ގޮނޑީގެ ބަދަލުގައި އެނދުގަ (މަޑުގޮނދަޑީގަ) އިށީނދެގެން އިނދެ ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަޚާއަށް ދިމާވެފައިވާ ބައްޔަށް އަވަސް ޝިފާއެއް ﷲ މިންވަރު ކުރައްވާށިއެވެ.
ބަލީގައި ހޭދަ ކުރާ ދުވަސްތަކަކީ ﷲ ޙަޟުރަތުން މަތިވެރި އަޖުރާއި، ޘަވާބު ލިބޭނެ ޢަމަލެއްގެ ގޮތުގައި ﷲ ލައްވާށިއެވެ. މުއުމިނު އަޅާއަށް ﷲ ގެ އިރާދަފުޅުން ގެއްލުމެއް ނެތެވެ. ކޮންމެ ޙާލެއްގައިވެސް އޭނާއަށް އޮތީ ހެޔޮކަމުގައި ވާނެއެވެ. ގޮނޑީގައި އިނދެ ނަމާދު ކުރުމާއި މެދުގައި ބުނަމެވެ. އަޚާއެވެ! ނަމާދަށް ކޮޅަށް ހުރެވޭ މީހާ ނަމާދަށް ކޮޅަށް ހުންނަން ޖެހޭނެއެވެ.
މި މައުޟޫގައި މަދީނާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة الشيخ عَبد المُحسن العباد -حفظه الله- ވިދާޅުވެފައިވެއެވެ. “ފަރުޟު ނަމާދުގައި ނަމާދުކުރުމަށް ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ ކޮޅަށްހުރުން ވާޖިބުވެގެންވެއެވެ. ކުޅަދާނަކަން ލިބިގެންވާ ޙާލުގައި ނަމާދުގައި އިށީނދެ އިނދެފިނަމަ އެ ނަމާދު ޞައްޙައެއް ނުވާނެއެވެ. މިކަމަށް عمران بن حصين ގެފަރާތްޕުޅުން އިމާމް البخاري (1117) ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްވެއެވެ. ހަމަކަށަވަރުން ރަސުލާ – صلى الله عليه وسلم- ޙަދީޘްފުޅުކުރެއްވިއެވެ. “صل قائماً فإن لم تستطع فقاعداً، فإن لم تستطع فعلى جنب” މާނައަކީ “ނަމާދު ކޮޅަށްހުރެ ކުރާށެވެ. ކުޅަދާނަވެގެން ނުވާނަމަ އިށީނދެގެން އިނދެ ކުރާށެވެ. އިށީނދެގެން އިނދެ ކުޅަދާނަވެގެން ނުވާނަމަ އޮށޯވެ އޮވެގެންނެވެ.”
ނަމަވެސް ސުންނަތް ނަމާދުތައް އިށީނދެގެން އިނދެ ކުރެވިދާނެއެވެ. އެއިރުގައި އެ ނަމާދުގެ އަޖުރަކީ ކޮޅަށްހުރެ ނަމާދު ކުރާމީހާގެ ނަމާދުގެ ދެބައިކުޅަ އެއްބައެވެ. ފުރިހަމަ އަޖުރު ހޯދުމަށް ނަމާދުކުރުން މޮޅުއިތުރީ ކޮޅަށް ހުރެއެވެ.
އިމާމް مسلم (735) عبد الله ابن عمرو بن العاصގެ ފަރާތުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވާ ފަދައިންނެވެ. ކޮޅަށްހުރެ ނަމާދުކުރުމަށް ނުކުޅެދުންތެރިވާ މިހާ އޭނާގެ ފަރުޟު ނަމާދުގައި އަދި ސުންނަތްނަމާދުގައި ވެސް އިށީނދެ އިނދެ ނަމާދުކުރާނީއެވެ. أبي موسى -رضي الله عنه- ނަބިއްޔާ – صلى الله عليه وسلم – ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިން އޭނާއަށް ފުރިހަމަ އަޖުރުލިބޭނެއެވެ. “إذا مرض العبد أو سافر كتب له مثل ما كان يعمل مقيماً صحيحاً” މާނައަކީ “الله ގެ އަޅާ ބަލިވެގެން ނުވަތަ ދަތުރެއްގައި ވެއްޖެނަމަ އޭނާ ޞިއްޙަތު ސަލާމަތްވެ ހުރިއިރު އަދި މުޤީމެއްގެ ގޮތުގައި ހުރިއިރު ޢަމަލުކުރާ ގޮތަށް ލިއުއްވޭނެއެވެ.” ރަވާހު البخاري (2996).”
