އަންހެނުން ކުޅިވަރު ކުޅުމަކީ ކޮންކަހަލަ ކަމެއް ތޯ؟ އަދި ދީނުގައި މިކަމުގެ ހުކުމަކީ ކޮބައިތޯ؟
ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله
ފޫހިވުމެއް ވަރުބަލިވުމެއް ނެތި، ﷲއަށް އަޅުކަން ކުރުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނާކަން ލިބިގެންވާ ކަމެއް ނޫނެވެ. އެގޮތުން ނަފްސަށް ބޭނުންވާ އަރާމާއި ހިތްހަމަޖެހުން ހޯދައި ދިނުމަކީ ނަފްސަށް ލިބިގެންވާ ހައްޤެކެވެ. އެހެނަސް ޙަލާލެއް ޙަރާމެއް ބެލުމެއްނެތި ކުޅިވަރާއި މަޖަލުގެ ތެރޭގައި އުޅުން އަހަރެމެންނަށް ހުއްދަވެގެން ނުވާނެއެވެ.
އަހަރެމެންނަށް ހުއްދަވެގެންވާ ކުޅިވަރުތަކުގެ ތެރޭގައި ޖިހާދަށް ތަމްރީނުލިބޭ ހިތްވަރާއި ޢަޒުމް އަށަގަނުވައިދޭ ކުޅިވަރުތައް ހިމެނިގެންވެއެވެ. ހަމައެފަދައިން ފެތުމާއި، އަސް ދުއްވުން އަދި ދުނިއުކުން ފަދަ ކުޅިވަރުތަކަކީ ފޫހި ފިލުމަށްވާ ހެޔޮ ކަންތައްތަކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ارْمُوا بَنِي إسْمَاعِيلَ فإنَّ أبَاكُمْ كانَ رَامِيًا “ދުނި އުކާބަޔަކު ކަމުގައި އިސްމާޢީލްގެ ދަރިފަސްކޮޅުވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ދުނި އުކާ ބޭކަލަކު ކަމުގައި ތިޔަބައިމީހުންގެ ބަފައިކަލުންވިއެވެ” (صحيح البخاري).
އެ ކުޅިވަރިތަކަކީ އޭގެ ސަބަބުން ޖިހާދަށް ތަމްރީނު ނުލިބޭ ކުޅިވަރުތަކެއް ކަމުގައިވާ ނަމަ، އެއްގޮތަކީ ކުޅިވަރުތަކަކީ ސީދާ ޙަރާމް ކަމެއްކަމަށް ނައްސުން ބަޔާންވެގެންވާ ކުޅިވަރެއް ކަމުގައިވުމެވެ. މިޘާލަކަށް ރާޒުވާ ފަދަ ކުޅިވަރެވެ. އަނެއްގޮތަކީ އެ ކުޅިވަރުތަކުގެ ތެރޭގައި ޙަރާމްވެގެންވާ ކަންތައްތަކެއް ހިމެނިގެންވުމެވެ. ނުވަތަ އެ ކުޅިވަރަކީ ޙަރާމް ކަމަކަށްވާ ވަޞީލަތެއް ކަމުގައި ވުމެވެ. މިފަދަ އެންމެހައި ޙާލަތެއްގައި ވެސް އެކަންކަމުން ދުރުވާން ޖެހޭނެއެވެ. އެހެނަސް އެކުޅިވަރެއްގައި ޙަރާމް ކަމެއް ނުވާނަމަ، މިޘާލަކަށް އެފަދަ ޙަރާމް ކަމެއް ނުވާގޮތަށް ފުޓްބޯޅަ ކުޅުމާއި، ބާސްކެޓްބޯޅަ ކުޅުމާއި މިފަދަ ކުޅިވަރުތައް ހުއްދަވެގެންވެއެވެ.
