އަންހެނުން ނޭފަތް ތޮރުފުމުގެ ޙުކުމަކީ ކޮބައިތޯ؟

anhenun neyfai thorufumuge hukum

އަންހެނުން ނޭފަތް ތޮރުފުމުގެ ޙުކުމަކީ ކޮބައިތޯ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޝެއިޚް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله ދެއްވަވާފައިވާ ޖަވާބެއް :

އަންހެނުން ނޭފަތް ތޮރުފުމާއި މެދުގައި ފަހުގެ ދުވަސްތަކުގައި އުއްމަށް ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިޔާ الإمام العلامة اين العُثَيمِين -رحمه الله- ފަތުވާ ދެއްވާފައި އަދި މައްސަލަ ތަފްޞީލުކޮށްދެއްވާފައިވެއެވެ.

އެ ފަތުވާ މިތަނުގައި ޛިކުރު ކުރަމެވެ.

ސުވާލު : ޒީނަތްތެރި ވުމުގެ މަޤްޞަދުގައި އަންހެން ދަރިފުޅުގެ ކަންފަތް ނުވަތަ ނޭފަތް ތޮރުފުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު : ކަންފަތް ތޮރުފުމުގެ ޞައްޙަ ގޮތަކީ އެކަމުގައި މައްސަލައެއް ނެތުމެވެ. ސަބަބަކީ އެއީ ޒީނަތްތެރިވުމަށް ޤަސްދުކޮށް ގަހަނާ ބޭނުންކުރުމުގެ ވަޞީލަތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ހަމަކަށަވަރުން ޞަޙާބީންގެ އަނބިއަނބިކަނބަލުންގެ ކަންފަތުގައި ގަހަނާ (ޒީނަތްތެރިވުމަށް ކަންފަތުގައި އެލުވާފައި ހުންނަ އެކިއެކި ސިފަތަކުގެ ގަހަނާ) ބޭނުންކޮށްފައިވާކަން ޘާބިތުވެގެންވެއެވެ. އަދި ކަންފަތް ތޮރުފުމުގައި ހަށިގަނޑަށް އަޅާ ވޭނަކީ ވަރަށްވެސް ކުޑަ، އާދައިގެ ވޭނެކެވެ. އަދި ޅަފަތުގައި ކަންފަތް ތޮރުފައިފިނަމަ، ފަސޭހަވުން ވަރަށް އަވަސްވެދެވެ.

އެހެނަސް ނޭފަތް ތޮރުފުމާއި ބެހޭގޮތުން : އަހަރެންނަށް ޢިލްމުގެ އަހުލުވެރިންގެ ކިބައިން މިކަމަށް އެއްވެސް ބަސްފުޅެއް ވިދާޅުވެފައިވާކަން ހަނދާނެއް ނުވެއެވެ. އެހެނަސް އަހަރެން ދެކޭ ގޮތުގައި (ނޭފަތް ތޮރުފުމަކީ) އެއިން ގުނަވަން ޢަޢިބުވެ، ޚަލްޤު ކުރެވިފައިވާ ސިފައަށް އުނިކަން ލިބިފައި ހުންނަ ކަމެއް ގޮތުގައެވެ. އަދި ފަހަރެއްގައި އަހަރެމެން ނޫން އެހެން ފަރާތްތައް (އެހެން ޢިލްމުވެރިން) މިގޮތުގައި ދެކިވަޑައި ނުގަންނަވާފާނެއެވެ. ފަހެ، އަންހެނާ އުޅޭ މުޖުތަމަޢު އަކީ ޒީނަތްތެރި ވުމުގެ ގޮތުން ނޭފަތުގައި ގަހަނާ ބޭނުންކުރާ މުޖުތަމަޢެއް ކަމުގައި ވާނަމަ ނޭފަތް ތޮރުފައި، ގަހަނާ އެޅުން މައްސަލައެއް ނެތެވެ. فتاوى المرأة المسلمة 2- 737

ވުމުން، ޝެއިޚްގެ ފަތުވާގައި ބަޔާން ކޮށްފައިވާ ފަދައިން، ކަންފަތުގައި ގަހަނާ އެޅުން އެއީ ހުއްދަވެގެންވާކަމެއް ކަމުގައި ބަޔާންވެއެވެ.

އެއްވެސް ދަލީލެއް ކަންފަތުގައި ގަހަނާ އެޅުމާއި ބެހޭގޮތުން އައިސްފައި ނުވެއެވެ.

ކަންފަތް ތޮރުފުމަކީ އެ ގުނަވަން ޢައިބުވެގެންދާނެ ޢަމަލެއް ގޮތުގައި ވުމެވެ. ﷲ ތަޢާލާ ޚަލްޤު ކުރައްވާފައިވާ ސިފައަށް ބަދަލު އަންނަ ޢަމަލެއްގެ ގޮތުގައިވެއެވެ.

މުސްލިމުން ތެރޭގައި ޢާދަވެ، އެންމެ ކުރީއްސުރެން ފަށައިގެން ގަހަނާ އެޅުވޭ ތަނެއް ކަމުގައި ކަންފަތްވެއެވެ. އެހެނަސް ނޭފަތެއް ނުވެއެވެ.

ފަހެ، ނޭފަތުގައި ގަހަނާ އަޅާ ފަރާތްތަކެއް ކަމުގައިވަނީ، ކާފަރުން ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެއީ އިސްލާމް ދީނާއި ޚިލާފް ދީންތަކުގެ އަހުލުވެރިންގެ ފަރާތުން ފާޅުވެގެންވާ ޢަމަލެއް ކަމުގައިވެއެވެ. މިޘާލަކަށް ބުދުދީނާއި ހިންދޫންގެ ޢާދަކާދަ އެއް ކަމުގައިވުމެވެ. ފަހެ، އެބައިމީހުންގެ މި ޢާދަ މުސްލިމުން ނަގާފައިވުމެވެ.

ފަހެ، މި ނުކުތާއިންވެސް މި ޢަމަލުން މުސްލިމުން ދުރުވުން އޮތްކަން ބަޔާންވެއެވެ.

މުޖުތަމަޢު ތަކުގައި ނޭފަތުގައި ގަހަނާ އެޅުން އެއީ ޢާންމުވެ ޢާދަވެފައިވާ ތަނެއް ކަމުގައިވެއްޖެހިނދު ޢިލްމުވެރިން ހުއްދަކުރައްވައެވެ.

މި ސިފައަށް ބަލާލި ކަމުގައިވީނަމަވެސް ދިވެހި ރާއްޖޭގައި މިއީ ޢާންމުވެފައިވާ ޢާދައެއް ކަމުގައި ނުވެއެވެ. އޭގެ ބަދަލުގައި ވަރަށްވެސް ދީނާއި ދުރު، ދީނީ ޝިޢާރު ތަކާއި އަދި ދީނުގައި ލެވިފައިވާ ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ޢަމަލުން ދުރުވެގެންވާ ފަރާތްތަކުގެ ކިބައިން މެނުވީ މި ޢަމަލު ނުފެންނައެވެ.

ވުމުން، އަޚާއަށް، އުޚްތާއަށް ނަޞޭހަތްތެރިވަނީ މި ޢަމަލުން ދުރުވުމެވެ..والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.