ޢުޛުވެރި ޙާލަތެއް ދިމާވެ، ފުރަތަމަ ރަމަޟާން މަހުގެ ރޯދަ ނުހިފި ހުއްޓާ ދެވަނަ ރަމަޟާން މަސް ބައްދަލު ކުރުމުން، ނުހިފި ހުރި، ރޯދަ ގަޟާކުރުމުގައި ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟

ޢުޛުވެރި ޙާލަތެއް ދިމާވެ، ފުރަތަމަ ރަމަޟާން މަހުގެ ރޯދަ ނުހިފި ހުއްޓާ ދެވަނަ ރަމަޟާން މަސް ބައްދަލު ކުރުމުން، ނުހިފި ހުރި، ރޯދަ ގަޟާކުރުމުގައި ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟

 

ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)

ރޯދައާ މެދުގައި ކޮށްފައި ސުވާލަށް ޖަވާބުގައި ބުނަމެވެ. ރޯދަ ނުހިފައި ލަސް ކުރުމުގައި ވަނީ 2 ޙާލަތެކެވެ.

ފުރަތަމަ ޙާލަތަކީ: އެމީހާގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ ސަބަބުން، ރޯދަތައް ނުހިފައި ލަސް ކުރުމެވެ. ފަހެ މި ބައިގެ ތެރެއަށް ސުވާލުގައި ބުނެފައިވާ ޙާލަތު ނުވަންނާތީ، މިކަމުގެ ތަފްޞީލަށް ނުގޮސް ދެވަނަ ޙާލަތް ޛިކުރު ކުރަމެވެ.

ދެވަނަ ޙާލަތަކީ: ޢުޛުވެރި ޙާލަތެއް ދިމާވެ ފުރަތަމަ ރަމަޟާން މަހުގެ ރޯދަ ނުހިފި ހުއްޓާ ދެވަނަ ރަމަޟާން މަސް ބައްދަލު ކުރީއެވެ. މިޘާލަކަށް ފުރަތަމަ ރަމަޟާން މަހުގައި ބަލިވެއިނުމުގެ ސަބަބުން ބަލިޙާލަތު މެދުވެރިވެ ރޯދަ ނުހިފުނީއެވެ. އަނެއް ރަމަޟާން މަސް ކުރިމަތިވިއިރު، ކިރު ދިނުމުގެ ސަބަބުން ދިމާވި ޙާލަތާއި ގުޅިގެން އެ ރަމަޟާންމަހުގެ ރޯދަ ނުހިފި ހުއްޓާ ދެވަނަ ރަމަޟާން މަހެއް ބައްދަލު ކުރުމެވެ. ނުވަތަ އެ ޙާލަތުން އަރައިގަނެވޭނެ ފަދަ ބައްޔެއް ދިމާވެފައި ވުމެވެ. މިޙާލަތުގައި، ބަލިން ސަލާމަތް ވުމުން ގެއްލިފައިވާ ރޯދަތައް ޤަޟާ ކުރާނީ އެވެ. އެއްވެސް އިތުރު ޙުކުމެއް ނުވެއެވެ. އެކަމުގެ ދަލީލަކީ މިއެވެ. (فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَر) “ތިޔަބައިމީހުންގެ ތެރޭގައި ބަލި ޙާލުގައިވާ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، އެހެން ދުވަސްތަކުން އޭނާ ދޫކުރި ރޯދައިގެ ޢަދަދަށް ރޯދަ ހިފުން ހުއްޓެވެ”.

އިތުރު މަޢުލޫމާތުގެ ގޮތުގައި ބުނަމެވެ. އެ ދިމާވި ބައްޔަކީ އެ ބަލިން ޝިފާ ލިބޭނެ ބައްޔެއް ނޫން ކަމަށް، ޑަކްޓަރުން އެފަދައިން ލަފާ ދީފައިވާ ބައްޔެކެވެ. މާނައަކީ ދުނިޔޭގައި ހުރި ދުވަސްތަކުގައި ރޯދަ ހިފުމުގެ ކުޅަދާނަކަމެއް ނުލިބޭނެއެވެ. ފަހެ، މި ޙާލަތުގައި އޮތީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ. އެއީ ހަނޑުލުން ބަލާނަމަ، 1.5 ކިލޯ ހަނޑޫ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ.