ރަމަޟާން މަހާއި، ރޯދަ އާއި ޞަދަޤާތް

 

ރަމަޟާން 7

[ރަމަޟާން މަހާއި، ރޯދަ އާއި ޞަދަޤާތް]

ލޯބިވާ، ޚާލިޞް ލޯބި ދެވިގެންވާ އަޚުންނޭވެ!

އާޚިރަތުގެ މޫސުން ކަމުގައިވާ ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެދަނީ އެވެ. އެންމެ ރިވެތި ގޮތުގައި އަދި އަދި އެންމެ ފުރިހަމަ ގޮތުގައި އެކަކު އަނެކަކަށްވުރެ ކުރިއަރައި ދިއުމުގައި ވާދަވެރިން އޮތީ ކޮން ހިތްތަކުގައި ހެއްޔެވެ؟

ހެޔޮ ޢަމަލުގައި ވާދަވެރިވެ އަނެއް އަޚާއަށްވުރެ ކުރިއަރައި ވާދަވެރިވީ ކޮން ނަފްސެއް ހެއްޔެވެ؟

ﷲ ވަޙީ ކުރެއްވި އެވެ. وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَاسْتَبِقُوا الْخَيْرَاتِ ކޮންމެ މިއްލަތަކަށް އެބައިމީހުން (އަޅުކަންކުރުމުގައި) ކުރިމަތިލާ ފަރާތެއް (ޤިބްލަތެއް) ވެއެވެ. ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ!

އަދިވެސް ވަޙީކުރެއްވި އެވެ. سَابِقُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ!

ނަބީބޭކަލުންނާ މެދުގައި ﷲ ވަޙީކުރައްވާފައިވެ އެވެ. إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންއިލާހުއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ.

އަޚުންނޭވެ! މިފަދަ މާނައިގައިވާ ގިނަ އާޔަތްތަކެއްވެ އެވެ. ހެޔޮކަން ކުރުމުގައި އެކަކަށްވުރެ އަނެކަކު ވާދަވެރިވެ ކުރިއަރައި ދިއުމުގައިވުމެވެ. ﷲ ލޯބިވެ ވޮޑިގަންނަވާނެ އެވެ.

ލޯބިވާ އަޚުންނޭވެ! ރަމަޟާން މަހާއި ހޭދަކުރުމުގައި މާތް ނަބިއްޔާއަކީ ކޮންފަދަ ނަމޫނާ ބޭކަލެއް ހެއްޔެވެ؟ ޙަދީޘްގައިވެ އެވެ. ابن عبَّاس -رضي الله عنه- ވިދާޅުވެފައިވެ އެވެ. كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ أجْوَدَ النَّاسِ، وكانَ أجْوَدُ ما يَكونُ في رَمَضَانَ ……… فَلَرَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ حِينَ يَلْقَاهُ جِبْرِيلُ أجْوَدُ بالخَيْرِ مِنَ الرِّيحِ المُرْسَلَةِ. ހަމަކަށަވަރުން ރަސޫލާ ﷺ އަކީ އެންމެ ދީލަތި ބޭކަލެވެ. އަދި އެންމެގިނައިން ހޭދަކުރައްވަނީ (ޞަދަޤާތް ކުރައްވަނީ) ރަމަޟާން މައްސަރުގަ އެވެ……. ފަހެ، ޖިބްރީލް عليه السلام އާ ބައްދަލުވާހިނދު، ރަސޫލާ ގެ ހޭދަކުރެއްވުމުގެ މިޘާލަކީ ފެތުރިގެންވާ ވައިރޯޅިއެއް ފަދަ އެވެ.” البخاري 3220

އަޚުންނޭވެ! ކޮންކަހަލަ ދީލަތި ކަމެއް ހެއްޔެވެ؟ ފަޤީރު ޙާލުކޮޅުގައިވާ ނަބިއްޔާގެ ދީލަތި ކަމާއި ހޭދަކުރުމުގެ ބޮޑުކަމެވެ. سبحان الله! އެވެ!

ވައިރޯޅިއެއް ފޮނުއްވޭހިނދު އޭގެ ނިޢުމަތް ކިތައް މީހުންނަށް ޢާންމުވެ ފައިދާ ލިބޭ ހެއްޔެވެ؟ އެފަދަ ދީލަތި ޞަދަޤާތް ކުރުން ފަދަ އެވެ. ފަހެ، ﷲ ގެ ރަސޫލާގެ ނަމޫނާގެ ހެޔޮ ކަމާ އެވެ.

