ކުއްތާ ގެންގުޅުމާއި އޭގައި އަތްލައި ހެދުން މުސްލިމަކަށް ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މުސްލިމަކު ކުއްތާއެއް ގެންގުޅުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ ދީނުގައި ޙަރާމްވެގެންވާ ޢަމަލެއް ކަމުގައި ކަނޑައެޅިފައިވެއެވެ. ޝަރީޢަތުގައި އިސްތިސްނާ ކުރެވިގެންވާ ޙާލަތްތައް ފިޔަވައެވެ. އެއީ ޝިކާރަ ކުރުމަށާއި، ކަންބަޅިބަކަރި (ނަޢަމްސޫފިތައް) ފާރަވެރިކަމުގައި އަދި ދަނޑުގޮވާންތައް (އެފަދަ ދަނޑުގޮވާންތައް) ބެލެހެއްޓުމުގެ ގޮތުން ފިޔަވައެވެ.
އިމާމް البخاري ޞަޙާބީ أبو هريرة -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ- ޙަދީޘް ކުރެއްވިއެވެ. “مَنْ أَمْسَكَ كَلْبًا فَإِنَّهُ يَنْقُصُ كُلَّ يَوْمٍ مِنْ عَمَلِهِ قِيرَاطٌ إِلا كَلْبَ حَرْثٍ أَوْ مَاشِيَةٍ”. މާނައީ، “ދަނޑުގޮވާންތައް ބެލެހެއްޓުމަށް ނުވަތަ ނަޢަމްސޫފިތަކުގެ ފާރަވެރިކަމުގައި ނޫންގޮތުގައި ކުއްތާއެއް ގެންގުޅޭ މީހާގެ ކިބައިން ކޮންމެ ދުވަހަކު ޤީރާތެއްގެ (އަޖުރާއި ޘަވާބު) ގެއްލިގެންދާނެއެވެ.”
އަދިވެސް އިމާމް مسلم ޞަޙާބީ عبد الله بن عمر -رضي الله عنهما – ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. ހަމަކަށަވަރުން رَسُولَ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘް ކުރެއްވިއެވެ. ” مَنْ اقْتَنَى كَلْبًا إِلا كَلْبَ مَاشِيَةٍ أَوْ كَلْبَ صَيْدٍ نَقَصَ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطٌ ” މާނައީ، “ނަޢަމްސޫފިތައް ބެލެހެއްޓުމަށް ނުވަތަ ޝިކާރަ ކުރުމަށް ނޫންގޮތުގައި ކުއްތާއެއް ގެންގުޅެފި މީހެއްގެ ޢަމަލުން ޤީރާތެއްގެ މިންވަރު މަދުވެގެންދާނެއެވެ.”
މީގެ އިތުރަށް ކުއްތާ ގެންގުޅުން ޙަރާމްވެގެންވާކަން ދަލީލު ކުރެވިގެންދާ އެފަދަ އެހެން ޙަދީޘްތަކުގެ ތެރޭގައިވެއެވެ. “إِنَّ الْمَلائِكَةَ لا تَدْخُلُ بَيْتًا فِيهِ كَلْبٌ وَلا صُورَةٌ” މާނައީ، “ހަމަކަށަވަރުން އެ ގެއެއްގައި ޞޫރަ ބެހެއްޓިފައިވާ އަދި ކުއްތާއެއް އޮންނަ ގެއަކަށް މަލާއިކަތުން ނުވަންނާނެއެވެ.” މި ޙަދީޘް ابن ماجه ރިވާކުރެއްވިއެވެ. އަދި އިމާމް الألباني – رحمه الله – ޞައްޙަ ކުރެއްވިއެވެ.
