ފިރިހެނަކު އޭނާގެ އަނބިމީހާ ނުވަތަ އެހެންވެސް އަންހެނެއްގެ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެ ތޯ؟

ފިރިހެނަކު އޭނާގެ އަނބިމީހާ ނުވަތަ އެހެންވެސް އަންހެނެއްގެ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެ ތޯ؟

 

 

ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)

އަންހެނެއްގެ ހަށިގަނޑުގައި ބީހުމުން ވުޟޫ ގެއްލުމާމެދު ޢިލްމުވެރިން 3 ޤައުލެއް ވިދާޅުވެފައިވެއެވެ.

ފުރަތަމަ ޤައުލު: ކޮންމެ ޙާލެއްގައި ބީހުނު ކަމުގައި ވީނަމަވެސް ވުޟޫ ގެއްލޭނެކަމެވެ.

ޝަހުވަތާއެކު ނުވަތަ ޝަހުވަތެއް ނެތި، ޤަޞްދު ކޮށްގެން ނުވަތަ ޤަޞްދެއް ނެތި ނުވަތަ ނޭނގި ބީހުނު ކަމުގައި ވީނަމަވެސްއެވެ. ފަހެ، މި ޤައުލަކީ الشافعي -رحمه الله- ގެ މަޛްހަބުގެ ބަސްފުޅެވެ. މިޤައުލު މި މަޛްހަބުގައި ވުމުން، މި ފަދައިން އަންހެނާގެ ހަށިގަނޑުގައި ބީހުމުން، ވުޟޫ ގެެއްލޭ ކަމެއްގެ ގޮތުގައި އަހަރެމެންގެ ގިނަ ބަޔަކު ބަލައިގެންފައި ވެއެވެ. ފަހެ، މިއީ މި މައްސަލައިގައި ބަޔާން ކޮށްފައިވާ ޤައުލުތަކުގެ ތެރެއިން ޙުއްޖަތާއި ދަލީލުގައި އެންމެ ބަލިކަށި ޤައުލުކަމުގައި ވެސް ވެއެވެ.

މި މައްސަލައިގައި އިމާމް الشافعي މިފަދައިން ވިދާޅުވެފައިވާ ސަބަބަކީ ބައެއް ދަލީލުތަކުގައި ބީހުމުގެ މާނަ ދޭހަ ވެފައިވާތީއެވެ. އޭގެ ތެރޭގައި ﷲ ގެ ވަޙީ ބަސްފުޅެވެ. ( أَوْ لاَمَسْتُمُ النِّسَاء ) “ނުވަތަ ތިޔަބައިމީހުން އަންހެނުންގެ ހަށިގަނޑުގައި ބީހިއްޖެ ކަމުގައިވާނަމައެވެ”. ފަހެ މި އާޔަތުގެ ޟާހިރު މާނައަކީ ބީހުން ކަމުގައި ވުމުން، އެ މާނައިގެ މައްޗަށް ވިދާޅުވެފައިވެއެވެ. އެހެނަސް ބީހުމުގެ މުރާދަކީ ކޮބައިކަން ތަފްސީރުން ބަލައިލުމުން އެއީ ހަމައެކަނި މުޖައްރަދު ބީހުން ނޫން ކަން ކަށަވަރުވާ މިންވަރަށް ބަޔާންވެއެވެ.

ދެވަނަ ޤައުލަކީ: أبي حنيفة -رحمه الله- ނުވަތަ ޙަނަފީ މަޛްހަބުގެ ބަސްފުޅެވެ. އެއީ ކޮންމެ ގޮތަކަށް ބީހުނު ކަމުގައި ވިޔަސް ވުޟޫ ނުގެއްލޭނެ ކަމަށް ބުނެފައިވާ ޤައުލެވެ. ޝަހުވަތާ އެއްކޮށް ނުވަތަ ޝަހުވަތާ ނުލައި ކަމުގައި ވިޔަސްމެއެވެ. އެހެނަސް ވުޟޫ ގެއްލޭނީ އޭގެ ސަބަބުން ކުރިމަތި ފަރާތުން މަޛްޔު ފަދަ އެއްޗެއް ބޭރުވެއްޖެ ހިނދުގައެވެ. ބީހުމަކީ އޭގެ ޛާތުގައި ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ.

މިކަން ބަޔާންކޮށް ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައި، ނަބިއްޔާ ގެ އަނބިކަނބަލުން ނަބިއްޔާގެ ހަށިކޮޅުގައި ބީހިފައިވާ ދަލީލުތައް ހިމެނެއެވެ. އޭގެ ތެރޭގައި البخاري 382 ގައި ރިވާކޮށްފައިވާ ރިވާޔަތެވެ. عائشة رضي الله عنها ވިދާޅުވެފައިވެއެވެ. “ތިމަން ކަމަނާ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަމާދު ކުރައްވަން ހުންނަވާހިނދު ކުރިފުޅުމަތީގައި ދެފައިންޕުޅު ކުރިމައްޗަށް ބާއްވައިގެން އަވަހާރަފުޅު ލައްޕަވަމެވެ. ފަހެ، ނަބިއްޔާ ސަޖިދައަށް ދާހިނދު ތިމަން ކަމަނާގެ ފައިންޕުޅު އެއްފަރާތް ކުރައްވައެވެ. އަދި ތިމަން ކަމަނާ ފައިންޕުޅު ކައިރި ކުރައްވަމެވެ. އަދި ސަޖިދަ ކުރައްވާ ތެދުވެވަޑައި ގެންނެވުމުން ދެފައިންޕުޅު (އަނެއްކާވެސް) ސީދާކުރައްވަމެވެ”. އަންހެނުން ހަށިގަނޑުގައި ބީހުން އެއީ ވުޟޫ ގެއްލޭ ކަމެއް ކަމުގައިވާނަމަ، ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެފަދައިން ޢަމަލު ނުކުރެއްވީހެވެ. އަދި މިނޫން ވެސް ދަލީލުތައް މި ބަސްފުޅުގެ މައްޗަށް ބަޔާން ކޮށްފައިވެއެވެ.

