ކޮރޯނާ ވަބާގެ ނުރައްކަލުގެ ދަނޑިވަޅުގައި ގޭގައި ޢީދު ނަމާދު ކުރުން
ލިޔެ ތައްޔާރު ކުރީ : އުސްތާޛް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله
الحمد لله رب العالمين، والصلاة والسلام على من لا نبي بعده، أما بعد:
މުޅި ދުނިޔެއަށް އަދި ޚާއްޞަކޮށް އިސްލާމީ އުއްމަތަށްވެސް މިއަދު ދިމާވެފައިވާ ބަލިމަޑުކަމުގެ ވަބާގެ ދަނޑިވަޅުގައި، ރައްކާތެރި ކަމުގެ ފިޔަވަޅުގެ ގޮތުން، މިސްތަކުން އެއްތަނަކަށް ޖަމަޢަވެ ގައިގޯޅިވުމުގެ ނުރައްކަލުގެ ސަބަބުން މިސްކިތްތައް ބަންދު ކުރެވި، ފަރުޟު ނަމާދާއި އަދި ހުކުރު ޖަމާޢަތް މިސްކިތުގައި ޖަމާޢަތުގައި ކުރުން ބަންދު ކުރެވިފައިވާ ދަނޑިވަޅެއްގައި މިހާރު ކުރިމަތިވަމުން އަންނަނީ ފިޠުރު ޢީދެވެ. ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ ޢީދު ނަމާދު ކުރުމާއި މެދު ޢަމަލު ކުރާނެ ގޮތަކާއި މެދުގަ އެވެ. މި ލިޔުމުގައި ޚުލާޞާކޮށް ބަލާލަނީ، މި ދަނޑިވަޅުގައި މި ނަމާދު ޤާއިމް ކުރުމަށް ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. އަދި އެކަމުގައި އެންމެ ޞައްޙަ ބަސްފުޅަކީ ކޮބައިކަމެވެ. މި ވަބާ ޚާއްޞަކޮށް މުސްލިމް ދަޥްލަތްތަކާއި މުސްލިމުންގެ ކިބައިން އުފުއްލަވައި މީސްތަކުންނަށް ޞިއްޙަތާއި ޢާފިޔަތް މިންވަރު ކުރެއްވުމަށް ﷲއަށް ދުޢާ ދަންނަވާ ޙާލުގައި ބަޔާން ކުރަމެވެ.
ފުރަތަމައީ : ޢީދު ނަމާދުގެ ޖަމާޢަތް ފާއިތުވެއްޖެމީހާއަށް، ގޭގައި ޢީދު ނަމާދު ޤާއިމް ކުރުން ޖުމްހޫރު ޢިލްމުވެރިން މުސްތަޙައްބުވެގެންވާ ކަމުގައި ދެކެވަޑައިގަންނަވަ އެވެ. މި ޒަމާނުގައި މިފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި ابن باز އަދި الفوزان ހިމެނިވަޑައިގަންނަވަ އެވެ. އަދި الألباني ދެކެވަޑައިގަންނަވަނީ، ޢުޛުރުވެރި ޙާލަތެއް ދިމާވެ ޢީދު ނަމާދުގެ ޖަމާޢަތް ފާއިތުވެއްޖެ މީހާއަށް ޢީދު ނަމާދު ޤަޟާ ކުރެވޭނެ ކަމުގަ އެވެ. ފަހެ، ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ޖަމާޢަތް ފާއިތުވާ މީހާއަށް ގޭގައި ޢީދު ނަމާދު ޤަޟާކުރެވޭކަމުގައި ވުމުން، އެއްވެސް ގޮތަކަށް އެތަނެއްގައި ޢީދު ނަމާދު ނުކުރެވޭނަމަ ގޭގައި ނަމާދު ކުރަން މާބޮޑަށް އަޥްލާވެގެންވެ އެވެ. އެހެންވުމުން މިއަދު ދިމާވެފައިވާ ވަބާގެ ޙާލަތާއި ގުޅިގެން، ޖަމާޢަތުގައި ޢީދު ނަމާދު ނުކުރެވޭ ޙާލަތުގައި ގޭގައި ކުރުން މާބޮޑަށްވެސް އަޥްލާވެގެންވެ އެވެ.