އެ ކުޅިވަރު ކުޅެވިގެންދަނީ ޖުވާގެ ގޮތުގައި ނުވުމާއި އަދި ﷲ ތަޢާލާ ހަނދުމަ ކުރުމުގެ މަތިން އޭގެ ސަބަބުން ޣާފިލް ނުވުމާއި އަދި ފައިދާއެއްނެތް ގޮތުގައި ގިނަ ވަޤުތުތަކެއް ބޭކާރުވާފަދަ ބީދައަކުން އެކަން ނުކުރުން، މިފަދަ ކަންތައްތަކަށް ބަލަން ޖެހޭނެއެވެ.
ސުވާލުގައި އަންހެނުން ކުޅިވަރު ކުޅުމުގެ ވާހަކަ ބަޔާންކޮށްފައި ވުމުން ބުނަމެވެ. ދަންނާށެވެ! އިސްލާމް ދީނަކީ ޙައްދުތަކެއް، އިންތަކެއް ލައްވާފައިވާ ދީނެކެވެ. އެއްވެސް ގޮތަކަށް އިންތައް ފަހަނައަޅައި ދިއުމަކީ އޭގެ ނުރައްކާ ބޮޑުވެގެންވާ އޭގެ ނިމުން އިންތިހާއަށް ހިތިވާނެ ކަމެއް ކަމުގައިވެއެވެ. ދެ ދުނިޔޭގައި ވެސް މެއެވެ. ﷲ ވަޙީ ކުރެއްވިއެވެ. وَمَن يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ “އަދި، اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހާ ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ”. ނުރައްކަލާއި، ނަތީއްޖާގެ ހިތިކަން ވަރަށްބޮޑެވެ.
އިސްވެ މަތީގައި ބަޔާންކޮށްފައި އެވަނީ ކުޅިވަރު ކުޅުމުގައި ހުއްދަވެގެންވާ ކަމާއި އަދި އެކަމުގައި ދީނުގައި ލެވިފައިވާ މިންގަނޑުތަކެވެ. ފަހެ މި އިންތަކުން ޙައްދުފަހަނައަޅައި، ދީނުގައި ޞަރީޙަ ސާފުކޮށް ބޮޑުވެގެންވާ ޙަރާމް ޢަމަލަށް އަރައިގަނެގެން ކުޅޭ އެއްވެސް ކުޅިވަރެއް ހުއްދައެއް ނުވާނެއެވެ. އެފަދަ މިޘާލުތައް ބަޔާން ކުރަމެވެ.
1. ޝަރުޢީ މިންގަނޑުން ހެދުން އެޅުމުގައި ވުމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(صنفانِ من أهلِ النارِ لم أرَهما قومٌ معهم سياطٌ كأذنابِ البقرِ يضربون بها الناسَ ونساءٌ كاسياتٌ عارياتٌ مميلاتٌ مائلاتٌ رؤوسُهنَّ كأسنِمَةِ البختِ المائلةِ لا يدخلْنَ الجنةَ ولا يجدْنَ ريحَها وإن ريحَها لتوجدُ من مسيرةِ كذا وكذا) صحيح مسلم
” ނަރަކައިގައިވާނެ ދެ ބާވަތެއްގެ މީހުން ވެއެވެ. ތިމަން ނަބިއްޔާ އެ ދެ ބައިމީހުން ނުދެކެމެވެ. (އެއް ބަޔަކީ) ގެރީގެ ނިގޫފަދަ ތަކެއްޗެއް އެބައިމީހުންގެ އަތްތަކުގައިވެ އެއިން އެބައިމީހުން މީސްތަކުންގެ ހަށިގަނޑުގައި ތަޅަމުންދާ މީހުންނެވެ. އަދި (ދެވަނަ ބަޔަކީ) ހެދުން ލައިގެން އޮރިޔާން ޙާލުގައިވާ އަންހެނުންނެވެ. ހިނގާފައި ދިޔުމުގައި މިސްތަކުން ލަންބުވާ އަދި ލެނބިގެންދާ އަންހެނުންނެވެ. އެ މީހުންގެ އިސްތަށިގަނޑު ވަނީ ޖަމަލުތަކެއްގެ ގޮށްގަނޑު ފަދައިންނެވެ. އެބައިމީހުންނަކީ ސުވަރުގެ ވަންނާނެ ބައެއް ނޫނެވެ. އަދި ސުވަރުގޭގެ ވަސް ވެސް ނުދުވާނެއެވެ. އަދި ހަމަކަށަވަރުން ސުވަރުގޭގެ ވަހާއި އެބައިމީހުންނާ ދެމެދުގައި އެވެނިމިވެނި މިންވަރެއްގެ ރާސްތާއެއްވެއެވެ“.
