ގޭގައި ޖަމާޢަތް ހަދައިގެން ހުކުރު ނަމާދު ކުރެވިދާނެ ތޯ އެވެ؟
އަޚާ އެވެ. ހުކުރު ޖަމާޢަތަކީ މުސްލިމް ޤައުމުތަކުގައި މުސްލިމް ވެރިން ޤާއިމް ކުރާ ޖަމާޢަތެކެވެ.
އެއީ ފަރުދުންނާއި، ވަކި ޖަމާޢަތްތައް ޤާއިމް ކުރުމަށް އޮތް ޝިޢާރެއް ނޫނެވެ. ފަހެ، އަހުލުއް ސުންނަތް، ސަލަފީ ޢަޤީދާ އަދި މަންހަޖަކީ މި އެވެ.
މިފަދައިން އެބޭކަލުން އިއްތިފާޤުވަޑައިގެންފައިވެ އެވެ. ސުންނަތް ޖަމާޢަތުގެ އިމާމް الإِمَام أَحمد بِنْ حَنبَل رحمه الله ވިދާޅުވެފައިވެ އެވެ.
وَصَلَاةُ اَلْجُمْعَةِ خَلْفَهُ وَخَلْفَ مَنْ وَلَّاهُ، جَائِزَةٌ بَاقِيَةٌ تَامَّةٌ رَكْعَتَيْنِ، مَنْ أَعَادَهُمَا فَهُوَ مُبْتَدِعٌ تَارِكٌ لِلْآثَارِ، مُخَالِفٌ لِلسُّنَّةِ، لَيْسَ لَهُ مِنْ فَضْلِ اَلْجُمْعَةِ شَيْءٌ ; إِذَا لَمْ يَرَ اَلصَّلَاةَ خَلْفَ اَلْأَئِمَّةِ مَنْ كَانُوا بَرِّهِمْ وَفَاجِرِهِمْ. فَالسُّنَّةُ: بِأَنْ يُصَلِّيَ مَعَهُمْ رَكْعَتَيْنِ، وَيَدِينَ بِأَنَّهَا تَامَّةٌ، لَا يَكُنْ فِي صَدْرِكَ مِنْ ذَلِكَ شَكٌّ.
(އަހަރެމެން ދެކޭ ގޮތުގައި ސުންނަތުގެ އުޞޫލު ތަކުގެ ތެރޭގައި) : އަމީރު ގެ ފަހަތުގައި ނުވަތަ އަމީރު އައްޔަން ކުރާ މީހެއްގެ ފަހަތުގައި ހުކުރު ނަމާދު ކުރަން ޖެހޭނެ އެވެ. އެއީ ހުއްދަވެ، ތާއަބަދަށް ދެމިއޮންނަ ގޮތެކެވެ. އެ ދެ ރަކުޢަތަކީ ފުރިހަމަ ވެގެންވާ ދެ ރަކުޢަތް ކަމުގައިވާނެ އެވެ. އެ ނަމާދު އަނބުރައި އިޢާދަ (ދެވަނަ ފަހަރަށް ކުރުން) ކުރި މީހާއަކީ ބިދުޢަވެރިއަކަށްވެ، ވާރިދުވެގެންވާ އަޘަރުތައް ދޫކޮށްފައިވާ، ސުންނަތާ ޚިލާފްވެފައިވާ މީހެކެވެ. ހެޔޮލަފާ އިމާމުންނާއި، ނުބައި ފާޖިރު އިމާމުންގެ ފަހަތުގައި ނަމާދު ކުރުމަކީ ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޤަބޫލު ނުކުރާ ހިނދެއްގައި، އޭނާ ކުރާ ހުކުރު ނަމާދުން އޭނާއަށް ލިބޭނެ އެއްވެސް ޘަވާބެއް ނޯންނާނެ އެވެ.”
އަދިވެސް ބުނަމެވެ. މިއީ ﷲ ގެ ނަބިއްޔާގެ އަޞްޙާބު ބޭކަލުން ނަބިއްޔާގެ އަރިހުން ހޯއްދެވި ޢަޤީދާ އެވެ.
މިއަދު މުސްލިމުންގެ ތެރޭގައި އޮޅުވާ ލުމާއި، ދީނީ ޢަދުލުވެރި މިންގަޑުން ބޭރުވެ، މުސްލިމް ވެރިންނާ ދަޢުލަތްތަކުގެ މައްޗަށް ބަސްނޭހުމުގައިވެ، ހުކުރު ޖަމާޢަތްތައް އަމިއްލައަށް ހަދައި ޢަމަލު ކުރަމުންދާ މީހުންގެ މައްޗަށް އިންޒާރު ލިބިގަންނަން ޖެހޭނެ އެވެ. ހުކުރު ނަމާދު ގޭގެ ސިޓިންގް ރޫމާއި، ކޮޓަރީގައި އަދި ޓެރަސްގައި ކުރުން، ސުންނަތުގެ އަހުލުވެރިންގެ ޢަމަލެއް ނޫނެވެ أَبُوهُرَيرة -رضي الله عنه- ވިދާޅުވެފައިވެ އެވެ. ”މިސްކިތުގައި މެނުވީ ހުކުރު ނަމާދު ކުރުމެއް ނުވެ އެވެ.”
مصنف ابن أبي شَيبة 5548- صحيح
ވުމުން، މިސްކިތުގައި ޤާއިމް ނުކުރެވޭ ޙާލަތެއް އައުމުން، ގޭގައި ނުވަތަ އޭނާ ދިރިއުޅޭތަނުގައި މެންދުރު ނަމާދު ކުރުން ހުއްޓެވެ. އެއީ އޭނާގެ ޙައްޤުގައި ކަނޑައެޅިފައިވާ ސުންނަތެވެ.
أُسْتَاذ أبو أنس محمد حسن حفظه الله