ފަހެ، ގޭގައި ނަމާދު ކުރާމީހާ، ޢީދު ނަމާދު ޤާއިމް ކުރާނީ ޚުޠުބާއެއް ކިޔުމެއްނުވާ ގޮތުގަ އެވެ. ސަބަބަކީ ޚުޠުބާއަކީ މުސްލިމްވެރިޔާ (އިމާމް) ނުވަތަ އިމާމްގެ ނައިބު ނުވަތަ އެކަމަށް އައްޔަނުކޮށްފައިވާ ފަރާތުން ކުރައްވާކަމެއްގެ ގޮތުގައި ވުމެވެ.
ޖުމްހޫރު ޢިލްމުވެރިން މިކަމުގެ މައްޗަށް ނެރެފައިވާ އެއް ޙުއްޖަތަކީ :
ޞަޙާބީ أنس بن مالك އަށް ޢީދު ނަމާދު ޖަމާޢަތުގައި ފާއިތުވެއްޖެހިނދު، ގެކޮޅުގައި އަހުލުން ޖަމަޢަކުރައްވާ އިމާމް ޢީދު ނަމާދު ކުރައްވާ ސިފައިގައި ޢީދު ނަމާދު ކުރައްވަ އެވެ. މި ރިވާޔަތް الإمام البخاري ޖަޒްމުކޮށް، ތަޢުލީޤު ކުރައްވާފައިވެ އެވެ. އަދި ރިވާޔަތް ސަނަދު ފުރިހަމަކޮށް ابن أبي شيبة ގެންނަވާފައިވެ އެވެ. ފަހެ، ރިވާޔަތަކީ ޞައްޙަ ރިވާޔަތެކެވެ.
ދެވަނައީ : الحَنَفية އަދި ބައެއް ފިޤުހުވެރިން ދެކެވަޑައިގަންނަވަނީ، ވެރިޔާ އައްޔަނުކުރާ އިމާމްގެ ފަހަތުގައި، އެ ޖަމާޢަތުގައި މެނުވީ ޢީދު ނަމާދު ހުއްދަނުވާނެ ކަމެވެ. އަދި ޢީދު ނަމާދު ޖަމާޢަތުގައި ފާއިތުވެއްޖެ މީހާއަށް ޤަޟާ ކުރުމެއްނުވެ އެވެ. ސަބަބަކީ، ޢީދު ނަމާދުގެ ޝަރުޠު ތަކުގެ ތެރޭގައި ވެރިޔާ އައްޔަނު ކުރާ އިމާމްވުން ވެ އެވެ. މި ޤައުލު އިޚްތިޔާރު ކުރައްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި ابن تيمية އަދި މި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ابن عثيمين ހިމެނިވަޑައިގަންނަވަ އެވެ. ސަބަބަކީ ޢީދު ނަމާދު ޝަރުޢު ކުރެވިފައިވަނީ އިމާމް އެކުގަ އެވެ.
މި ޤައުލަށް ނެރެވިފައިވާ އެއް ޙުއްޖަތަކީ :
ނަބިއްޔާ ޢީދު ނަމާދަށް ނުކުތުމަށް މިފަދައިން ޙަދީޘްފުޅު ކުރައްވާފައިވުމެވެ. ޙަދީޘްގައިވެ އެވެ. أم عطية ވިދާޅުވި އެވެ. (أُمرنا أن نَخرج، فنُخرج الحُيَّض والعواتق وذوات الخدور فأما الحُيَّض فيشهدن جماعة المسلمين ودعوتهم، ويعتزلن مصلاهم) “އަހަރެމެންނަށް (ޢީދު ނަމާދަށް) ނުކުތުމަށް އަމުރު ކުރެވިގެންވެ އެވެ. ފަހެ، އެހިނދުގައި ޙައިޟުވެރި އަންހެނުންނާއި، ބިކުރުވެރި ލަދުވެތިކަމުގައިވާ އަންހެނުންވެސް (ޢީދު ނަމާދަށް) ނުކުމެ މުސްލިމުންގެ ޖަމާޢަތާއި ދަޢުވަތުގައި ބައިވެރިވެ އެވެ. (ޙައިޟުވެރި އަންހެނުން) ނަމާދުކުރާ މުޞައްލާއާ ދުރުގައި ދެމިތިބެ އެވެ.” البخاري ومسلم
ޙައިޟުވެރިންނާއި، އަންހެނުންނާއި، ބިކުރުވެރި ލަދުވެތިކަމުގައިވާ އަންހެނުންވެސް، ޖިލްބާބް އަމިއްލަ އަތުގައިނެތް އަންހެނާ އުޚްތުގެ ޖިލްބާބު ބޭނުންކޮށްގެންވެސް ނަމާދަށް ނުކުތުމަށް އަމުރުފުޅު ކުރައްވާފައިވުމެވެ. އެކަނބަލުންނަށް ގޭގައި ނަމާދުކުރުމަށް އަމުރުފުޅު ނުކުރައްވަ އެވެ. ފަހެ، އެހެން ވުމުން ބަޔާންވެގެންވަނީ ޝަރީޢަތުގައި އޭގެ ޙުކުމް ކަނޑައެޅިފައިވަނީ ޖަމާޢަތުގައި ޤާއިމްކުރުމެވެ.
