އެއްވެސް މީހަކަށް އަނެކާގެ މައްޗަށް ބަދު ދުޢާ ކުރެވިދާނެތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަނިޔާ ލިބެމުންދާ މީހާއަށް އަނިޔާދޭ މީހާގެ މައްޗަށް ބަދު ދުޢާ ކުރުން ދީނުގައި ހުއްދަވެގެންވެއެވެ. އެކަމަށް އިޛުނަ ދެވިގެންވެއެވެ. އަދި އަނިޔާ ލިބެމުންދާ މީހާއަށް ނަޞްރުވެރި ވުމަށްޓަކައި ﷲ ތަޢާލާވަނީ އަނިޔާލިބެމުންދާ މީހާގެ ދުޢާ އިބާޖަ ކުރައްވާނެ ކަމުގައި ބަޔާން ކުރައްވާފައެވެ.
ނަބިއްޔާ – صلى الله عليه وسلم – ޙަދީޘް ކުރައްވާފައިވެއެވެ. (واتَّقِ دَعْوَةَ المَظْلُومِ، فإنَّ دَعْوَةَ المَظْلُومِ مُسْتَجَابَةٌ،) “އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ބިރުވެތިވާށެވެ. ފަހެ، ހަމަކަށަވަރުން އަނިޔާ ލިބިފައިވާ މީހާގެ ދުޢާ އިޖާބަވެގެންވެއެވެ.”
ފަހެ، ނުޙައްޤުން މީސްތަކުންނަށް އަނިޔާ ދިނުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ބޮޑުވެގެންވާ ފާފައެކެވެ. ﷲ ވަނީ މީސްތަކުންނަށް އަނިޔާވެރިވުން ޙަރާމް ކުރައްވައި އަދި އެކަން ބޮޑުވެގެންވާ ޢަމަލެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މީސްތަކުންނަށް އަނިޔާ ދިނުމާއި ގެއްލުން ދިނުން ﷲ ވަނީ ބޮޑުވެގެންވާ ޙަރާމް ކަމެއްގެ ގޮތުގައި ލައްވައި ޙަރާމް ކުރައްވާފައެވެ.
ޤުދުސީ ޙަދީޘްގައިވެއެވެ. (يا عبادي إنِّي حرَّمتُ الظُّلمَ على نفسي وجعلتُهُ بينَكم محرَّمًا فلا تظالموا) “ތިމަން ﷲގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ ވަނީ އަނިޔާވެރިކަން (އަނިޔާ ދިނުން، ގެއްލުން ދިނުން) ތިމަން އިލާހުގެ ނަފްސުފުޅުގެ މައްޗަށް ޙަރާމް ކުރައްވާފައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަން ޙަރާމް ކުރެއްވީމެވެ. ފަހެ، ތިޔަބައިމީހުން (އެކަކު އަނެކަކަށް) އަނިޔާވެރި ނުވާށެވެ.”
ޙައްޤަކާ ނުލައި މީސްތަކުންނަށް އަނިޔާވެރިވަމުންދާ މީހާ ދަންނައެވެ. އަނިޔާ ލިބެމުންދާ މީހާ، އޭނާގެ މައްޗަށް ދުޢާ ކޮށްފާނެ ކަމުގެ މައްޗަށް އޭނާ ބިރުވެތިވުން ހުއްޓެވެ. ފަހެ، އަނިޔާ ލިބެމުން ދަނީ ކާފަރަކަށް ކަމުގައިވީނަމަވެސް ﷲ އެ ކާފަރު މީހާގެ ދުޢާ އިޖާބަ ކުރައްވައެވެ. ފަހެ، އެހިނދު ބަޔާންވަނީ ﷲ ގެ ޙަޟުރަތުގައި އަނިޔާވެރިކަމުގެ ނުބައިކަން ބޮޑުވެގެންވާ ކަމެވެ.
العَلاَّمة محمد بِن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. ”ދުޢާ އިޖާބަ ކުރެވިގެންވާ 2 ބާވަތެއްގެ މީހުންވެއެވެ. ފުރަތަމައީ ދަތި އުނގަދޫ ޙާލު ޖެހިފައިވާ މީހާއެވެ. ދެވަނައީ އަނިޔާ ލިބިފައިވާ މީހާއެވެ.
ދެންފަހެ، ދަތި އުނދަގޫ ޙާލަތު ޖެހިފައިވާ މީހާގެ (ދުޢާ އިޖާބަވެވެނީ) ސަބަބަކީ، ﷲ ގެ ރަޙްމަތްވަނީ އެކަލާނގެ ކޯފާވޮޑިގެންނެވުމުގެ މައްޗަށް އިސްވެގެންނެވެ. އެހެންވުމުން، ދަތި ޙާލަތު ދިމާވެފައިވާ މީހާއަށް ރަޙުމު ކުރައްވައި އޭނާގެ ދުޢާ އިޖާބަ ކުރައްވައެވެ. ދެންފަހެ، އަނިޔާލިބިގެންވާ މީހާ : ފަހެ، ﷲ ތަޢާލާގެ ޢަދުލުވެރިވަންތަ ކަމުގެ ފުރިހަމަކަމީ، އަނިޔާވެރިޔާގެ މައްޗަށް އަނިޔާ ލިބިފައިވާ މީހާއަށް ނަޞްރުވެރި ވުމަށްޓަކައި އޭނާގެ ދުޢާ އިޖާބަ ކުރައްވައެވެ.“ تفسير سورة الأنعام (٢١٦/١)
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.