ރުކޫޢު އިން ތެދުވެ سمع الله لمن حمده ކިޔުމަށްފަހު ربنا ولك الحمد މިތަންކޮޅު ހަނދާނަށް ނައުމުގެ ސަބަބުން ނުކިޔާ ނަމާދު ކޮށްފިނަމަ، ނަމާދު ފުރިހަމަ ވާނެ ތޯ؟ އެފަދަ މީހަކު ކުށު ސަޖިދަ ކުރަން ޖެހޭނެ ތޯ؟
ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله
ސުވާލުގެ ޖަވާބު އެނގިގަތުމަށްޓަކައި ނަމާދުގެ ވާޖިބުތައް ދެނެގަންނަށް ޖެހެއެވެ. ނަމާދުގެ ވާޖިބުތަކަކީ އަށެކެވެ. އެއީ:
- ހަރަމްބަންނަ ތަކުބީރު ފިޔަވައި ނަމާދުގައި ކިޔާ ހުރިހައި ތަކްބީރުތައް،
- ރުކޫޢުގައި ކިޔާ “سبحان ربي العظيم” ،
- އިމާމް އަދި ވަކިން ނަމާދު ކުރާ މީހާ ކިޔާ “سمع الله لمن حمده” ،
- “ربنا ولك الحمد” ނަމާދުކުރާ ކޮންމެ މީހަކު ކިޔަންޖެހޭ،
- ސަޖިދައިގައި ކިޔާ “سبحان ربي الأعلى”
- ދެ ސަޖިދަ ދެމެދު ކިޔާ “رب اغفر لي” ،
- ފުރަތަމަ އައްތަހިޔާތު ކިޔުން،
- ފުރަތަމަ އައްތަހިޔާތު ކިޔުމަށް އިށީނުން، މިއެވެ.
މި ވާޖިބުތައް އެނގިގަތުން މުހިންމުވެގެންވާ ސަބަބަކީ، އެއްވެސް ވާޖިބެއް ހަނދާން ނެތިގެން ދޫކޮށްލެވިއްޖެނަމަ، ކުށުސަޖިދަ ކުރުމުން އެ ހަދާންނެތުނު، ވާޖިބު ފުރިހަމަ ކޮށްދޭނެއެވެ.
الإمام شَيخ الإسلام محمد بن عَبد الوهاب-رحمه الله- ވިދާޅުވެފައިވެއެވެ. “ރުކުނެއް ހަނދާން ނެތިގެން ނުވަތަ ޤަސްތުގައި ދޫކޮށްފި ނަމަ، އޭނާގެ ނަމާދު ބާޠިލްވާނެއެވެ. ވާޖިބެއް ގަސްތުގައި ދޫކޮށްފި ނަމަ، އޭނާގެ ނަމާދު ބާޠިލްވާނެއެވެ. ހަނދާން ނެތިގެން ދޫކޮށްލެވިއްޖެ ނަމަ، އޭނާއަށް އޮތީ ކުށުސަޖިދަ ކުރުމެވެ. والله أعلم”.
މިތަނުގައި އިމާމް ވިދާޅުވެފައިވާ ނުކުތާގެ މައްޗަށް ބުނަމެވެ. ރުކުނެއް ޤަސްތުގައި ދޫކޮށްލައިފިނަމަ، އޭނާގެ ނަމާދު ބާޠިލްވާނެއެވެ. އޭގެ މިޘާލަކީ، ދެ ސަޖިދަ ކުރުމުގެ ބަދަލުގައި އެއް ސަޖިދަ ކޮށްފައި ތެދުވީއެވެ. ޤަޞްތުގައި ދޫކޮށްލުމުން އެނާގެ މުޅި ނަމާދު ބާޠިލްވީއެވެ.
އޭގެ ބަދަލުގައި ރުކުނެއް ހަނދާން ނެތިގެން ދޫކުރެވުނީއެވެ. ދެވަނަ ސަޖިދަ ނުކޮށް އަނެއް ރަކުޢަތަށް ތެދުވީއެވެ. އެއަށްފަހު ހަނދާންވިއެވެ. އެހިނދު ސަޖިދަ ދޫކުރެވުނު ރަކުޢަތް ބާޠިލްވާނެއެވެ. ހަމަ އެފަދައިން ރުކޫޢު ހަނދާން ނެތުނީއެވެ. އެއަށްފަހު އެނގުނީއެވެ. އެހިނދު އެ ރުކޫޢު ދޫކުރެވުނު ރަކުޢަތް ބާޠިލްވާނެއެވެ. އެހެންވުމުން، އެ ރަކުޢަތް އަލުން ކުރުމާއެކު، ނަމާދު ގައި ކުށު ސަޖިދަ ކުރަން ޖެހޭނެއެވެ. އެހިނދު އެމީހެއްގެ ނަމާދުވާނީ ފުރިހަމަ ވެގެންވެއެވެ.
މިއަދު މަދީނާގައި ތިއްބެވި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة عَبد المحسن العباد-حفظه الله- ވިދާޅުވެފައިވެއެވެ. “ވާޖިބުތަކަކީ ޤަސްތުގައި ދޫކޮށްފި ނަމަ، ނަމާދު ބާޠިލްވާނެކަންކަމެވެ. ހަނދާން ނެތިގެންެ ދޫކުރެވިއްޖެ ހިނދުގައި، ކުށުސަޖިދަ ކުރުމަށް މަޖްބޫރުވާނެއެވެ”.
ވީމާ، މައްސަލަ ސާފުވެގެންވެ، ބަޔާންވެގެން ހިނގައްޖެއެވެ. ދިމާވެފައިވަނީ ނަމާދުގެ ވާޖިބެއް ދޫކުރެވިފައިވުމެވެ. ނަމާދުން ވަނީ ބައެއް މަދުވެފައިއެވެ. އެއީ، ހަނދާން ނެތިވެގެން ދޫވެވުނު ވާޖިބެއް ކަމުގައިވުމުން ކުށުސަޖިދަ ކުރުން ހުއްޓެވެ.