މައްސަލައިގެ އެންމެ ޞައްޙަ ބަސްފުޅު : މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ﷲ އެވެ! މައްސަލައިގެ ދެ ޤައުލުގައިވެސް ޙުއްޖަތްތަކާއި ދަލީލުތަކަކީ ޞައްޙަ ދަލީލުތަކެވެ. އަދި އެ ޤައުލު އުފުލާފައިވާ ޢިލްމުވެރިންނަކީވެސް އެންމެ ބޮޑެތި އަދި އުއްމަތަށް ފާޅުވި އިމާމުންނެވެ. ވުމުން މައްސަލައަކީ ތަނަވަސްވެގެންވާ މައްސަލައެކެވެ.
އެހެނަސް ނުކުތާއެއް ދަންނަހުއްޓެވެ! ފިޤުހީ ފޮތްތަކުގައި ޢިލްމުގެ އަހުލުވެރިން މައްސަލަ ބަޔާންކުރައްވާފައިވަނީ، އެ ރަށެއްގައި ނުވަތަ އެ ސަހަރެއްގައި ޢީދު ނަމާދު ޖަމާޢަތުގައި ކޮށްފައިވުމުން، އެއަށްފަހު އެ ޖަމާޢަތް ފާއިތުވި މީހާއަށް އެކަނި ކުރުން ހުއްދަވެންވޭތޯ ނުވަތަ ނޫންތޯ އެވެ؟ ވުމާއެކު، މިއަދު ކުރިމަތިވެފައިވާ މި މައްސަލައަކީ، އެއްވެސް ޙާލެއްގައި އެތަނެއްގައި ޢީދު ނަމާދު ނުކުރެވުމާއެކު، ފިޤުހު ޢިލްމުވެރިން ޛިކުރުކޮށްފައިވާ ޙާލަތުގެ ތެރެއަށް ނުވަންނާނެ އެވެ. ކުރިންވެސް އިޝާރާތް ކޮށްފައިވާ ފަދައިން މި ޙާލަތުގައި ޢީދު ނަމާދު ގޭގައި ކުރުމަށް ލުއިކަން ލިބި އަދި މާބޮޑަށް އަޥްލާކަން ބޮޑުވެގެންވެ އެވެ.
ގޭގައި ނަމާދު ޤާއިމްކުރާހިނދު ދަންނަ އެވެ. : އުއްމަތުގައި އިސްވެ ގޮސްފައިވާ ޢިލްމުވެރިންގެ ޤައުލުތަކުގައި ބަޔާންވެގެންވަނީ ޚުޠުބާއަކީ އިމާމް (ވެރިޔާ) ނުވަތަ ނައިބު ނުވަތަ ވެރިޔާ އައްޔަނު ކުރާ ފަރާތަކުން ކަނޑައެޅޭ ޚުޠުބާއެއް ކަމުގައިވުމެވެ. އިސްވެ ބަޔާންކުރި ފަދައިން، މިފަދައިން ޢިލްމުވެރިންގެ ބަސްފުޅުގައި ބަޔާންވެގެންވަނީ އެތަނެއްގައި ޖަމާޢަތުގައި ނަމާދު ޤާއިމްކޮށް، އެހެނަސް ޖަމާޢަތަށް ޢުޛުރުވެރި ޙާލަތު ދިމާވެ ޙާޟިރު ނުވި ފަރާތް ނަމާދު ޤާއިމްކުރާހިނދު ޚުޠުބާއެއް ދިނުމެއް ނުވުމުގެ މައްޗަށެވެ. އެހެނަސް އެތަނެއްގައި އެއްގޮތަކަށްވެސް ޖަމާޢަތެއް ޤާއިމްނުކުރާހިނދު ޚުތުބާ ގެ މައްސަލައަށް ބަސްފުޅެއް ޢިލްމުވެރިންގެ ފަރާތްޕުޅުން ފެނިފައި ނުވުމުން، މިކަމަށް އެފަދަ ޢިލްމުވެރިއެއް ބަސްފުޅު ވިދާޅުވުމަށް ދާންދެން އަހަރެމެން އެކަމަށް ބަސްބުނުމެއް ނުވެ އެވެ.
