ވުޟޫ މަތީގައި ހުރި މީހަކު ކެއުމާއި ބުއިމަށްފަހު، އެ ވުޟޫއިން ނަމާދު ކުރުން ޞައްޙަވާނެ ހެއްޔެވެ؟

ވުޟޫ މަތީގައި ހުރި މީހަކު ކެއުމާއި ބުއިމަށްފަހު، އެ ވުޟޫއިން ނަމާދު ކުރުން ޞައްޙަވާނެ ހެއްޔެވެ؟

ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)

ވުޟޫ މަތީގައި ހުރެ، ކެއުމާއި ބުއިމަށްފަހު ނަމާދު ކުރުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފަހެ ދެނެގަތުން ހުއްޓެވެ! ވުޟޫ ކޮށްފި މީހާގެ ވުޟޫ ގެއްލޭނީ ޝަރުޢީ ދަލީލުންނެވެ. ޔަޢުނީ، ޝަރީޢަތުގައި ވުޟޫ ގެއްލޭނެ ކަމެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް ކުރުމުންނެވެ. އެގޮތުން (ޢިލްމުވެރިން ޚިލާފުވެފައިވާ ކަންތައްތަކާއެކު) ވުޟޫ ގެއްލޭ ކަންތައްތަކަކީ އަށެކެވެ. އެއީ:

  1. ދެދޮރުންކުރެ ދޮރަކުން އެއްޗެއްބޭރުވުން،
  2. ގިނަމިންވަރަށް ހަށިގަނޑުން ލޭބޭރުވުން،
  3. ބުއްދިފިލައިދިއުން،
  4. ޝަހުވަތާއެކު އަންހެނެއްގެ ގައިގައި ބީހުން،
  5. ފުރަގަސްފަރާތުގައި ނުވަތަ ކުރިމަތިފަރާތުގައި އަތުންބީހުން،
  6. ޖަމަލުމަސް ކެއުން،
  7. މައްޔިތަކު ހިނެވުން،
  8. އިސްލާމް ދީނުން ބޭރުވުން މިކަންތަކެވެ.

އިސްވެ ބަޔާން ކުރިގޮތަށް ވުޟޫ ގެއްލޭ ބައެއް ކަންތައްތަކުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ.

އެއަށްފަހުގައި ބުނަމެވެ. ސުވާލުގައި ބުނެފައިވާ ކައިބޮއި ހެދުމުގެ މާނައަކީ ޢާންމުކޮށް އަހަރެމެން ކައިބޮއި ހަދާގޮތަށް ކަމުގައި ވާނަމަ، އެއީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. އޭނާ ކައިފައިވަނީ ޖަމަލު މަސް ނޫން އެއްޗެއް ކަމުގައި ވެއްޖެހިނދު، ކެއުމާއި ބުއިމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ. އެ ވުޟޫގައި ނަމާދު ކުރުމާއި އެހެނިހެން އަޅުކަން ކުރުމުގެ އެއްވެސް މައްސަލައެއް ނެތެވެ.