އަދިވެސް ހަމަ އެފަދަ އެހެން ފަތުވާ އެކެވެ. الشَّيخ د. عَرَفَات بن حَسن المُحمَّدي -حفظه الله – އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށިއެވެ. ނަމާދަށް ކޮޅަށް ހުރުމަށް ކުޅަދާނަކަން އެމީހާއަށް ލިބިގެންވެއެވެ. އެހެނަސް ބަލި ޙާލަތު ހުރިގޮތުން ރުކޫޢު އަދި ސަޖިދަ ކުރުމަށް ގޮނޑީގައި އިށީންނަން ޖެހެއެވެ. ފަހެ، މިފަދަ މީހާއަށް ނަމާދުގައި ކޮޅަށް ހުންނަން ޖެހޭތަނުގައި ގޮނޑީގައި އިދެވޭނެ ހެއްޔެވެ؟
ޖަވާބު : ”(ނަމާދުގައި ކޮޅަށް ހުންނަންޖެހޭ ތަނުގައި) އޭނާ ގޮނޑީގައި އިށީނދެގެން ނުވާނެއެވެ. އޭނާއަށް ކުޅަދާނަވަގެންވުމުން ކޮންމެހެންވެސް ކޮޅަށް ހުންނަން ޖެހޭނެއެވެ. އެއަށްފަހު، ރުކޫޢަށް ދާންވުމުން އިށީންނާނީއެވެ.“
އަދިވެސް ސުންނަތުގެ ޢިލްމުވެރި ބޭފުޅެއްގެ ބަސްފުޅު ބަޔާން ކުރަމެވެ. ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓިގެ މެންބަރު الشيخ صالح الفَوزَان -حفظه الله- ވިދާޅުވެފައިވެއެވެ. “އެމީހަކަށް ހަމައެކަނި ކުޅަދާނަވަނީ ކޮޅަށް ހުރުމާއި އިށީނުން ކަމުގައިވެ، ރުކޫޢު ކުރުމާއި ސަޖިދަ ކުރުމަށް ކުޅަދާނަ ނުވާނަމަ، ރުކޫޢު ކުރާނީ ކޮޅަށްހުރެ ކުރިމައްޗަށް ބޮލުން ގުދުވެގެންނެވެ. އަދި ސަޖިދަކުރާނީ އިށީނދެއިނދެ ބޮލުން ކުރިމައްޗަށް ގުދުވެގެންނެވެ.
އެމީހަކަށް ހަމައެކަކަނި ކުޅަދާނައީ އިށީނުން ކަމުގައިވެ، ނަމާދަށް ކޮޅަށް ހުރުމަށް ކުޅަދާނަވެގެންނުވާ ނަމަ، އޭނާ އިށީނދެ އިނދެގެން ހަރަމްބަންނަ ތަކްބީރު ކިޔައި، ސޫރަތުލް ފާތިޙާ ކިޔަވައި އަދި އެއަށްފަހު ޤުރުއާނުން ފަސޭހަވެގެންވާ މިންވަރެއް ކިޔަވައި ރުކޫޢަށް ކުރިމައްޗަށް ގުދުވާނީއެވެ. އަދި ކުޅަދާނަކަމުގައިވާ ނަމަ ބިންމައްޗަށް ސަޖިދަ ކުރާނީއެވެ. (ބިންމައްޗަށް ސަޖިދަ ކުރަން ކުޅަދާނަނުވާ ނަމަ) އިށީނދެ އިނދެގެން ކުރިމައްޗަށް ބޯ ތިރިކޮށްގެން ސަޖިދަ ކުރާނީއެވެ. އަދި ސަޖިދައިގައި ރުކޫޢަށްވުރެން ބޮޑަށް ބޯ ތިރިކުރާނީއެވެ.
ނަމާދު އިށީނދެގެން އިނދެކުރާ މީހާ، އޭނާއަށް ކުޅަދާނަވެގެންވާ ނަމަ ހެޔޮކަން ބޮޑީ ބިންމަތީގައި އިށީނދެގެން އިނދެ ނަމާދުކުރުމެވެ. މިއީ އެންމެ ހެޔޮ އަދި ފުރިހަމަވެގެންވާ ގޮތެވެ. އެފަދައިން އޭނާއަށް ކުޅަދާނަވެގެން ނުވާނަމަ ގޮނޑީގައި އިށީނދެގެން އިނދެ ނަމާދުކުރާނީއެވެ. ގޮނޑީގައި އިނދެގެން ނަމާދުކުރާ ހިނދުގައި، ބިންމަތީގައި އިށީނދެގެން އިނދެ ނަމާދުކުރާ ގޮތަށް ޢަމަލު ކުރާނީއެވެ. ”
ފަހެ، މިއީ އެކަމުގައި އޮތް ތަފްސީލެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.