މަތީގައި ބަޔާންކޮށްފައިވާ ބަސްތައް ޖަމަޢަކޮށްފައިވަނީ މަސްޖިދުއް ނަބަވީގައި ޢިލްމު އުގަންނަވާދެއްވާ الشيخ أ.د. سُلَيمَان الرحيلي حفظه الله މި މައުޟޫގައި ވިދާޅުވެފައިވާ ބަސްފުޅެއް އަޞްލެއް ކަމުގައި ބަަލައިގެންނެވެ.
ޢީދު އަދި ޢީދު ނަމާދާއި ގުޅިފައިވާ ބައެއް މައްސަލަތައް :
1. ރަމަޟާން މަސް ނިމި ޝައްވާލު މަހުގެ ހަނދު ފެނުމާއެކު، ތަކްބީރު ކިޔުން ސުންނަތްވެެގެންވެ އެވެ. الله ވަޙީ ކުރައްްވާފައިވެ އެވެ. ﴿وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴾ الإمام ابن كثير ވިދާޅުވެފައިވެ އެވެ. “ފިޠުރު ޢީދުގައި ތަކްބީރު ކިޔުމަކީ ޝަރުޢުވެގެންވާ ކަމެއް ކަމަށް މިއާޔަތުން ދަލީލު ލިބޭ ކަމަށް ވަރަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ.”
ޢީދު ވިލޭރޭގެ ހަނދު ފެނުނީއްސުރެ އިމާމް މީހާ ޢީދު ޚުޠުބާ ކިޔުމަށް މިންބަރަށް އަރައިފުމަށް ދާންދެން މި ތަކްބީރު ކިޔުމުގެ ވަގުތު ދެމިގެންވެ އެވެ. އަދި މި ތަކްބީރު ކިޔުމުގައި އަޑު އުފުލުން ފިރިހެނުންގެ މައްޗަށް ސުންނަތްވެގެންވެ އެވެ. އަންހެން ކަނބަލުންގެ މައްޗަށް ތަކްބީރު ކިޔުމުގެ އަޑު އުފުލުމެއް ނެތެވެ. ރިވާޔަތުގައި ވެ އެވެ. “ابن عُمر ޢީދު ދުވަހުގައި ޢީދު ނަމާދަށް މުޞައްލައަށް ނުކުމެ ވަޑައިގެންނެވުމަށްފަހު، އިމާމް ވަޑައިގަންނަވަންދެން އަޑުހަރުކޮށް ތަކްބީރު ވިދާޅުވެ އެވެ.” صحيح/أحكام العيدين للفريابي ٤٣
2. ޢީދު ނަމާދަށް ހިނައިގަތުން ސުންނަތްވެގެންވެ އެވެ. އަދި ހުވަދު ލުންވެސް ސުންނަތްވެގެންވެ އެވެ. ރިވާޔަތުގައި ވެ އެވެ. “ابن عُمر ފިޠުރު ޢީދު ދުވަހުގައި ހިނައިގަންނަވައި ހުވަނދު ތުރުކުރައްވަ އެވެ.” صحيح مصنف عبد الرزاق 5752
3. ފިތުރު ޢީދު ދުވަހުގައި ނަމާދުގެ ކުރިއަށް ވިތުރި ޢަދަދަށް ކަދުރު ކެއުން ސުންނަތްވެގެންވެ އެވެ. ابن عَبَّاس ވިދާޅުވި އެވެ. “ފިތުރު ޢީދު ދުވަހުގައި ޢީދު ނަމާދަށް ދިއުމުގެ ކުރިން އެންމެ ކަދުރެއްގެ މިންވަރު ކަމުގައި ނަމަވެސް ކެއުމަކީ ސުންނަތެކެވެ.” صحيح/الموطأ ١٧٩/١ أَنَس ވިދާޅުވެފައިވެ އެވެ. “އޮނަހިރި ޢަދަދަކަށް ކަދުރު ފަރީއްކުޅުއްވުމަށް ފަހުގައި މެނުވީ ނަބިއްޔާ ފިޠުރު ޢީދު ނަމާދަށް ނުކުމެވަޑައިނުގަންނަވަ އެވެ.” البخاري
