޖެހިނދު، ކޮންމެހެންވެސް އޭގެ ކުރިން ނުވަތަ ފަހުން އެއް ދުވަހު ރޯދައަށް ހުންނަން ޖެހޭނެއެވެ. ސަބަބަކީ ރަސޫލާ ﷺ ވަނީ ހުކުރު ދުވަހުގައި ރޯދައަށް ހުރުން ނަޙީ ކުރައްވާފައިއެވެ. ޙަދީޘް ކުރެއްވިއެވެ. (إلا أن تصوم يوما قبله أو يوما بعده) އޭގެ ކުރިން ނުވަތަ އޭގެ ފަހުން އެއް ދުވަހު ރޯދައަށް ހުންނަ ކަމުގައި ވާނަމައެވެ. … ނަމަވެސް އެއީ ފަރުޟު ރޯދައެއް ކަމުގައި ވެއްޖެހިނދު، إن شاء الله އެކަމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ ހުކުރު ދުވަސް ޚާއްޞަ ކޮށްފައި ނުވުމެވެ. އެހެނަސް ރޯދައަށް ހުންނަ ދުވަހާ ދިމާވީއެވެ. އަދި އެއީ އަރާމުކުރާ ވަޒީފާއަށް ނުދާ ދުވަސް ކަމުގައި ވާތީ ނުވަތަ އެހެނިހެން އެހެން ސަބަބެއް މެދުވެރިވެ، ރަމަޟާން މަހު ގެއްލިފައިވާ ރޯދައެއް ޤަޟާކުރުމަށް އެ ދުވަހުގައި ރޯދައަށް ހުރީ އެވެ….“