އިސްވެ ބަޔާންވި އެންމެހައި ޙަދީޘްތަކުން މިއީ ގެންގުޅޭވޭނެ ޖަނަވާރެއް ނޫން ކަމާއި އަދި އެކަމުގެ ޙުކުމް ބަޔާންވެގެންވެއެވެ. ފަހެ، މުސްލިމް އަޅަކު އޭނާގެ ޢަމަލުން ޤީރާތެއްގެ އަޖުރާއި ޘަވާބު (ޤީރާތެއްގެ އެންމެ ކުޑަ މިންވަރަކީ ބޮޑު ބިޔަ ފަރުބަދައެކެވެ.) ނެތިވެގެންދާނެ ހިނދު އޭގެ ނުރައްކަލާއި އެކަމުގެ ނުބައިކަން ބަޔާންވެއެވެ.
ފަހެ، ޖުމްހޫރުން الشافعية، الحنابلة އަދި الحنفية ގެ ޤައުލަކީ ކުއްތާއަކީ ނަޖިސް ޖަނަވާރެއް ކަމެވެ. އޭގޭ ބޭރުފުށުންވެސް ނަޖިސްވެގެންވާ ޖަނަވާރެއް ކަމެވެ.
ޞަޙީޙުގައި ވާރިދުވެގެންވާ ޙަދީޘްގައިވެއެވެ. ޞަހާބީ أَبِي هُرَيْرَةَ – رَضِيَ اللَّهُ عَنْهُ – އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُولَ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ- ޙަދީޘް ކުރެއްވިއެވެ. “إذَا شَرِبَ الْكَلْبُ فِي إنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعاً” ”ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކަންވާރަކުން ކުއްތާއެއް ފެން ބޮއެފި ނަމަ، ފަހެ ހަތް ފަހަރު އެ ކަންވާރު ދޮންނާށެވެ.“
ފަހެ، އޭގެ ނަޖިސްކަމާއި މުޑުދާރު ކަމުގެ ބޮޑުކަމާއެވެ! އާދަމު ދަރިއަކު އެ އެއްޗަކަށް ލޯބި ޖެހި، އެ އެއްޗެއްގައި އޭނާ ބައްދައި ގެންގުޅެވޭނީ ކިހިނަކުން ހެއްޔެވެ؟
ޝައްކެތްވެސް ނެތެވެ. މިއީ މުޑުދާރު ކަމާއި ނަޖިސް ކަމުގައި ޣަރަޤުވެފައިވާ އަހުލުވެރިން އެ މުޑުދާރުކަމާއި ނަޖިސް ކަމުގައިވާ ތަކެތި ދެކެ ލޯބި ކުރުމެކެވެ. މުންކަރާތްކަން ބޮޑުވެފައިވާ ފާފަވެރި ޢަމަލުގައި ޣަރަގުވެގެންވާ ފަރާތްތަކުގެ ކިބައިން ނޫނީ މިފަދަ ޢަމަލުތަކެއް ނުފެންނާނެއެވެ.
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ފިޤުހުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ابن عثيمين – رحمه الله – ވިދާޅުވެފައިވެއެވެ. “ކުއްތާ ގެންގުޅުން އެގޮތުން އިންސާނަކު ޖަނަވާރެއްގެ ގޮތުގައި ކުއްތާ ގެންގުޅުން، ފަހެ ހަމަކަށަވަރުން އެކަން ޙަރާމްވެގެންވެއެވެ. އަދި ކިޔެއްތަ! އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. ސަބަބަކީ، (ޝަރީޢަތުގައި) އިސްތިޘްނާ ކުރެވިފައިވާ ގޮތުގައި ނޫން ގޮތަށް ކުއްތާއެއް ގެންގުޅޭ މީހެއްގެ ކިބައިން ޤީރާޠެއްގެ އަޖުރު އުނިވެގެން ދާނެއެވެ.” شرح رياض الصالحين (4/241)
ވުމުން، އެއްވެސް ޙާލެއްގައި ތިމާ ގެންގުޅޭ ޖަނަވާރެއް (ޕެޓެއް) ފަދައިން ކުއްތާ ގެންގުޅުން ހުއްދައެއް ނުވާނެއެވެ. އަދި އެވާކަން ކަށަވަރީ ބޮޑުވެގެންވާ ފާފަވެރި ޙަރާމް ޢަމަލެއް ކަމުގައެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.