މިއަދު އެއްއަޑަކަށް އިވެނީ އަންހެނުންގެ ފުޓްބޯޅަގެ އަޑެވެ. އަންހެނުންގެ ވޮލީބޯޅައެވެ. އަންހެނުންގެ މެރެތަންއެވެ. ލައިގެން ތިބޭ ފޭރާމުގެ ބާރުކަމާއި އަދި ހަށިގަނޑު ސިފަވެފައިވާގޮތް ބަލަން ކުޑަ ވެސް ޢިއްފަތްތެރިކަމެއް އަދި ލަދުވެތިކަމެއް ހުރި މުސްލިމެއް ކިޔެއްތޯ ކާފަރުން ވެސް ފަސްޖެހޭނެއެވެ. އިސްވެ ބަޔާންވެގެންވާ ޙަދީޘްގެ ތެރެއަށް މި އަހުލުވެރިން ނުވަންނާނެ އެއްވެސް ނިޔާއެއް އޮންނާނެ ހެއްޔެވެ؟ އެބައެއްގެ މައްޗަށް ނަރަކައިގެ އަހުލުވެރިންގެ ސިފަ އައުމުން އޭގެ ނުރައްކަލުގެ ބޮޑުކަން ވިސްނެއެވެ.
ފަހެ، މި އަދު މި ކުޅިވަރުތައް ކުޅުމުގައި ލައިގެން ތިބޭ ފޭރާމަކީ އޭގެ ސަބަބުން އަންހެނުން ކުޅުމަށް ހުއްދަވެގެންވާނެ ކުޅިވަރެއް ނޫނެވެ. الإمام ابن تيمية ވިދާޅުވެފައި ވެއެވެ. ”(ޙަދީޘްގެ ލަފްޒުގައިވާ (كاسياتٌ عارياتٌ) ) “ހެދުން ލައިގެން އޮރިޔާން” އަކީ ހަށިގަނޑު ނިވާ ނުވާފަދަ ފޭރާންލުން ކަމުގައި ތަފްސީރު ކުރެވިފައި ވެއެވެ. ފަހެ، އެ އަންހެނާއަކީ ހެދުމެއް ލައިގެން ހުރި އަންހެނެކެވެ. އެހެނަސް ޙަޤީޤަތަކީ އެ އަންހެނާއަކީ އޮރިޔާމުން ހުރި އަންހެނެކެވެ. މިޘާލަކަށް، ހަށިގަނޑުގެ ހަންގަނޑުގެ ކުލަ އިނގޭފަދަ ތުނި ފޭރާމެއް ލައިގެން ހުރުން ނުވަތަ ހަށިގަނޑަށް ބާރު ފޭރާމެއް ލައިގެން ހަށިގަނޑުގެ ގުނަވަންތައް ފާޅުވެފައިވުމެވެ. މިޘާލަކަށް، އޭނާގެ ފޫކޮޅުގެ މަސްގަނޑު ނުވަތަ އަތުގެ ސިފަ ފާޅުވުމެވެ. ހަމަކަށަވަރުން އަންހެނާގެ ފޭރާން ވާހުށީ އަންހެނާ ފަރުދާވެވޭ އެއްޗެއްގެ ގޮތުގައެވެ. ހަށިގަނޑު ފާޅުވެގެން ނުވުމެވެ. އަދި ފޭރާމުގެ ފުޅާކަމާއި ބޮޑުކަމުން ގުނަވަންތަކުގެ ބައްޓަން ފާޅުނުވުމެވެ“(مجموع الفتاوى ،22-146).