ތިންވަނަ ޤައުލު: އެއީ ތަފްޞީލުކޮށް ބަޔާންވެގެންވާ ޤައުލެވެ. އަންހެނުންގެ ހަށިގަނޑުގައި ޝަހުވަތާއެކު ބީހިއްޖެހިނދު ވުޟޫ ގެއްލޭނެ ކަމެވެ. އަދި ޝަހުވަތެއް ނެތި ބީހުމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ. މިއީ المالكية މަޛްހަބު އަދި الحنابلة ގެ ޤައުލެވެ. ފަހެ، މި މަޛްހަބުގެ އަހުލުވެރިން ދަލީލު ޖަމަޢަ ކުރެއްވުމުގައި ވިއެވެ. (أَوْ لاَمَسْتُمُ النِّسَاء ) “ނުވަތަ ތިޔަ ބައިމީހުން އަންހެނުންގެ ހަށިގަނޑުގައި ބީހިއްޖެ ކަމުގައި ވާނަމެއެވެ”. މިއާޔަތުގައިވާ ބީހުމުގެ މުރާދަކީ ޖިމާޢު ވުމެވެ. ޔަޢުނީ ތިޔަބައިމީހުންގެ އަނބިންނާއި ޖިމާޢު ވެއްޖެހިނދުއެވެ. މިފަދައިން ޞަޙާބީ عبد الله بن عباس رضي الله عنهما ތަފްސީރު ކުރައްވާފައި ވެއެވެ. މާނައީ؛ ޝަހުވަތުގައި ހުރެ ބީހެއްޖެ ކަމުގައިވާނަމަ، ވުޟޫ ގެއްލޭނެއެވެ.

މި އެންމެހައި ޤައުލުތަކުން ބަޔާންވާ ޞައްޙަ ޤައުލަކީ އަންހެނެއްގެ ހަށިގަނޑުގައި ބީހުމަކީ ވުޟޫ ގެއްލޭނެ ކަމެއް ނޫން ކަމެވެ. ޝަހުވަތާއެކު ނުވަތަ ޝަހުވަތެއް ނެތި ބީހުނު ކަމުގައި ވީނަމަވެސް މެއެވެ. ބީހުމުން ވުޟޫ ގެއްލޭނެ ޙާލަތްތަކަކީ، ކުރިމަތި ފަރާތުގައި ބީހިއްޖެ ހިނދުގައެވެ. ނުވަތަ ބީހުމާއި ގުޅިގެން މަޛްޔު ނުވަތަ އެއްޗެއް ފައިބައިފި ހިނދުގައެވެ. އެހެނަސް މުޖައްރަދު ބީހުމަކީ ވުޟޫ ގެއްލޭނެ ސަބަބެއް ކަމުގައި ނުވެއެވެ. ސަބަބަކީ އެކަމަށް ދަލީލެއް ނެތުމެވެ. އަދި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވުޟޫމަތީގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ހަށިކޮޅުގައި އަނބިކަނބަލުން ބީހިވަޑައިގެންނެވި ކަމުގައި ވީނަމަވެސް، އަލުން ވުޟޫ ނުކުރައްވާކަން ވާރިދުވެފައި ވުމުންނެވެ. އެކަން އަންނަނިވި ހަދީޘުން ސާބިތުވެއެވެ. (أن النبي ﷺ قبل بعض نسائه ثمم صلى ولم يتوضأ) “ހަމަކަށަވަރުން ނަބިއްޔާ ބައެއް އަނބިކަނބަލުންނަށް ބޮސް ދެއްވުމަށްފަހު (ނަމާދަށް ނުކުމެވަޑައިގަންނަވަ) އެވެ. އެއަށް ފަހު ވޫޟޫއެއް ނުކުރައްވައެވެ”.

ފަހެ މި ޤައުލަކީ شيخ الإسلام ابن تيمية 12/222 އިޚްތިޔާރު ކޮށްފައިވާ ޤައުލެވެ. އަދި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ابن باز 10/134 އަދި ابن عثيمين 1/286 -رحمهم الله- މިފަދައިން ވިދާޅުވެފައިވެއެވެ. އަދި މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ اللجنة الدائمة 5/266 ބަޔާން ކުރައްވާފައިވެއެވެ. ފަހެ، މައްސަލަ ސާފުވެ އޮޅުންފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.