ރިވާޔަތުން ބަޔާންވެގެންވަނީ ރަމަޟާން މަހަކީ އެކަމުގައި ކުރިއަރައި ދިއުމުގައިވާ މައްސަރެއް ކަމެވެ. ސަބަބަކީ ކޮބައިތޯ އެވެ؟ ތާބިޢީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام أبو بكر بن أبي مريم -رحمه الله- ވިދާޅުވެފައިވެ އެވެ. “ރަމަޟާން މަސް އައުމުން ތިޔަބައިމީހުންގެ ހޭދަކުރުން ހުޅުވާލުންހުއްޓެވެ. ފަހެ ހަމަކަށަވަރުން އެ މަހުގައި ހޭދަ ކުރެވޭ ހޭދަކުރުން އެތައް ގުނަތަކަށް އުފުލިގެންވެ އެވެ.”

ޞަޙާބީންގެ ތެރޭގައި ބައެއް ބޭކަލުން ކާބޯތަކެތީން ހޭދަކުރުން، ލިބިފައިވާ ތަނަވަސް ކަމުގައި ހޭދަ ކުރުން، ރޯދަވީއްލުމުގައި ހޭދަކުން އެއައް އެތައް ނަމޫނާ އެކެވެ. ޞަޙާބީ عبد الله بن عُمر – رضي الله عنهما- ގެ އަރިހުން ވާރިދުވެގެންވެ އެވެ. “ރަމަޟާން މަހުގައި މިސްކީނުންނާ އެކުގައި މެނުވީ ރޯދަ ނުވީއްލަ އެވެ.”

މަޝްހޫރު އިމާމް ތާބީއީ ابن شِهَاب الزهري-رحمه الله- ގެ އަރިހުން ވާރިދުވެގެންވެ އެވެ. “ރަމަޟާން މައްސަރާ ބައްދަލުކޮށްފި ހިނދުގައި ވިދާޅުވެ އެވެ. “ފަހެ، ދެން އޮތީ ޤުރުއާން ކިޔެވުމާއި އަދި މިސްތަކުންނަށް ކާބޯތަކެތި ހޭދަކުރުމެވެ.”

الإمام الذهبي- ސިޔަރުގައި- حمَّاد بن سُلَيمَان ގެ އަރިހުން ނަޤުލުކުރައްވާފައިވެ އެވެ. “ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައި 50 މީހުންގެ ރޯދަވީއްލުން ދެއްވަ އެވެ. ޢީދު ވިލޭރޭގައި ކޮންމެ މީހަކަށް އަންނައުނު ދެއްވަ އެވެ އަދި ކޮންމެ މީހަކަށް 100 ދިރުހަމް ދެއްވަ އެވެ.”

الحَافِظ ابن رَجب- رحمه الله-އިމާމް الشافعي ގެ ޢަމަލުފުޅު ބަޔާން ކުރައްވާ ވިދާޅުވެފައިވެ އެވެ. “ރަސޫލާ ﷺ އަށް އިޤްތިދާވުމަށްޓަކައި ކޮންމެ މީހަކުވެސް ރަމަޟާން މަހުގައި ހޭދަކުރުން (ޞަދަޤާތް) ކުރުން އިތުރުކުރަން ލޯބި ކުރަމެވެ.” އަޚުންނޭވެ! ކޮންފަދަ ތެދު ބަސްފުޅެއް ހެއްޔެވެ؟ ރަމަޟާން މަހުގައިވެސް މާތް ނަބިއްޔާއަށް އިޤްތިދާވުން މިކަމުގައިވެ އެވެ. ރަސޫލާގެ ޢަމަލުފުޅު ބަޔާންވުމުން، އެފަދައިން އިޤްތިދާވުމެވެ. އެކަމަށް ލޯބި ކުރުމެވެ.

އިސްވެދިޔަ އުއްމަތުގެ ސަލަފުއް-ޞާލިޙުން މިފަދައިން ހޭދަކުރުމުގައި ކުރިއަރައި ދިޔައީ އެބޭކަލުންނަށް ހޭދަ ކުރުމާއި އޭގެ އަޖުރު ވިސްނި އެކަމަށް އެ ޤަދަރު ދެވިފައި ވުމެވެ. އެފަދަ ބައެއް ބަސްފުޅުތަކެވެ.

ޞަޙާބީ أبو ذر -رضي الله عنه- ވިދާޅުވެފައިވެ އެވެ. “ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ޞަދަޤާތްކުރުން ހުއްޓެވެ.” الإمام الشَّافِعِي رحمه الله ވިދާޅުވެފައިވެ އެވެ .

”ﷲ އެއިލާހުގެ ފޮތުގައި އެއްތަނަށްވުރެ ގިނަތަންތަނުގައި ޞަދަޤާތަށް ޘަނާގެ ބަސްފުޅުތަކާއި ރިވެތި މަދަޙައިގެ ބަސްފުޅު ވަޙީ ކުރައްވާފައިވެ އެވެ.

ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަން ކުރުމަށް ކުޅަދާނަވެއްޖެމީހާ ޞަދަޤާތްކުރުން ގިނަކުރުން ހުއްޓެވެ.“الأم 1 / 379

الإِمَامُ العَلاَّمَة ابن العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ. ”ފަޤީރުންނަށް، މިސްކީނުންނަށް، ދަރަނިވެރިވެފައިވާ ފަރާތްތަކަށް އަދި މިނޫނަސް އެހެން ޙާޖަތްތަކުގެ އަހުލުވެރިންނަށް މި މައްސަރުގައި ޞަދަޤާތް ދިނުން އިތުރުކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން މި މައްސަރުގައި ހޭދަކުރެވޭ ޞަދަޤާތަކީ އެހެނިހެން މައްސަރުތަކުގެ މައްޗަށް މޮޅު އިތުރުވެގެންވާ (އަޖުރާއި ޘަވާބުގެ ގޮތުން) އުފުލިގެންވާ މައްސަރެކެވެ.“ فتاوى ج14 ص202

އަޚުންނޭވެ! މިފަދަ އެތައް އެތަށް ބަސްފުޅެވެ. މިއަދު ދުނިޔޭގައި މިފަދައިން ހޭދަ ކުރާމީހުން ކިތައް ރޯދަ މަހުގެ ޘަވާބު އެމީހުންގެ ތިލަފަތަށް ޖަމަޢަ ކުރާނެ ހެއްޔެވެ؟

އެމީހުން ރޯދަ ހިފީ 30 ދުވަހުގަ އެވެ. އެހެނަސް އޭނާ ވަނީ އެތައް ބަޔަކަށް ރޯދަވިއްލުން ދީފަ އެވެ. ރޯދަ ވިއްލުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށް ޞަދަޤާތް ހޭދަ ކޮށްފަ އެވެ. ފައިސާގެ ތަނަވަސް ކަމުގައިވާ މީހާ ފައިސާއިންނެވެ. ކާބޯތަކެތީގެ ތަނަވަސް ކަމުގައިވާ މީހާ ކާބޯ ތަކެތީންނެވެ. ކިތައް ރޯދަވެރިންގެ ކިތައް ސަތޭކަ ނުވަތަ ކިތައް ހާސް ރޯދައިގެ ޘަވާބު އޭނާގެ އަތްމައްޗަށް ޖަމަޢަވާނެ ކަމުގައި ދެކެން ހެއްޔެވެ؟

އަޚުންނޭވެ! މިއީ ނެތިވެ އަތު ނުލެވޭނެ ދުނިޔެ އެކެވެ. މިއީ ނެތްތަނެކެވެ. މިއަދު ފާޅުވެފައިވާ ވަބާގެ ޙިކުތަތްތަކުގެ ތެރޭގައި ޢިލްމުވެރިން ޖިކުރުކޮށްފައިވަނި އެފަދައިންނެވެ. އިންސާނާގެ އަޖަލު ކުރުކަމާއި، ދޫކޮށްފައި އިސާހިތަކު ދާންޖެހޭނެ ތަނެއް ކަމެވެ.

ފަހެ، މި މަތިވެރި ރޯދައިގެ އަޅުކަން ތިޔަ އަޚާއަށް ހޯދަން ބޭނުން ވަނީ އެންމެ 30 ރޯދައިގެ ގޮތުގައި ހެއްޔެވެ؟

ނުވަތަ އެތައް ސަތޭކަ ރޯދައިގެ އަޖުރު ލިބޭނެ ގޮތުގައި ހެއްޔެވެ؟ الإمام شيخ الإسلام ابن تيمية ވިދާޅުވެފައިވެ އެވެ. ”ރަމަޟާން މަހުގައި ކާބޯތަކެތި ފަޤީރުންނަށް ހޭދަކޮށް އެފަޤީރުންނަށް އޯގާތެރިވުމަކީ، އެއީ އިސްލާމީ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ.

ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. ރޯދަވެރިޔަކު ރޯދަ ވީއްލައިދިން މީހާއަށް ރޯދަހިފި މީހާއަށް ލިބުނު ޘަވާބު ލިބޭނެ އެވެ.“ مجموع الفتاوى 298/25

ﷲ ތަޢާލާ އަޅަމެންގެ ހިތްތައް އެކުވެރި ކުރައްވައި، ދުނިޔެއަށްވުރެ އާޚިރަތް އެދޭ ހިތްތަކެއްގެ ގޮތުގައި ލައްވާށި އެވެ. اللهم زين قلوبنا بزينة الإيمان و أصلح أحوالنا واجعلنا من المتقين. و الحمد لله رب العالمين.