ފަހުގެ ދުވަސްތަކުގައި ދުނިޔެއަށް ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ الإمام مُحمَّد بن صَالح العُثَيمين رحمه الله ވިދާޅުވެފައިވެއެވެ. ”ގަޔަށް ބާރު ހެދުންތަކަކީ ބޭރުފުށުން ފޭރާމެއް ކަމުގައި ވީނަމަވެސް ޙަޤީޤަތުގައި އޮރިޔާން ޙާލުގައި ވުމެވެ. ފަހެ، ހަމަކަށަވަރުން ހަށިގަނޑަށް ބާރު ހެދުންތަކުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ ބައްޓަން ފާޅުވުމަކީ އޮރިޔާން ޙާލުގައި ވުމެވެ“ (مجموع فتاوى ورسائل ٢٧٨/١٢).
ވީމާ، ކުޅިވަރު ހުއްދަކަމުގައިވީނަމަވެސް އެފަދަ ހެދުންތައް ލުމުން އެއީ އެގޮތަށް ކުޅުން ޙަރާމް ވެގެންވާކަން އެނގިގެން ދެއެވެ.
2. ދެޖިންސު މައްސުނިވުން؛ އެ ކުޅިވަރެއްގައި ދެޖިންސު މައްސުނިވުމަކީ، ކުޅިވަރުގެ ސަބަބުން ނޫނަސް ދީނުގައި ސާފު ޞަރީޙަ ދަލީލުން ހަރާމްވެގެންވާ ޢަމަލެކެވެ. ޝަރުޢީގޮތުން ކަނޑައެޅިފައިވާ ޤަވާޢިދުތަކުން ބަލައިލުމުން އެއީ ކޮންފަދަ ޢަމަލެއްކަން ބަޔާން ވެގެންދެއެވެ. الشَّيخ خَالد بن ضحوي الظفيري حفظه الله ވިދާޅުވެފައިވެއެވެ.”ނަމާދުގައި އަންހެނުންނަށް އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފަހަތު ސަފެވެ. އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ކުރީ ސަފެވެ. އެއީ ފިރިހެނުންގެ ސަފުތަކާއި ގާތްވުމުންނެވެ. އަންހެނުން މިސްކިތުގައި ނަމާދު ކުރުމަށްވުރެ އެކަނބަލުންގެ ގެތަކުގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ. އަންހެނާގެ ގާތަށް އޭނާގެ ފިރިމީހާގެ ބޭބެ ފަދަ ޢާއިލީގެ ގޮތުން ގާތް މީހަކު ވަނުމަކީ މަރު ކަމުގައި (ސިފަކުރެވިގެންވެ)އެވެ. މަގުމެދުން ހިނގުމުގެ ބަދަލުގައި މަގުގެ އަރިމަތިން ހިނގުމަށާއި، ހިނގާފައިދާހިނދު (އަރައިގެންހުންނަ ފައިވާން، ބޫޓުން ބިންމަތީގައި ޖެހުމުން އަޑު ނުގޮވާ އެއްޗަކަށް އެރުމަށް) އަމުރުކުރެވިގެން ވެއެވެ. ނިވާވެ، ޙިޖާބު ވުމަށް އަމުރުކުރެވިގެން ވެއެވެ. ގޭގައި ޤަރާރުވެހުރުމަށާއި ބެލުންތިރި ކުރުމަށް އަދި ހިތްތައް ލެނބޭފަދައިން ވާހަކަދެއްކުމުގައި މަޑުމޮޅިނުވުމަށް ވެސް އަމުރުވެގެން ވެއެވެ. މި އެންމެހައި ކަންތައްތަކުން ދަލީލު ކުރެވެނީ ދެ ޖިންސު މައްސުނިވުމަކީ ޙަރާމްވެގެންވާ ޢަމަލެއްކަމެވެ“.