4. ޢީދު ނަމާދުގެ ކުރިއަށް އަދި ފަހުން ސުންނަތް ނަމާދެއް ވާރިދުވެގެން ނުވެ އެވެ. ގޭގައި ކުރާހިނދު، ނަމާދު ކުރުމަށް ތައްޔާރުކޮށްފައިވާ ތަނުގައި ސުންނަތް ނަމާދެއް ކުރުމެއްނެތި އިށީނުން ހުއްޓެވެ. އަދި އިމާމް ނަމާދަށް ގޮވަންދެން ތަކްބީރު ކިޔުމުގައި ދެމިހުންނާށެވެ. ابن عَبَّاس ވިދާޅުވި އެވެ. “رَسُول اللهِ އަޟްޙާ ޢީދު ދުވަހުގައި ނުވަތަ ފިޠުރު ޢީދު ދުވަހުގައި ނުކުމެވަޑައިގަންނަވާ (ޢީދު ނަމާދު) ދެ ރަކުޢަތަށް ކުރެއްވި އެވެ. އަދި ޢީދު ނަމާދުގެ ކުރިއަށް އަދި ފަހަށް ނަމާދެއް ނުކުރައްވަ އެވެ.” البخاري ٩٦٤ مسلم ٨٨٣
5. ޢީދު ނަމާދުގެ ކުރިއަށް ބަންގި އަދި ޤަމަތް ދިނުމެއް ނޯވެ އެވެ. الإِمَام ابن القَيِّم ވިދާޅުވެފައިވެ އެވެ. “ނަބިއްޔާ ޢީދު ނަމާދު ކުރައްވާ އިރު، ބަންގި އަދި ޤަމަތް ދެއްވުމެއްނެތި އަދި الصلاة جَامِعَة ވިދާޅުނުވެ ނަމާދު ކުރައްވަން ފައްޓަވަ އެވެ. ފަހެ، ސުންނަތަކީ މިއިން އެއްވެސް ކަމެއް ނުކުރުމެވެ.” زاد المعاد 1- 442
6. އީމާމްވެ ނަމާދު ކުރާ ފަރާތް ޢީދު ނަމާދު ކުރުމަށް ޤަޞްދުކޮށް ޙަރަމްބަންނަ ތަކްބީރާއެކު ޢީދު ނަމާދު ފަށާށެވެ. ފުރަތަމަ ރަކުޢަތުގައި ޙަރަމްބަންނަ ތަކްބީރަށްފަހުގައި 6 ތަކްބީރު ކިޔުން ހުއްޓެވެ. އެއީ عَائِشَة ގެ ޙަދީޘްގައިވާފަދައިންނެވެ. ރިވާޔަތުގައިވެ އެވެ. (التكبير في الفطر والأضحى الأولى سبع تكبيرات وفي الثانية خمس تكبيرات سوى تكبيرتي الركوع) “ފިޠުރު އަދި އަޟްޙާ ޢީދުގައި، ފުރަތަމަ ރަކުޢަތުގައި 7 ތަކްބީރު ކިޔުމެވެ. އަދި ދެވަނަ ރަކުޢަތުގައި ރުކޫޢަށް ދިއުމަށް ކިޔާ ތަކްބީރު ނުލައި 5 ތަކްބީރެވެ.” މި ޙަދީޘް أبو داود ރިވާ ކުރެއްވި އެވެ. އަދި الألباني إراواء الغليل 639 ގައި ޞައްޙަ ކުރައްވާފައިވެ އެވެ.
7. ފުރަތަމަ ރަކުޢަތުގެ ތަކްބީރުތަކަށްފަހުގައި ފާޠިޙާ ސޫރަތް ކިޔަވައި އެއަށްފަހު سبح اسم ربك الأعلى ކިޔުން ހުއްޓެވެ. އަދި ދެވަނަ ރަކުޢަތަށް ތެދުވެ ފަސް ތަކްބީރު ކިޔަައި ނިމުނުން ފާތިޙާ ސޫރަތް ކިޔަވައި އެއަށްފަހު هل أتاك حديث الغاشية އަދި އެހެން ނަމާދު ފަދައިން ނަމާދުކޮށް ނިންމާލާނީ އެވެ.