އަންހެނުން ކުޅިވަރު ކުޅުމުގައިވާތަން ފިރިހެނުންގެ ލޯމައްޗަށް ހުއްޓި، އެކަނބަލުންނަށް ނަޟަރުހިންގުމަށްފަހު، އެއަށްފަހު އަރައިނުގަންނާނެ މުންކަރާތެއް ފާފައެއް ދީނުގައި ނޯންނާނެއެވެ. شَيْخُ الإِسْلاَم الإِمَامُ ابن تَيْمِيَّة رَحِمَه الله ވިދާޅުވެފައިވެއެވެ. “ފިރިހެނުންނާއި އަންހެނުން މައްސުނި ވެއްޖެ ހިނދުގައި، އޭގެ މަޤާމަކީ އަލިފާނާއި ދަރު މައްސުނި ވުމެވެ” (الإستقامة 1-163).
ފަހެ، ކުޅިވަރުތައް ކުޅޭނަމަ ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން މައްސުނި ނުވާނެގޮތާއި އަދި ނުފެންނަ ގޮތަށް ފަރުދާވާން ޖެހޭނެއެވެ. އެހެންނޫން ނަމަ އެވާނީ ޙަރާމް ޢަމަލަށް އަރައިގަނެ ﷲ ގެ ކޯފާގެ ތެރެއަށް ހުށެހެޅިގެން ދިއުމެވެ.
الإمام ابن القيم ވިދާޅުވެފައި ވެއެވެ. ”އެއްވެސް ޝައްކެތްނުވާ ގޮތުގައި، ފިރިހެނުންނާއި އަންހެނުން މައްސުނިވުމަށް ކުޅަދާނަކަން ލިބުމަކީ، ހުރިހާ ނުބައެއް އަދި އެންމެހައި ވަބާތަކުގެ އަޞްލެވެ. މިއީ (އަންހެނުންނާއި ފިރިހެނުން މައްސުނި ވުމަކީ) ޢާންމު ވެގެންވާ ޢުޤޫބާތް މީސްތަކުންގެ މައްޗަށް ފާޅުވުމަށް އޮތް އެންމެ ބޮޑުވެގެންވާ ސަބަބެވެ. އަދި ހަމައެފަދައިން މިކަމަކީ ޢާންމު ވެގެންވާ އަދި ޚާއްޞަވެގެންވާ އެންމެހައި ކަންތަކެއް ފަސާދަވާނެ ސަބެކެވެ. އަދި ފިރިހެނުން އަންހެނުންނާއި މައްސުނިވުމަކީ، ފާޙިޝް ކަންތަކާއި، ޒިނޭކުރުން ގިނަވާނެ ސަބެބެކެވެ“ (طرق الحكمية ، ص 281 ).
الإمام شيخ الإسلام ابن تيمية ވިދާޅުވެފައި ވެއެވެ. ”ހިލޭ ފިރިހެނަކު ހިލޭ އަންހެނުންނާއި މައްސުނިވެ އެކުވުމަކީ އެންމެ ބޮޑުވެގެންވާ މުންކަރާތްތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މި (މުންކަރާތަކީ) ބައެއް ވަލުޖަނަވާރުން ވެސް އެކަމާ ދެކޮޅުހަދާ ކަމެއްގެ ގޮތުގައިވެއެވެ. ފަހެ އާދަމު ދަރިން އެހިނދު ކޮންފަދައަކުން ވާނެ ހެއްޔެވެ!“ (جامع المسائل٢١٩/٥).
3. ފިރިހެނުންގެ ފޭރާން އަންހެނުން ލުމާއި އަދި އަންހެނުންގެ ފޭރާން ފިރިހެނުންލުން؛ ފަހެ، ފިރިހެނުނަށް ޚާއްޞަ ފޭރާމްތަކެއް ވެއެވެ. އެއީ ފިރިހެނުންނާއި އެކަށީގެންވާ ފޭރާމެވެ. އަދި އަންހެނުންނަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ ފޭރާންތަކެއް ވެއެވެ. އެންމެހައި މައިދާންތަކުގައެވެ. ފަހެ، އަންހެނުން ފިރިހެނުންނާ އެއްގޮތްވުން، އެއްވަތްތަރުވުން މިއީ އެ ބަޔަކަށް ﷲ ގެ ލަޢުނަތް ހުށެހެޅިގެންދާނެ ކަމެކެވެ.